ފުލުހުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އުފަން ދުވަސް މިއަދު ފާހަގަކުރާ އިރު، ކައިރީގައި އޭނާ ނެތުމުން އެންމެ ބޮޑު ހިތާމައެއް އޮތީ ފަސް އަހަރުގެ ދަރިފުޅު އިއްޒުއްދީން ފާރިސް މައުމޫން އަށެވެ.

ފާރިސްގެ އަނބިކަނބަލުން މަރިޔަން ލީޝިޔާ ވިދާޅުވި ގޮތުގައި، ފާރިސްގެ އުފަން ދުވަހު އޭނާގެ ކައިރީގައި ހުރުމަކީ އިއްޒުއްދީން، މިދިއަ އަށް މަސް ދުވަހު ކުރަމުން އައި ދުއާއެކެވެ.

އެކަމަކު މިފަހަރު އެކަން ފުރިހަމައެއް ނުވި އެވެ.

"މިހާރު އަހަރެމެންގެ ފަސް އަހަރުގެ ދަރިފުޅުގެ ހަމައެކަނި އެދުމަކީ އޭނާގެ ހަ ވަނަ އުފަން ދުވަސް ފާހަގަކުރަން ބައްޕަ އެނބުރި އައުމެވެ،" ލީޝިޔާ ކުރެއްވި ޓްވީޓެއްގައި ލިއުއްވި އެވެ.

އިއްޒުއްދީންގެ އުފަން ދުވަހަކީ މޭ 27 އެވެ.

ލީޝިޔާ ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް ފާރިސް ހައްޔަރުކޮށްގެން ގެންގުޅުމުން އޭގެ އެންމެ ބޮޑު އަނިޔާއެއް ލިބެނީ ކުށެއް ނެތް ކުޑަކުއްޖަކަށެވެ.

މިދިއަ އަހަރުގެ ޖުލައި މަހު ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގަ އެވެ. މިހާރު ހައްޔަރުކޮށްގެން ގެންގުޅެނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

ފާރިސް ރިޝްވަތު ދެއްވި ކަމަށް ފުލުހުން ތުހުމަތުކުރާ މެމްބަރު، އެންމެ ފަހުން އޮތް ޝަރީއަތުގައި ހެކި ބަސް ދެއްވީ ފާރިސްއާ އެއްކޮޅަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފާރިސް ރިޝްވަތު ހުށައަޅުއްވާފައެއް ނުވެ އެވެ.

އެގޮތަށް ހެކި ބަސް ދިނުމުން ފާރިސް ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށް އޭނާގެ ވަކީލުން އަންނަނީ ބުނަމުންނެވެ. އެކަމަކު އޭނާ މިހާރު ވެސް ހުންނެވީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.

ފާރިސް އަކީ އޭނާގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން ސާރުކާރާ ދެކޮޅަށް މަސައްކަތްކުރައްވާ ސިޔާސީ އެއް ލީޑަރެވެ. އޭނާ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 12 މެމްބަރަކު ސޮއިކުރެއްވި ހިސާބުންނެވެ. އެ ސޮއިތަކާ އެކު ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލުނެވެ.

އޭގެ ފަހުން އުފެދުނު ސިޔާސީ ހަލަބޮލިކަން އަދިވެސް ދަނީ ކުރިއަށެވެ.