ކުރީގެ ރައީސް މައުމޫން (ކ) އާއި ޝައިނީ: ޝައިނީ ވަނީ މައުމޫނަށާއި ފާރިސް އަަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
04 އެޕްރީލް 2017 - 11:50
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށާއި މަސައްކަތްކުރައްވަނީ ދަރިކަލުން ފާރިސް މައުމޫނަށް ވެރިކަން ހޯއްދަވައިދެއްވަން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 ގައި ވާހަކަދަައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ މަސްރަހުގައި އެންމެ ފުންނާބު އުސް އެއް ބޭފުޅަކަށް މައުމޫން ވެވަޑައިގެންނެވިޔަސް، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ "އަމިިއްލަ އެދުން އިސްކުރައްވައިގެން"ނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަދައްކަވާ މިނިސްޓަރު ވަނީ މައުމޫންގެ އިތުރުން ފާރިސް އަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"އޭރުއްސުރެ އަޅުގަނޑުމެންނަށް އެބަ އެނގޭ ރައީސް މައުމޫނަކީ، އޭރު ވެސް ރައީސް ޔާމީނަށް އިހްލާސްތެރި ބޭފުޅެއް ނޫންކަން،" --ޝައިނީ
"ދުވަސްވެ، ގައިބާރު ދެރަވި ދުވަހަކު ކީއްވެތޯ ގޭގައި އެމަނިކުފާނުގެ (މައުމޫން) އާއިލާއަށް ނިސްބަތްވާ ބޭފުޅަކަށް ވެރިކަން ލިބުނީމަ އެކަމާ ހިތްހަމަނުޖެހިގެން ނިކުންނަވަން ޖެހުނީ،؟" ޝައިނީ ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި މައުމޫން ހުންނެވުމުން ގިނަ ވޯޓުތަކެއް ވެސް ގެއްލުނު ކަމަށެވެ. އެ ގޮތުން ރައީސް ޔާމީންގެ މެނިފެސްޓޯއަށް ޒުވާނުން ތާއީދުކުރިއިރު، ޒުވާނުންގެ ޝަކުވާއަކަށް ވީ "ތިރީސް އަހަރުގެ ތެރޭގައި ތަރައްގީއެއް ގެނެސްދީފައި ނެތް" ބޭފުޅަކު ރައީސް ޔާމީން ފަހަތްޕުޅުގައި ހުންނެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި އިދިކޮޅު އެހެން ލީޑަރުންނާ އެކު ފާރިސް (ކ-3) ބައިވެރިވެވަޑައިގަންނަވަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު
"އެހެންވީމަ ރައީސް ޔާމީން މެނިފެސްޓޯގައި ހުރި ކަންކަން ޒުވާނުންނަށް ފުރިހަމަކޮށްދީފައި ހުއްޓާ ޒުވާނުން އަނެއްކާ ރައީސް މައުމޫން ފަޅިއަށް އަރާނެތޯ؟ ނާރާނެ،" ޝައިނީ ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވިދާޅުވިޔަސް ރައީސް ޔާމީނަށް ފުރަތަމަ ބުރު ކާމިޔާބުކުރެއްވުމުގެ މައިގަނޑު އެއް ސަބަބަކީ މައުމޫން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ދެ ވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްގެ ތާއީދު ރައީސް ޔާމީނަށް ލިބިވަޑައިގަތީ ވެސް، މައުމޫނަށް އިތުބާރުކުރައްވައިގެން، ޕީޕީއެމް ކޯލިޝަނާ ގުޅިވަޑައިގަތުމުންނެވެ.
ޝައިނީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މައުމޫން ގުޅިވަޑައިގަތުމަކީ "ސިއްސައިގެން ދާން ޖެހޭ ވަރުގެ ކަމެއް ނޫން" ކަމަށެވެ. ސަރުކާރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ތައްޔާރުކުރި "ސްޓީލިން ޕެރެޑައިސް" ރިޕޯޓުގައި މައުމޫނާއި ނަޝީދާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާކަން ހާމަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރުއްސުރެ އަޅުގަނޑުމެންނަށް އެބަ އެނގޭ ރައީސް މައުމޫނަކީ، އޭރު ވެސް ރައީސް ޔާމީނަށް އިހްލާސްތެރި ބޭފުޅެއް ނޫންކަން،" ޝައިނީ ވިދާޅުވި އެވެ.
"ދުވަސްވެ، ގައިބާރު ދެރަވި ދުވަހު ކީއްވެތޯ ގޭގައި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްވާ ބޭފުޅަކަށް ވެރިކަން ލިބުނީމަ އެކަމާ ހިތްހަމަނުޖެހިގެން ނިކުންނަވަން ޖެހުނީ،؟" --ޝައިނީ
ފާރިސްއާ ގުޅޭ ގޮތުން ޝައިނީ ވިދާޅުވީ މީހުންގެ ތެރެއަށް ނިކުމެ މަސައްކަތް ކުރެއްވުމުގެ "ވައްޓަފާޅިއެއް" ފާރިސްގެ ކިބައިގައި ނެތް ކަމަށެވެ. އަދި "އަމިއްލަ ނަފްސައިގެން" މ. އަތޮޅަށް ވަޑައިގަތަސް ފާރިސް ހޮވިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުންނަށް [މައުމޫންގެ އާއިލާއަށް] ނުފެނޭ ވެރިކަން ނޫން އެއްޗެއް. ގޭތެރެއިން ފެނިފައި ހުންނާނީ ވެރިކަން. އެހެންވީމަ އެކަން ހިތުތެރޭގައި އޮތީމަ އެކަން ކުރަން އުޅެނީ. އަޅުގަނޑު މި ދަންނަވަނީ ދިވެހި ރައްޔިތުން އެކަމާ ފޫހިވެއްޖެއޭ،" ޝައިނީ ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅު ހަރަކާތުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ފާރިސް އެވެ. އެކަމަކު އަންނަ ރިޔާސީ އިންތިޚާބަށް އެއްވެސް ގޮތަކުން ކުރިމަތިލެއްވުމުގެ ވިސްނެވުމެއް ނެތް ކަމަށް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އަދިވެސް ބޭނުންފުޅުވަނީ ދިއްގަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ކަމަށެވެ.
