ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވި މީހަކަށް އައިސީޔޫގައި ފަރުވާ ދެނީ

ހުޅުމާލޭގެ މަގެއްގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި، ސައިކަލަކުން ދިޔަ މީހަކު ރޭ ޖެހި އޭނާގެ ހާލު ސީރިއަސް ވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.


ރޭ 9:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ދޭތެރެދޭތެރެ އިން ފިޓުޖެހޭ މީހަކަށް ކަމަށް ވެ އެވެ. އުމުރުން 32 އަހަރުގެ އެ މީހާ އެކްސިޑެންޓު ވީ ވެސް ފިޓު ޖެހުމުން ކަމަށް އެނގިފައި ވެ އެވެ.

އެކްސިޑެންޓަށް ފަހު، އެ މީހާ އަށް ފަރުވާ ދޭން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލީ ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު ގެއްލުމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ހާލު ސީރިއަސް ކަމުން އަދިވެސް އޮޕަރޭޝަން ކުރެވޭ ވަރު ނުވާ ކަމަށް ވެ އެވެ.

"އެ މީހާ [ހުޅުމާލޭ ހޮސްޕިޓަލަށް] ގެނައިއިރު ވެސް ވަރަށް ހާލު ދެރަ. އެހެންވެ މިކޮޅުން އަވަހަށް ފޮނުވާލީ އޭޑީކޭ އަށް،" އާސަންދަ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.