02 އެޕްރީލް 2017 - 08:34
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ބުދަދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކުރުމާ ގުޅިގެން، އެމްއެމްއޭ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން އެއް ބަޔަކު އެންމެ އަޅައިގަތް އެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. ހާއްސަކޮށް އެ ރޭ ވަކި ހިސާބަކުން ފާރިސް އެހެން ތިން ބޭފުޅަކާ އެކު ޖުމްހޫރީ މައިދާނުގެ ގާފޮޅެއްގެ މަތީގައި އިށީނދެ ވަޑައިގަތުމުން ބައެއް މީހުންގެ ކެމެރާތައް ފާރިސް އަށް އަމާޒުވި އެވެ. އަދި އެެއީ އެ ރޭ ސޯޝަލް މީޑިއާގައި އެންމެ ހިނގި، ގިނަ ބައެއްގެ ބަހުސަކަށް ވީ ވެސް އެ ފޮޓޯ އެވެ.
ފާރިސްގެ ނަޒަރުގައި އެ ރޭ އެ ފެނުނީ އޭނާ އަށް އާ ކަމެއް ނޫނެވެ. ކުރިން ވެސް އެ ގާފޮޅުމަތީގައި އޭނާ އިށީނދެވަޑައިގަންނަވަ އެވެ. އެކަމަކު އެއީ ކޮން ބޭފުޅެއް ކަން އާންމުންނަށް އެހާ ބޮޑަށް އޭރު ނޭނގޭތީ އަޅައިނުގަންނަނީ ކަމަށް ވެދާނެ ކަމަށް ފާރިސް ވިދާޅުވި އެވެ. އެއީ ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު މިއަދުގެ ސިޔާސީ ހަލަބޮލިކަމުގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އެންމެ އިސްކޮށް ފެންނަ އެއް ބޭފުޅަކީ ފާރިސް ކަމުން އާންމުން ދެކޭ ގޮތް ތަފާތުވީ އެވެ. އިދިކޮޅު ގިނަ ބަޔަކު އެއްވާ ތަނެއްގައި ފާރިސް އިސްކޮށް ހުންނަވާ ނަމަ އެއީ އަދި އާ ކަމެކެވެ.
ޖޭޕީގެ ލީޑަރު ގާސިމް މިދިޔަ ބުދަދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކުރުމުން، އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުން ފާރިސް އާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ މައިދާނުގެ ގާފޮޅުމަތީގައި އިށީނދެވަޑައިގެން.---ފޮޓޯ: ސޯޝަލް މީޑިއާ
މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް އެއް ވިސްނުމެއްގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވުމާ އެކު، މައުމޫންގެ ފަރާތްޕުޅުން އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ އެކު މުޅި ސިޔާސީ މަސްރަހު "ގުޑުވާލާފައި" ވާއިރު އެ ބޮޑު މަސައްކަތުގެ އެއް މޭސްތިރިއަކީ ފާރިސް އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީން މީގެ ކުރިން ކުރަން އުޅެ، ނުވި ކަންތަކާ ފާރިސް ހަވާލުވެވަޑައިގަތުމުގައި ސަބަބުތަކެއް ވެސް ހުންނާނެ އެވެ. އެހެން ނޫން ނަމަ، މަޖިލިހުގައި ހުންނެވި އެންމެ ޖޫނިއަ އެއް މެމްބަރު މިކަމަށް ނުކުމެވަޑައެއް ނުގަތީ އެވެ.
"މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވީ، މަސީހް މަގާމުން ވަކިކުރުމުގެ ކަންތައްތަކުގައި އޭނާ އިސް ނެންގެވި މައިގަނޑު ސަބަބަކީ ބައްޕާފުޅު މައުމޫންގެ ޝައުގުވެރިކަން ހުރި މިންވަރު މަޖިލިހުގައި ތިއްބަވާ ޕީޕީއެމްގެ މެމްބަރުންނަށް ހާމަކޮށްދެއްވަން ފަސޭހަވާނެތީ އެވެ. ސަބަބަކީ ޕީޕީއެމްގެ ގިނަ މެމްބަރުން މަޖިލީހުގެ ހަފޮޅުން އެތެރެއަށް ވަޑައިގަތީ މައުމޫންގެ ތާއީދު އޮތް ދާއިރާތަކުގެ ވޯޓާ އެކު ކަމަށް ވާތީ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ފާރިސް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
"އެބޭފުޅުން ގަބޫލުފުޅު ކުރައްވާނެ 2019 ވަނަ އަހަރު [ރައްޔިތުންގެ މަޖިލިހަށް] ކުރިމަތިލައްވާ ނަމަ ރައީސް މައުމޫންގެ ތާއީދު ލިބިވަޑައިގަތުން ވަރަށް މުހިންމު ކަމަށް. ރައީސް މައުމޫން ހުންނެވި ގޮތަކަށް މެމްބަރުންނަށް ތިއްބެވުމަށް ފަސޭހަވާނެ ކަން ވެސް އަޅުގަނޑަށް އެނގޭ. އެހެން ފިއްތުންތަކެއް ކުރިމަތި ނުވާ ނަމަ އެ ބޭފުޅުން ތިއްބަވާނީ ވެސް އެގޮތަށް. އަޅުގަނޑުމެންގެ ތެރެއިން އެހެން އެމްޕީއަކު ނުކުމެވަޑައިގަތީމާ އެ މެސެޖް އެހާ ސާފު ނުވެދާނެކަން އެނގޭ،" ފާރިސް ވިދާޅުވި އެވެ.
