43 މެމްބަރުން ހަމަނުވިޔަސް ގަރާރަށް ވޯޓަށް އަހަން ޕީޕީއެމް/އެމްޑީއޭ އިން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި 43 މެމްބަރުން ހަމަނުވިޔަސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅޭ ގަރާރަށް ވޯޓަށް އަހަން، ޕީޕީއެމާއި އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.


ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން އެގޮތަށް ނިންމެވީ، ޕީޕީއެމް އޮފީހުގައި ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ކުއްލި ބައްދަލުވުމެއްގަ އެވެ.

ޕީޕީއެމްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި 22 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ސަރުކާރު ކޯލިޝަންގައި ޖުމްލަ 41 މެމްބަރުން ތިއްބަވަ އެވެ.

ފެބްރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ 15 ދުވަސް މިރޭ 8:00 އަށް ހަމަވާއިރު، އޭގެ މުއްދަތު ދިގުކުރެވެން އޮތީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ. އެ ގަރާރު މަޖިލީހުން ފާސްކުރާ އިރު ތަޅުމުގައި މަދުވެގެން 43 މެމްބަރުން ތިބެން ޖެހޭނެ ކަމަށް، ގާނޫނުއަސާސީ ބުނެ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ވިދާޅުވީ 43 މެމްބަރުން ހަމަކުރެވޭތޯ އިދިކޮޅު ބައެއް މެމްބަރުންނާ ވެސް ވާހަކަދެއްކި ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކާމިޔާބުނުވުމުން، 43 މެމްބަރުން ނުތިއްބެވިޔަސް ޖަލްސާ ކުރިއަށް ގެންދަން ނންމީ، މެމްބަރު ވިދާޅުވި ގޮތުގައި "އިތުރު ގޮތެއް ނެތިގެން"ނެވެ.

މަޖިލިހަށް އިއްޔެ އެ ގަރާރު ހުށައަޅުއްވައި، ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމައި ދިނުމަށެވެ.

އެކަމަކު މަޖިލިހުގައި ސަރުކާރުގެ އަގުލަބިއްޔަތު މިހާރު ގެއްލިފައި ވާތީ 43 މެމްބަރުން ހަމަކުރުމަކީ، އިދިކޮޅު ކޯލިޝަންގެ އެހީއެއް ނެތި، ކުރެވޭނެ ކަމެއް ނޫނެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދު ކަމަށްވާ 85 މެމްބަރުންނަށް ބަލާއިރު 43 މެމްބަރުންނެވެ.

ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމަލުނުކޮށް، އެއީ ދައުލަތް ހުއްޓުވާލަން ކުރި ކަމެއް ކަމަށް ބުނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.