ހުޅުމާލޭގައި 71 ގޮޅި ހިމެނޭ ޒަމާނީ ފެންވަރުގެ މާރުކޭޓަކާއި ފުޑް ކޯޓެއް ހިމެނޭ ބިލްޑިންއެއް ހަދަން ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓް) ކިޔާ ކުންފުންޏާ ހަވާލުކޮށްގެން ހަދާ ބިލްޑިންގެ މަސައްކަތް އަންނަ ޖުލައި މަހު ނިމޭނެ ކަމަށެވެ. އެތަނުގައި ހިމެނެނީ ރާއްޖޭގެ އުފެއްދުންތައް ވިއްކަން 63 ގޮޅި އާއި ކެފޭ ގޮތަށް ހިންގަން އަށް ގޮޅި އެވެ.
"މިއީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް މުހިންމު ތަނެއް. މިތަނުގައި ހުންނާނެ ދިވެހިންނަށް މަހާއި ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަކުރެވޭ ސްޓޯލްތަކެއް. އޭގެ އިތުރުން ދެން ހިމެނޭނީ ކާބޯތަކެތި ވިއްކާ ސްޓޯލްތައް،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ދެކުނަށް އޮންނަ ސަރަހައްދުގައި މާރުކޭޓާއި ފުޑް ފުޑްކޯޓް ހިމެނޭ ބިލްޑިންގެ ފައުންޑޭޝަން ނިންމައި، ފުޑްކޯޓުގެ ރޭނުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ އިމާރާތުގެ ފުރާޅުގެ މަސައްކަތް ވެސް އަންނަ މަހު ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގައި މިހާރު ވެސް މަހާއި ދިވެހި އުފެއްދުންތައް ވިއްކަން މާރުކޭޓެއް މައި ބަސް ސްޓޮޕް ކައިރީގައި ހިންގަ އެވެ.