ސިޔާސީ ދާއިރާގެ އެންމެ ކުރީ ސަފުން ފާރިސް ފެންނަން ފެށީ އަދި ކިރިޔާ ކަމަށް ވިޔަސް އޭނާއަކީ ފަރުދާގެ ފުރަގަހުގައި ސިޔާސީ ހަރަކާތްތައް ހިންގަވަމުން ގެންދެވި ބޭފުޅެކެވެ. މައުމޫން 2008 ގެ އިންތިޚާބުގައި ވާދަކުރެއްވި އިރު އެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ފާރިސް އެވެ. އަދި ފަހުން މައުމޫނަށް ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގަންނަވާ ހުރިހާ ގޮންޖެހުންތަކުގައި އެންމެ އަރިހުގައި ހުންނެވީ ވެސް އޭނާ އެވެ. މައުމޫނާއި ކޮއްކޯފުޅު ރައީސް ޔާމީންގެ މެދުގައި މިހާރު އުފެދިގެން އުޅޭ "ދެން ކައިރިވުން ދުރު" ދެކޮޅުވުމުގައި ވެސް މައުމޫންގެ ފަރާތްޕުޅުން އެންމެ އިސްކޮށް ހުންނެވީ ފާރިސް އެވެ.
އެހެންވެ އޭނާއަކީ ރާއްޖޭގެ ވެރިކަމަށް މައުމޫން "ދޮންކުރައްވާ" ބޭފުޅެއް ކަމަށް ދެކޭ އެތައް ބަޔަކު އެބަ ތިއްބެވެ. މިހާރުގެ ވެރިކަމުގެ އެތެރޭގައި ވެސް އެ ތުހުމަތު ވަރަށް ބޮޑަށް އެބަ އޮތެވެ. އެއް ބަޔަކު ބުނާ ގޮތުން މައުމޫންގެ ބޭނުންފުޅަކީ ފާރިސް އަށް ވެރިކަން ހޯއްދަވައިދެއްވުމެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފާރިސް ވާހަކަ ދައްކަވަނީ: ދެން އޮންނަ މަޖިލިހުގެ އިންތިޚާބެއްގައި ވެސް ދިއްގަރު ދާއިރާ އަށް ކުރިމަތިލައްވަން ބޭނުން ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މަޖިލިސް
އެކަމަކު އެ ވާހަކަތަކާ ފާރިސް އެއްބަހެއް ނުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އޭނާގެ ހުރިހާ ވެސް އަމާޒަކީ ދިއްގަރު ދާއިރާ އެވެ. އަދި 2019 ގައި ވެސް އޭނާ ބޭނުންވަނީ އެ ދާއިރާ އަށް ވާދަކުރައްވައި، މިހާރު ނުކުރެއްވި ހުރި ޚިދުމަތްތައް އެ ދާއިރާގެ ރައްޔިތުންނަށް ކޮށްދެއްވުމެވެ.
"މިހާ ހިސާބަށް އާދެވުނުއިރު އަޅުގަނޑެއް ގަބޫލެއް ނުކުރަން އެކަށީގެންވާ ޚިދުމަތެއް ދާއިރާ އަށް ކޮށްދެވިއްޖެ ކަމަކަށް. އެހެންވީމާ އަޅުގަނޑުގެ ވިސްނުން އެބަހުރި ދައުރުގެ ބާކީ އޮތް ބައިގައި ﷲގެ ރަހުމަތްފުޅުން ރަނގަޅު، އިތުރު ޚިދުމަތްތަކެއް ދާއިރާ އަށް ކޮށްދީފައި އަދި އަންނަ މަޖިލިސް އިންތިޚާބުގައި ވެސް ދާއިރާ އަށް ކުރިމަތިލުމަށް،" ފާރިސް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ނެތްތޯ ދެންނެވުމުން ދެއްވި ޖަވާބަކީ "ފުރަތަމަ ކުރިމަތިލާ ކަންކަން ނުކުރެވި، އެހެން ކަމަކާ ވިސްނާކަށް ވެސް ނުވާނެ" ކަމަށެވެ.
"އޭގެ އިތުރުން އަޅުގަނޑުގެ ވިސްނުމުގައި ހުރި ކަމެއް ނޫން ރިޔާސީ ކެންޑިޑޭޓަކަށް ނުކުތުމަކީ."