ފާރިސް ވިދާޅުވަމުން ގެންދަވަނީ އިސްލާހީ މަސައްކަތް މައުމޫން ފެއްޓެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އެތައް ކަމެއް ސަރުކާރުން ކުރަމުން ދާތީ އާއި އެއިން އެއްވެސް ކަމެއް ރަނގަޅުނުކުރާތީ، އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ.
ޝައިނީ ވިދާޅުވި ގޮތުގައި މައުމޫނާއި އިދިކޮޅު އެހެން ލީޑަރުން ގުޅިވަޑައިގެން މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ތަރައްގީ ނިމުމަކަށް ގެނެވޭނެ ކަމަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް އޭގެ އުނދަގޫވާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށައިނީ
24 July 2017
ތިބޭފުޅާޔަށް ހީފުޅުވެލައްވާގޮތްތީ ހަގީގަތް ބަލަން ހުރޭ ފެންނާަނެ ވަރަން އަވަހައް މައުމޫނާ ޔާމީނާ ދެމީހުންހުރިތަފާތްﷲއިރާދަފުޅާއެކު
ތުއްތުބޭބެ
13 June 2017
ޢޭބަލަގަ މީނާއަށް ވެރިކަން ހޯދައިދިނީ މައުމޫނެއް ނޫންތަ؟އެއީ ޤައުމަށްޚިޔާނަތް ނުވާނެކަމަށް ހީފުޅުކޮށް . ޢެހެންވީއިރު އަލުންބަލުން އެހެންރަގަޅު ގޮތެއްހޯދަވަން ބޭނުންފުޅުވާނެކަމަށް ހަމަބުއްދީގެ ދިވެހިރައްޔިތުން ޤަބޫލުކުރާނެ.
ލޮލް
04 April 2017
އަހަރެެމެން މި މަސައްކަތް ކުރަނީ ޝައިނީ އަށް ވެރިކަަން ހޯދަދޭން
ލިފޫ
04 April 2017
މި ފިޝަރީޒް މިނިސްޓަރަށް ދޮގުތަކެއް ނަހަދާ ވާހަކަދައްކަން ހަމަނޭގެނީތަ އަޅެ؟ މީ ހާދަ ފޫހި މީހެކޭ ! މައުމޫނު ޕީޕީއެމް ހަދައިގެން އުޅެނިކޮށް ޔާމީނު އައިސް ޕީޕީއެމް އަށް ސޮއިކުރީ ކީއްވެގެންނޯ ؟ ތާއީދުނެތީމައެއްނު ޕީއޭ ދޫކޮށްލަން ޖެހުނީ ޔާމީނުއަށް ! ޝައިނީ އާ ޔާމީނު ދެކެ މީހުން ވަރަށޤ ފޫހިވޭ
މަންސޫރު
04 April 2017
މިއީ އެއްކަލަ ސައުދީ ރަސްގެފާނުގެ ހަޑިހުތުރު އުޅުމުގެ ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށް މަލާމާތް ކުރުން ކަމަށް ދެކޭ ޝައިނީ ދެއްތޮ؟ ކީއްވެގެން ކަން އިނގޭ މީނާ އަނގަ ހުޅުވަނީ.
އޮފުއެރި ބޮލި
04 April 2017
މައުމޫން މަސައްކަތް ކުރެއްވި ޔާމީން ވެރިކަމަށް ގެންނަންވެސް. އަދި ޝައިނީ ޝައިންކުރަންވެސް. ދެން ކީއްވެ ފާރިޝް ވެރިކަމަށް ގެންނަން މަސައްކަތް ނުކުރެވެންވީ؟ ޔާމީން ނޫން މީހެއް ވެރިކަމަށް ގެނައުމަކީ ކުށެއް ކަމަށް ކަންޑަނާޅާހާ ހިނދު
ކަމަނަ
04 April 2017
ހުރިހާ ކޮމެންޓް ތަކެއް ކިޔާލުމުން ދޭހަވަނީ ޝައިނީ އަށާއި ޔާމީނަށް މީހުން ވަރަށް ނަފްރަތް ކުރާކަން އަދިވެސް މައޫނުދެކެ ލޯބިވާކަން ޚާސަކޮށް އިސްލާހަށް މސައްކަތް ކުރަންފެށުމުން އަދި ފާރިޝްގެ މުސްތަޤބަލު އުޖާލާކަން
ޢަލީ
04 April 2017
ކޮބާ މައްސަލައެއް އެމީހެއްގެ ދަރިން ކުރިއެރުވުމަކީ ވާޖިބެއް
ޙަސަން އަޙްމަދު
04 April 2017
ދެން ވެރިކަމުގަ ބަހައްޓަންވީ ކަލެޔަށް ބައި އެޅޭ ގޮތަށް ޔާމީނު ތަ؟
ރަބަރޭ
04 April 2017
ބުރޯ އާއި އެއްކޮއް ސައިކަލު ދުއްވީ މީނާ ދޯޢެވެ.