މުލަކު ގެއިން އާތު ރޮޑެއް ނަގައިފި، އެކަމަކު ދުން އަރާ ސަބަބެއް އަދިވެސް ނޭނގެ!

މ. މުލަކު ގެއެއްގެ ތެރެއިން ދުންއަރާ ސަބަބު ހޯދަން ހިންގާ އޮޕަރޭޝަނުގައި އެ ސަރަހައްދު ކޮނެގެން، ގާތްގަނޑަކަށް ހަތަރު ފޫޓުގެ އާތު ރޮޑެއް ރޭ ނަގައިފި އެވެ. އާތު ރޮޑަކީ، ކަރަންޓުގައި ހިމެނޭ އާތު ނަރު ގުޅާފައި އިންނަ އެއްޗެކެވެ. ހޮނުއެޅުން ފަދަ ކަންކަމުން ރައްކާތެރިވާން ވަރަށް ގިނަ އިމާރާތްތަކުގައި ވެސް އާތު ރޮޑު ޖަހާފައި ހުރެ އެވެ.


އާތު ރޮޑު ނެގުމާއެކު އެ ސަރަހައްދުގެ ހޫނު މިން ކޮންމެވެސް ވަރަކަށް ދަށްވާން ފެށުމުން، ފުލުހުން ހީކޮށްގެން ތިބީ، ބިމު އަޑިން ދުން އަރައި ބިންގަނޑު ހޫނުވަނީ އެ ދަގަނޑާ ހެދި ކަމަށެވެ. އެކަމަކު މިއަދު ހެނދުނު ބެލިއިރު ވެސް ބިންގަނޑުގެ ހޫނު މިން އަދިވެސް ހުރީ 53 ޑިގްރީގަ އެވެ. އެހެންވެ ބިންގަނޑު ހޫނުވެ ދުން އަރަނީ އެ ސަބަބާ ހެދި ކަން އަދި ކަށަވަރެއް ނުކުރެވެ އެވެ.

ދުންއަރާ ސަރަހައްދުގެ ފިނި ހޫނުމިން ފުލުހުން ބަލަނީ: އާތު ރޮޑު ނެގުމުން ކޮންމެވެސް ވަރަކަށް ހޫނު މިން ވަނީ ދަށްވާން ފަށާފައި. --ފޮޓޯ: މުލަކު ކައުންސިލް

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މުލަކު ސޯސަންގޭގެ ސަރަހައްދަކުން ދުން އަރަނީ ކަރަންޓް ޝޯޓަކުން ނޫން ކަން މިހާރު ޔަގީންކުރެވިފައިވާ ކަމަށެވެ.

"އާތު ރޮޑު ނެގި ފަހުން ޓެމްޕަރޭޗާ ދަށަށް ދާކަން ފާހަގަކުރެވުނު. އެކަމަކު ދުން އެރީ އޭގެ ސަބަބުން ކަމަށް ސީދާ އަދި ބުނާކަށް ނޭނގެ، އަދިވެސް އިތުރަށް މޮނިޓަކުރަމުން އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މުލަކު ސޯސަންގޭގައި ދުންއަރާ ސަރަހައްދު: --ފޮޓޯ: މުލަކު ކައުންސިލް

ސޯސަންގޭ ސިޓިންރޫމުގެ އެއް ކަނާ ދިމާލު ބޭރުން، އާދަޔާ ހިލާފަށް ހޫނު ކަން އިހްސާސްކުރެވޭތާ ދެ ދުވަސް ވެއްޖެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. ފުލުހުންނާއި ކައުންސިލަށް ރިޕޯޓްކުރީ ދުން އަރަން ފެށުމުންނެވެ.

"ވަރަށް ގަދައަށް ތަނެއްގައި ރޯވެފައި ހުއްޓައި ފެން ޖަހައި ނިއްވާލީމަ އަރާ ކަހަލަ ދުންތަކެއް އަރަނީ. އެ ސަރަހައްދަށް ކައިރި ވެވުނީ ވެސް މާސްކް އަޅައިގެން،" ކައުންސިލް މެމްބަރު އިބްރާހިމް ލަތީފް ވިދާޅުވި އެވެ.

ބިންގަނޑު އާދަޔާ ހިލާފަށް ހޫނުވާ ސަބަބު ދެނެގަތުމަށް ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: މުލަކު ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި އާތު ރޮޑު ނެގުމުގެ ކުރިން ބިންގަނޑުގެ ހޫނު މިން ހުރީ 62 ޑިގްރީގަ އެވެ. އެކަމަކު ރޮޑު ނެގި ފަހުން މިހާރު އެތަނުގެ ހޫނު މިން ވަނީ 53 ޑިގްރީ އަށް ވެއްޓިފަ އެވެ. މިހާރު ހޫނު މިން ހުރި ވަރުން ވެސް ބިންގަނޑުގައި އަތް ނުލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް ދުން އެރުން ނުހުއްޓޭ. ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.

އެރަށުގައި ފުލުހުންގެ އިތުރުން ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.