ސަބަބެއް ކަމަށް ފާރިސް ދެއްކެވީ ބައްޕާފުޅުގެ 30 އަހަރުގެ ވެރިކަމުގައި އުޅުއްވި ބުރަ ކަމާއި ޒިންމާ ބޮޑުކަމެވެ. އެއީ "ވަރަށް ބޮޑު އިނާމެއްގެ ގޮތުގައި" ރައްޔިތުންގެ ގިނަ ބަޔަކު ދެކޭ ކަމަކަށް ވިޔަސް ފާރިސް އަށް އެއީ އަދި ތަފާތު ތަޖުރިބާއެކެވެ.
ފާރިސް އިއްޔެ "މިހާރު"އާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
"މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ގަޑިތަކާއި ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާތައް، ވަރަށް ހައި ޕްރެޝާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ނަންގަވަން ޖެހެނީ. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ އެ ލިޔާގަތާއި ގާބިލްކަން ހުރި ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
ފާރިސް ވެރިކަމަށް ގެންނެވުމަކީ ބައްޕާފުޅު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ އެފަދަ އެދިވަޑައިގަތުމެއް ދުވަހަކު ވެސް ލިބިވަޑައިނުގަަންނަވާ ކަމަށެވެ. އަދި އާއިލާގެ އެއްވެސް ބޭފުޅަކު މަސައްކަތް ކުރައްވާނެ ދާއިރާ، ތައުލީމީ ގޮތުން ކުރިއަށް ވަަޑައިގަންނަވާނެ ދާއިރާ ފަދަ ކަމެއްގައި ވެސް މައުމޫން އެއްވެސް ކަހަލަ އިރުޝާދެއް ނުދެއްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުމުގައި ހުރި ކަމެއް ނޫން ރިޔާސީ ކެންޑިޑޭޓަކަށް ނުކުތުމަކީ،" ފާރިސް
ފާރިސް ވިދާޅުވީ އޭނާ ވެރިކަމަށް ގެންނެވުމުގެ ވިސްނުންފުޅެއް ބައްޕާފުޅު ގެންގުޅުއްވި ނަމަ 2008 އަދި 2013 ގެ އިންތިޚާބުގައި ވެސް އެކަހަލަ އިރުޝާދުތަކެއް ލިބިވަޑައިގަތީސް ކަމަށެވެ.
"އެކަމަކު އެކަހަލަ ކަމެއް ކުރައްވާފައެއް ނެތް. ފެނިވަޑައިގަންނަވާނެ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި 2013 ގައި ރައީސް ޔާމީން އިންތިޚާބު ކުރަން. އެކަހަލަ ވިސްނުމެއްގައި އަޅުގަނޑު ވެސް އަދި ރައީސް މައުމޫން ވެސް ހުންނެވި ނަމަ އެ ދުވަހު އެގޮތަކަށް ކަންތަކެއް ނުކުރައްވާނެ،" ފާރިސް ވިދާޅުވި އެވެ.
މައުމޫންގެ އާއިލާ އިން މިއަދު ފެންނަ އަދި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ އެއް ކަމަކީ އެ އާއިލާގެ ދެ ބޭފުޅަކު ރައީސް ޔާމީނަށް ތާއީދުކުރައްވާ މައްސަލަ އެވެ. ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ދެމެދުގައި ވަރުގަދަ ސިޔާސީ "ހަނގުރާމައެއް" ކުރިއަށް ދާއިރު، ބައްޕާފުޅުގެ ސިޔާސީ ވިސްނުންފުޅާ ދެކޮޅަށް ދުންޔާ މައުމޫނާއި ޣައްސާން މައުމޫން އުޅުއްވާތީ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި ދުންޔާ އާއި ޣައްސާން އެހެން ފިކުރެއްގައި މަސައްކަތް ކުރެއްވުމަކީ އެ އާއިލާ އަށް "ފަސޭހަ ކަމެއް" ނޫނެވެ. އެއީ އާއިލާ އިން އެދޭ ގޮތެއް ވެސް ނޫނެވެ. އެކަމަކު ދިވެހި އާއިލާތަކުގެ ތެރޭގައި ހިނގާ ކަންކަން މައުމޫންގެ އާއިލާ އިން ވެސް ފެންނާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
"ކޮންމެ މީހަކީ ވެސް ތަސައްރަފު ފުދި އޭނާގެ އަމިއްލަ ނިންމުން ނިންމޭނެ ގޮތުގައި ތިބި މީހުން. އެހެންވީމާ އަޅުގަނޑުގެ އާއިލާގެ ތެރޭގައި ވެސް ކޮންމެ މީހަކު ވެސް ވިސްނާފައި އޭނާ އެވަގުތަކު ހުންނަ ގޮތެއް ނިންމަނީ. އަޅުގަނޑު އުންމީދުކުރާ ގޮތަކީ އަޅުގަނޑުގެ މި ވިސްނުމާ އެއް ވިސްނުމެއް އަނެއް ދެ ކުދިން ވެސް ވާނެ ކަމަށް ކޮންމެވެސް އިރަކުން،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ވިސްނުން ތަފާތު ބޭފުޅުން އުޅުއްވި ނަމަވެސް އެ އާއިލާ އޮތީ ވަރަށް ބަދަހިކޮށެވެ. ދެ ބައިވުމެއް ނެތެވެ.
