އެންޓި ޑިފެކްޝަން ބިލާ މެމްބަރުން ދެކޮޅެއް ނޫން، ވޯޓާ ހަމައަށް ދާނެ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލާ، ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ދެކޮޅު ކަމަށް ދައްކާ ވާހަކަތައް އެ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ދޮގު ކުރައްވައިފި އެވެ.


ނިހާން "މިހާރު" އަށް ވިދާޅުވީ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ 99 ޕަސެންޓް މެމްބަރުން ބިލާ ދެކޮޅު ކަމަށް ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށެވެ. އެކަމަކު، މި ބިލާ މެދު ބައެއް މެމްބަރުންގެ ވަރަށް ބޮޑަށް ހިޔާލު ތަފާތުވި ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ، އެއީ މައްސަލައެއް ނޫން ކަމަށެވެ. މަޖިލީހަށް ހުށަހަޅާ ބިލަކާ ގުޅޭގޮތުން އެ މެމްބަރަކު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމުގެ ފުރުސަތު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި އަބަދުވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލްތައް އަބަދުވެސް ކުރިއަށް ގެންދަނީ، ނިހާން ވިދާޅުވި ގޮތުގައި، މެމްބަރުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ފަރުވާއެއް ހޯދުމަށް ފަހު އެވެ. ޑިމޮކްރެސީގެ އަސާސަކީ އެންމެ މީހަކު ނުވަތަ ދެ މީހަކު ބޭނުންވާ ގޮތް ހެދުން ނޫން ކަން ވެސް ނިހާން ފާހަގަކުރެއްވި އެވެ.

މުލިއާގޭގައި މިއަދު ބޭއްވި ޕީޕީއެމް/އެމްޑީއޭ ޕީޖީ ގްރޫޕްގެ ބައްދަލުވުން. - ފޮޓޯ: ނިހާނު

އޭނާ ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ އެކު މުލިއާގޭގައި ގާތްގަނޑަކަށް ތިން ގަޑިއިރަށް މިއަދު ދިގު ދެމިގެން ދިޔަ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި، އެންޓި ޑިފެކްޝަން ބިލާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައި، މެމްބަރުން ދެއްކެވި ވާހަކަތައް ލިޔެފައި އެބަހުއްޓެވެ.

މެމްބަރުންތަކަކާ ހަވާލާދީ، "މިހާރު" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތަށް، 99 މެމްބަރުން ބިލާ ދެކޮޅެއް ނުހަދާ ކަމަށް ނިހާން ތަކުރާރުކޮށް ވިދާޅުވި އެވެ.

"މި ބިލާ ގުޅޭ ގޮތުން މަޝްވަރާކުރަން އަޅުގަނޑުމެން 41 މެމްބަރުންގެ ތެރެއިން 36 މެމްބަރުން ހާޒިރުވި. އެ ބޭފުޅުންގެ ތެރެއިން 99 ޕަސެންޓް ބިލާ ދެކޮޅު ކަމަށް ވިދާޅުވަންޏާ، އެއީ ރަނގަޅު ވާހަކައެއް ނޫން. އެ ބޭފުޅުން ދެއްކި ވާހަކަ ލިޔަމުން ދިޔައީ އަޅުގަނޑު. ބިލާ އިދިކޮޅުތޯ، އިސްލާހާ އެކު ފާސްކުރަން ބޭނުންތޯ؟" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްދަލުވުމުގައި، އެ ބިލާ ދެކޮޅު ހެއްދެވީ "ދެތިން މެމްބަރަކު" އެކަނި ކަމަށެވެ. އެއީ، ކޮން މެމްބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

"އެ ބޭފުޅުންގެ ވިސްނުން އެހެން ހުރި ނަމަވެސް ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ފަހު ވަގުތު ހިޔާލު އެއްގޮތްވެ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހެދުމަކީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ. ރާއްޖޭގެ މިހާރު އޮތް ހާލަތަށް ބަލާއިރު، މިއީ ކޮންމެހެން މުހިއްމު ބިލެއް ކަމަށް ނިހާން ދެކެވަޑައިގަންނަވަ އެވެ.

ނިހާން މިރޭ ކުރެއްވި ޓުވީޓް

"އެހެންކަމުން މަޖިލީހުގެ ހުރިހާ ހަރުފަތްތަކެއް ގިރާކުރުމަށް ފަހު މި ބިލް ވޯޓާ ހަމައަށް ދާނެ،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލްގެ ލަފާ ހޯއްދެވި ކަން ފާހަގަކުރައްވައި ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަތަކުން ގާނޫނީ ސުވާލުތައް މެމްބަރުންނަށް ސާފުވެގެން ދިޔަ ކަމަށެވެ. އެހެންކަމުން ވޯޓާ ހަމައަށް ދާއިރު، ބިލާ މެދު މެމްބަރުންގެ ހިޔާލު އެއްގޮތްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ. އެކަމަކު މިއީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ. އެހެން ކަމުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ ގާނޫނީ ހުރިހާ ބޭފުޅުންގެ ހިޔާލު ވެސް ކޮންމެހެން އެއްގޮތްވާކަށް ނުޖެހޭ ކަމަށެވެ. ބަންޑާރަ ނައިބާއި ސަރުކާރުގައި ތިއްބެވި ވަކީލުންނަށް މިއީ މުހިއްމު ބިލެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އަދި ގާނޫނުއަސާސީއާ ޚިލާފު ބިލެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި މާނަ ނަގަން ޖެހެނީ ގާނޫނުއަސާސީގެ އެންމެ މާއްދާއަކުން ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާބު ފެށޭ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި މެމްބަރުން ކުރަންވީ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަން ފާހަގަ ކުރައްވައި ވިދާޅުވީ ރާއްޖޭގައި ގާނޫނެއް ނުހެދޭނީ އިސްލާމްދީނުގެ އަސްލަކާއި އުސޫލަކާ ޚިލާފުވާ ގޮތަށް ކަމަށެވެ.

"މި ބިލުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް ނުހިމެނޭ. ގާނޫނުއަސާސީގެ އިސް، ފަސްވެފައިވާ ތަރުތީބަށް ބަލާއިރު ވެސް މި [ބިލްގެ] މަސައްކަތް މަޖިލީހަކު ނުކުރެވޭނެ ކަމަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާނޫނުއަސާސީއާ ވެސް ޚިލާފެއް ނޫން. މުޅި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު އެންމެ މާއްދާއަކުން އެ ރޫހު ލިބިގެން ކަންތައްތައް ނިންމޭކަށް ނޯވޭ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށް ވާނަމަ، އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އެ ބިލްގައި ގޯހެއް އުޅޭ ނަމަ ކޯޓުން އެކަމަށް ގޮތެއް ކަނޑައަޅާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.