"އަޅުގަނޑުމެންގެ ކުރީގެ ޖެނެރޭޝަނަކީ ވެސް އަދި އޭގެ ކުރީގެ ޖެނެރޭޝަނަކީ ވެސް ދެ ފަރާތުން ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅުން. އަޅުގަނޑުމެން ކުޑައިރު ފެނިފައި ހުރި މަންޒަރުތައް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އާއިލީ ގުޅުމަކަށް އެއްވެސް ހާލަތެއްގައި، އެއްވެސް އިރަކު ނެތް ހީނަރުކަމެއް އައިސްފައެއް. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހީނަރުވިޔަކަ ވެސް ނުދޭނަން،" ފާރިސް ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުމާ އެކު މައުމޫން އެ ޕާޓީން ވަކިކޮށްފައިވާއިރު އެންމެ ބޮޑު ސުވާލެއް އުފެދެނީ އެމަނިކުފާނު ދެން އެހެން ޕާޓީއަކާ ގުޅިވަޑައިގަންވާނެ ކަމާ މެދުގަ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި މައުމޫން އެހެން ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވާނެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މައުމޫނަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށް ކޯޓަކުން ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން "ހަމަޖެހޭ އުސޫލަކުން" އަދި އަންގާފައެއް ނެތެވެ.
"ރައީސް މައުމޫނަށް ރައްޔިތުންގެ ގިނަ ބަޔަކު ކުރާ ތާއީދަކީ ވަކި ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވީމާ ކުރާ ތާއީދެއް ނޫން. އެއީ ރައީސް މައުމޫން ވެރިކަން ކުރެއްވިއިރުގައި ވެސް އަދި މިހާރު ވެސް އެ ގެންގުޅުއްވާ އުސޫލުތަކާއި އެ ގެންގުޅުއްވާ ސިޔާސަތުތަކާއި ހަމަތަކުގެ މައްޗަށް ލިބިވަޑައިގަންނަވާ ތާއީދެއް. އެ ތާއީދު ރޫޅާލާނެ ކޯޓު އަމުރެއް ނުވަތަ ކައުންސިލް ނިންމުމެއް އަޅުގަނޑަށް ހިއެއް ނުވޭ ނެރެވިދާނެހެން،" ފާރިސް ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ކޯޅުމާ އެކު، ކަން ހިނގާނެ ގޮތް ފާރިސް އަށް އަބަދުވެސް ވަޒަން ކުރެއްވެ އެވެ. މިއަދު ވެސް ސިޔާސީ މަސްރަހުގައި ކަން ހިނގަމުން ދަނީ އޭރު ހީކުރެއްވި ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫން ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
"މިހާ ހިސާބަށް ކަންތައް ކުރައްވަން ގަސްދު ކުރައްވާފައި އޮތް ކަން އަޅުގަނޑުމެންނަށް އޭރު ވެސް އެނގޭ. އަދި ރައީސް މައުމޫން ހައްޔަރުކުރުމަށް ވެސް މަސައްކަތް ކޮށްފާނެ ކަމަށް އަޅުގަނޑުމެން މިހާރު ވެސް ގަބޫލުކުރަން. އެހެންވީމާ މިހާރު [މައުމޫނަށް] މި ދިމާވާ ކަންކަމަކީ އެ ކަންކަމާ މެދު އަޅުގަނޑުމެން ހައިރާންވާނެ ކަންކަމެއް ނޫން،" ފާރިސް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މައުމޫނާ މެދު އަޅާނެ ފިޔަވަޅަކާ މެދު ކަންބޮޑެއް ނުވެ އެވެ. އޭގެ ބަދަލުގައި މައުމޫން ކަންބޮޑުވެވަޑައިގަންނަވަނީ ގައުމާ މެދު ކަންކަން ކުރަމުންދާ ގޮތާއި ސިޔާސީ ލީޑަރުންނަށް އަޅަމުންދާ ފިޔަވަޅެވެ.
މައުމޫން މިވަގުތު އާއިލީ ބޭނުންފުޅެއްގައި އިންޑިއާގައި އުޅުއްވި ނަމަވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސް ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރަށް މިހާރު މަޖިިލިހުގައި އޮތް ސުޕަ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް އަނބުރާލެވިދާނެ އެވެ. އެކަމަކު އެއީ އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ މަސައްކަތުގެ ކުޑަކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާރިސްމެންގެ މިހާރުގެ އަމާޒަކީ މަޖިލިސް އިސްލާހު ކުރުމެވެ. ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޖިލިސް ހިންގޭނެ މާހައުލެއް ގާއިމްކުރުމެވެ. މެމްބަރުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައި ދިނުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. މިނިވަން މުއައްސަސާތައް މިހާރު މިނިވަންކަމާ އެކު މަސައްކަތް ނުކުރާ ސަބަބު ހޯދުމެވެ. އަދި ސިޔާސީ ގޮތުން ތަހުގީގު ހިންގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް އިންސާފު ހޯދައި ދިނުމެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިނުކުރެވުނަސް ފާރިސް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މުޅިއަކުން ނާކާމިޔާބީއެއް ނޫނެވެ. އެ ވޯޓު އެ ދުވަހު ކޮންމެ ގޮތަކަށް ނެގި ކަމަށް ވިޔަސް އޭގެ ނަތީޖާ އަކީ ޕީޕީއެމްގެ ތެރެއިން ކުރިއަށް ވުރެ ގިނަ މެމްބަރުންގެ ތާއީދު ލިބެން ފެށުމެވެ. މަސީހްގެ ވޯޓަށް ފަހު، މަޖިލިހުގައި ސަރުކާރަށް އޮތް ބާރުވެރިކަން ދަށަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތާ އެކު، މެމްބަރުންނަށް ވިސްނަވައި ދެއްވަން ވެސް ކުރިއަށް ވުރެ ފަސޭހަވެއްޖެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު މި ލިބުނު ކުރިއެރުމަކީ ހާމަކަން ނެތް، އަދި ފިއްތުންތަކާ އެކީގައި ވެސް ކަން ވެގެން ދިޔަ ގޮތް މެމްބަރުންނަށް ވެސް އަދި ރައްޔިތުންނަށް ވެސް ފެންނަން އޮތުން. އަޅުގަނޑުމެން ކުރީގައި ދައްކަން ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ފަސްދޮޅަސް އެތައް މެމްބަރުންނެއް ތިބި ވާހަކަ. މިހާރު އެ މަޖުބޫރީ ހާލަތުގައި ގިނަވެގެން ތިބީ 48 ކަން އަޅުގަނޑުމެންނަށް ހާމަކުރެވިއްޖެ،" ފާރިސް ވިދާޅުވި އެވެ.
"މި ހާލަތުގައި އެ ދުވަހު ޗެމްބަރުގެ ތެރޭގައި އެކި ސަބަބުތަކާ ހެދި މަޑުކުރައްވަން ޖެހިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން، އަޅުގަނޑުމެންނާ އެކީގައި ތިއްބެވި ބޭފުޅުންނަށް ވެސް ގަބޫލުކުރެވިއްޖެ ދެން މިކަމާ ކުރިމަތިލައިފިއްޔާ އަދި ރަނގަޅަށް ކަންތައް ގެންދެވިއްޖިއްޔާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެކަން."
މައުމޫނާއި ނަޝީދު ނުވަތަ އެމްޑީޕީން ދުވަހަކު ވެސް އެއްގަލަކަށް އަރާފާނެ ކަމަށް ގަބޫލުކުރާނީ މަދު ބައެކެވެ. އެހާ ވެސް ސިޔާސީ ވިސްނުން ތަފާތެވެ. ސިޔާސީ ވާދަވެރިކަން ވެސް ތަފާތެވެ. ތާރީޚުން އެކަން އެ އޮތީ ފެންނާށެވެ.
ފާރިސް ވިދާޅުވީ އެމްޑީޕީއާ އެކު މަސައްކަތް ފެށުމުގައި ފުރަތަމަ ވެސް އެންމެ ބޮޑު ކަމަކަށް ދިމާވީ ދެ ފަރާތުން އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ކުރުމުގެ މައްސަލަ އެވެ. މައުމޫންގެ ފެކްޝަނުން އެދޭ ކަންކަން އެމްޑީޕީން ކޮށްދިނުމެވެ. އެއާ އެކު އެމްޑީޕީން އެދޭ ކަންކަން މައުމޫންގެ ފެކްޝަނުން ފުރިހަމަ ކޮށްދިނުމެވެ. ދެ ފަރާތުން އެ ކަށަވަރުކަން ހޯދުމެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި އިދިކޮޅު އެހެން ލީޑަރުންނާ އެކު ފާރިސް (ކ-3) ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"އަޅުގަނޑުމެންނަށް އެކަމުގައި ވަގުތުތަކެއް ވެސް ނެގި. އަދި އެކަން މިހާރު ރަނގަޅުވަމުން ވެސް އެބަ އާދޭ. މިހާ ހިސާބަށް އައިއިރު، އަޅުގަނޑުމެން ދެންނެވި ކަމެއް ވިއްޔާ އަޅުގަނޑުމެންގެ ފަރާތުން ކޮށްފައި އޮންނާނީ. އެބޭފުޅުން ވިދާޅުވި ކަމެއް ވެއްޖިއްޔާ އެބޭފުޅުންގެ ފަރާތްޕުޅުން ކުރައްވަމުން އެ ގެންދަވަނީ،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ނުވަތަ ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރައްވަން އުނދަގުލެއް ނޫނެވެ. ހާއްސަކޮށް އެމްޑީޕީ އަށް އެތައް ހާސް ބަޔަކު ތާއީދުކުރާއިރު، އޭގެ ތެރޭގައި "އެ ވިދާޅުވާހާ ގޯސް ބަޔަކު" ތިބޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
"ސަރުކާރާ އިދިކޮޅު" މި ބަސް ފާރިސްއަކަށް އެހާ ކަމަކު ނުދެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި މިހާރު ކުރަމުން އަންނަނީ އިސްލާހުކުރުމުގެ މަސައްކަތްތަކެކެވެ. ގެންނަން ޖެހޭ އިސްލާހުތައް ގިނަ އެވެ. އެ ގޮންޖެހުމާ ކުރިތިލައްވައިގެން އުޅުއްވާ އިރު، ދިވެހިންނަށް ދެ ހަގީގަތެއް މި އޮތީ ފެންނާށެވެ. ތިން ބާރު ވަކިކުރެވި، މިނިވަން މުއައްސަސާތަކެއް އުފެއްދި އާ ގާނޫނުއަސާސީ ހެދީ މައުމޫންގެ ވެރިކަމުގައި، އެމަނިކުފާނުގެ ވެސް ހިއްސާ އޮވެގެންނެވެ. އެކަމަކު އެ ގާނޫނު އަސާސީގެ ބޭނުން ކެނޑިގެން ދާ ގޮތަށް ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތައް ހިންގަމުން އެ އަންނަނީ މައުމޫންގެ ކޮއްކޯފުޅުގެ ވެރިކަމުގަ އެވެ. އެހެންކަމުން މިއީ އާއިލީ ގޮތުން އޮތް ގޮންޖެހުމެކެވެ.
އެކަމަކު ފާރިސް ވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވީ އާއިލީ ބޭފުޅަކަށް ވުމުން މައުމޫންގެ ޒިންމާ އަދި މާ ބޮޑުވާ ކަމަށެވެ.
"މި ސަރުކާރު ގެންނަން އަޅުގަނޑުމެން އެހާ ބޮޑު މަސައްކަތެއް ކޮށް އަދި ރައްޔިތުންގެ ގިނަ ބައެއްގެ ކައިރީގައި [ރައީސް ޔާމީނަށް] ތާއީދު ކޮށްދިނުމަށް އެދިފައި އޮތުމަކީ އަޅުގަނޑުމެންގެ ޒިންމާ އިތުރުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ޒިންމާ ނަންގަވަމުން ގެންދަވާއިރު، ފާރިސް ވިދާޅުވީ، ރައީސް ޔާމީނަށް ދެން ތާއީދުނުކުރެއްވޭނެ ކަމަށެވެ. މިއީ ސިޔާސީ ގޭމެއް ކަމަށް ބައެއް އާންމުންނަށް ގަބޫލުކުރެވުނަސް، މިހާރު މި އޮތީ ގާތް ނުވެވޭ ވަރަށް ކަންކަން ގޮސްފައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެހެންކަމުން އިދިކޮޅު ލީޑަރުން ފުލުސް އޮފީހަށް ދެމިޔަސް، އެތަނެއްގައި އޭނާ ހުންނަވާނެ އެވެ. އެއީ ކުރީ ރޭ ފެނުނު ފަދަ ފޮޓޯތައް އާންމު އެއްޗަކަށް ވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ޒާހިރު
03 April 2017
ވަރަށް އަހުލާޤު ރަގަނޅު. އަނެއް ހިޔާލުގެ ވެރިޔާގެ މަސްތައް ނުކައި ޒާތީ ނުވެ މިގޮތައް ސިޔާސީ ވާހަކަ ދައްކަން އަހަރުމެން އެބަ ދަސްކުރަނެޖެހޭ
އަހަންމަދު
02 April 2017
ކުރީ ސަފަކު ނޫނެއްނު. އެންމެ ކުރީގައެއްނު. ވަޑައިގަންނަވާއިރުވެސް ވަރަށް ރައީސް ވެފަ ނޫންތޯ ހުންނަވަނީ.
ވިސްނާ
02 April 2017
ރައީސަކު ވައްތަރުވެސް ޖަހާ. ބޮޑަށް ލީޑަރަކު ވައްތަރު ޖަހަނީ. އެއީ ދުނިޔޭގައިވެސް މަދުބައެއް. މިރާއްޖޭންވެސް ފެންނަނީ އޭގެ ދެތިން މީހުން. ހަމަގައިމުވެސް މަ ބަލައިގެންފިން އޭނަ ލީޑަރަކަށް.
ރައްޔިތުން
02 April 2017
ވަރަށް ރަނގަޅު ނިންމެވުމެއް ސަރުކާރުންވެސް ކަންތައްތައް ނުރަނގަޅު މަގުންދާކަން އެނގޭއިރު ޤައުމަށް ހެޔޮގޮތްތައް ހޯއްދެވުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެން.
މެތްމޭން
02 April 2017
ފާރިޝް މިހާރު ވަނީ އިދިކޮޅު ކޯލިޝަން އާއި ގުޅިފައެެވެ. އެހެން ކަމުން ފާރިޝްގެ ފަރާތުން އުޅޭ މީހުން ފިޔަވައި އެހެން ބަޔަކު ސްޕެޝަލީ ޕީޕީއެމްގެ ވަރުގަދަ އެކްޓިވިސްޓުންގެ ބޭސް އެއް ނުދޭ ދޯ ފާރިޝް އާއި އެއްކޮށް. ފާރިޝް ތިޔާ ބުނާ ޖުމްހޫރީ މައިދާނުގައި އިން އިރު ކައިރީގައި ހުރީ އެއީ ޖޭޕީގެ މީހެކެވެ. އެއީ ޕީޕީއެމްގެ މީހެއް ނޫނެވެ. ކަން މިހެން ހުރުމުން މަމެންނަށް ވަރަށް ލަފައެއް ނުކުރެވޭ 2019 ގައި ރައީސް މައުމޫނު ވިދާޅުވެގެން ވޯޓް ދޭނެ ބަޔަކު ރާއްޖޭގައި ތިބޭނެ ކަމަށް. އަދި ކެނެރީގެ ނަޝީދު ބުނެގެން ރާއްޖޭގެ 2000 މީހުން ވެސް ވޯޓް ނުދޭނެ ކަމަށް މަމެންގެ އަންދާސީހިސާބު ތަކުން ދައްކަން ފަށައިފޫއޭ މަމެން ބުނަން ނެތީމު ދޯ. އެކޮއި ހިސާބު ހަދާލަބަލަ ދެން މިއަހަރު ނިމޭ އިރު ރަންރީނދުލޭ މެންގެ މެމްބަރުންގެ އަދަދު. ވަން ޕްލަސް ވަން އީކްއަލް ޓޫ. ޓޫ އިންޓް ވަން އީކްއަލް ޓޫ. ބައްލަވާ 2000 މެމްބަރުން އިނގޭތޭ. އޯކޭ ގުޑް ގުޑް ގުޑް..
އިބޫ
02 April 2017
އެމީހަކު ކެނޑި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހަކު. މިހަރުކަށި ސަރުކަރު މައިތިރި ކޮސް ރައްޔތުންނާއި ގުޅޭ ހިތްހެތޮ ސަރުކަރެއް ގެނެވުމަކީ ރައީށް މައުމުން ގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އެއް... ރައީސް މައުމުްނ ފެކްޝަން، އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ ގުޅިގެން ތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި... އަލްހަމްދުލިއްލާހި
ޗަކަސް
02 April 2017
ރައީސް މައުމޫނު މިހާރު އެއުޅެނީ އެއީ ޗަކަަސް ޗަކަސް ޗަކަސް ކޯލިޝަން އާއި އެކު ކަމަށް ކަހުރަބޭ އެފްރިކާގެ މީޓިންގް ނިންމާލާ ރޭ އަންނަމުން މާލެ މަތިން ދަމުން މަމެންނަށް ވަޓްސް އެޕް ކޮށްފައި ބުނި ވާހަކަ ބުނަން މަމެން ނެތީމު ދޯ.
މައިލޭޑީ
02 April 2017
ސާބަހޭ.. މިތިބީ ރައީސްކަން ވެސް ހަވާލު ކުރަން ތައްޔާރަށް. ކުރިއަށް ފާރިސް
އުޅެގަ
02 April 2017
ނުވާނެ ތިކަމެއް ޓްވިޓަރޭ. ތަމެން ތިޔާ ކަން ހަނދާން ނައްތާލުމަށް ފަހު ރަށުތެރޭން އެހެން ކަމަކާއި ގެން އުޅެގަ.
އުމަރު
02 April 2017
ވަރަށް ފުރިހަމަ އިންޓަވިއުއެއް، ފާރިޝްގެ ޒިންމާއެއް 2008 ވަނަ އަހަރުގެ ގެނެވުނު އިސްލާހް އަނެއްކާވެސް އާލާކޮށް ރައްޔިތުންނަށް ގެނެސްދިނުން، އެއީ މައުމޫނުގެ ފަރާތުން، އެހެންކަމުން ފާރިޝްތިޔަ ވިދާޅުވިހެން މަޖިލިސްގެ ތެރެއިން އިސްލާހް ގެނެސްގެންނޫނީ ރައްޔިތުންނާ ހިސާބައް އިސްލާހެއް ނުގެނެވޭނެ، އެހެންކަމުން ކުރިއަށް ވަޑައިގަންނަވާ، ފާރިޝްގެ ޖީލުގެ ހުރިހައި މީހުން ފާރިޝްތިޔަކުރައްވާ މަސައްކަތުގައި ޤައުމު އިސްލާހްކުރުމުގައި ބާއިވެރިވާނެކަން ކަށަވަރު
ނޯންނާނެއޭ
02 April 2017
މިގައުމު މިދަނީ އިސްލާހުގެ މަގުން ވަރަށް ސްމޫތް ކޮށް. 30 އަހަރު ރައީސް މައުމޫނަށް ކުރެވުނު ކަމެއް އެބައޮތްތޭ. މުޅި ރާއްޖޭގައި ފިލައިގެން އުޅޭ ބަންގާޅީން ނަށް ހައްލެއް ނުގެނެވުނު ބަޔަކަށް ދެން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. އެއްވެސް ރައީސް މައުމޫނެއް ވެސް ނޯންނާނެ އަދި އެއްވެސް ކެނެރީގެ ނަޝީދެއް ވެސް ނޯންނާނެއެވެ. މަހަށް ދޭބަލަ ދެން.
ތިބެބަލަ
02 April 2017
ފަރުދާގެ ފުރަގަހުން ނުކުމެ ފާރިސް ކުރީ ސަފުގައި ހުއްޓަސް ސަރުކާރުގެ ސިޔާސަތަށް ވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އިދިކޮޅު އެމްޕީންގެ އަދަދު ވެސް އިތުރު ނުކުރެވޭނެއެވެ. އަދި އިދިކޮޅު މީހުންގެ ސިޔާސީ ބާރުވެސް ވަރުގަދަ ނުކުރެވޭނެއެވެ. އަދި މަޖްލީހުގެ ތެރޭން އިދިކޮޅު މީހުން ހާސިލް ކުރަން ބޭނުންވާ އެއްވެސް ކަމެއް ކާމިޔާބު ވިޔަ ނުދާނަމެވެ. އިދިކޮޅު މީހުންގެ ހުޅުނބު ދާނެ ދޯ ތިން މަސް ދުވަސް ތިގޮތަށް މަސައްކަތް ކޮށްގެން ތަމެންނަށް ކުރިއެރުމެއް ނުލިބި ތަމެންނަށް އެކިވަރުގެ ސެންކްޝަންސް ތަކާއި ކުރިމަތި ވުމުން. މަމެން ދޯ ވެރިކަމުގައި މިތިބީ. މަމެންނަށް ހެދޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ދޯ.
ކަންނެލި ބުރޯ
02 April 2017
މިތަނުގައި ފާރިސް އަށް ތައުރީފު ކޮށްފައި ކޮމެންޓް ކުރާ މީހުން އަދި ވަރަށް އަވަހަށް ދެކޮޅަށްވެސް ކޮމެންޓް ކުރާނެ. އަދި މިއަދު ދެކޮޅަށް ކޮމެންޓު ކުރި މީހުން ވަރަށް އަވަހަށް އެއްކޮޅަށްވެސް ކޮމެންޓް ކުރާނެ. ސަބަބަކީ ރާއްޖޭގައި އޮންނަނީ ސިޔާސީ ދެފިކުރަކަށް ވާތިވެ. އެއީ އެމް.ޑީ.ޕީ އަދި ޕީ.ޕީ.އެމް. މާދަންވެސް ފާރިސް، ޔާމިން އަށް ތައުރީފު ކޮށްފި ނަމަ ފާރިސްހާ ބޮޑު ސިޔާސީ ގޮތުން ފެއިލް ވެފައި ހުރި މީހެއް ނުހުންނާނެ. މާދަންވެސް ދުންޔާ އެމް.ޑީ.ޕީ އަށް ސޮއިކޮށްފި ނަމަ ދުންޔާހާ ސިޔާސީ މުސްތަގްބަލެއް އޮތް މީހަކު މައުމޫން ފެމިލީގައި ނުހުންނާނެ. ބުރުމާގާސިމް އަށްވެސް ވަނީ އެހެން. މިބޭފުޅާވެސް ބަގާވާތް ކުރުމުން، މަނީ، މަނީ، ޔެސް ސަރ، ކިޔާ މަގު މަތިން ފަހާ ދުވެ، ދިމާކޮށްލި ދުވަސްތައް އަދި ހިތުން ފިލައިގެން ނުދޭ. ދެންވެސް ވަނީ ހަމަ އެހެން. ހަމަ ކުރީގެ އޮލްޑް ސްޓޯރީސް. ޖެހޭނީ ހަމަ އެއްތާކު، އެންމެންވެސް ބޭނުންވަނީ ވެރިކަން. ނުލިބެއްޖެ ނަމަ ވައްޓާލަން.
ކެނެޑީ
02 April 2017
ތެދު ވާހަކައެއް. ތިއީި މައްސަލައެއްނޫން ތިއީ އިންސާނީ ތަބީޢަތް ހެހެ
Mishy
03 April 2017
މާމޮޅު ވާހަކައެއް ކަމަށް ހީފުޅު ކުރެއްވިޔަސް ހަމަ ތިބޭފުޅާ އަށްވެސް ވާނީ އެހެން..
އަލްޖިބްރާ
02 April 2017
ފާރިޝް އަކީވެސް މައުމޫނު ފަދަ ބަސްމަގު ރީތި ވާހަކަދެއްކުމުގައި ހިކްމަތްތެރި ކަންތައްތައް ކުރުމުގައި އަވަސްއަރައިނުގަނެ ކެތްތެރި ކަން އިސްކުރާ މީހެއްކަން ވަރަށް ރީތިކޮށް އެބަ ސާބިތު ވެއެވެ.