ވޮޝިންޓަން (އެޕްރީލް 10) - ސީރިއާގައި ދިން ކެމިކަލް ހަމަލާ އަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އަސްކަރީ ގޮތުން އެޅިދާނެ ވަރަށް ގިނަ ފިޔަވަޅުތައް އެބަހުރި. އެކަން ވަރަށް އަވަހަށް ނިންމާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާގައި މިދިޔަ ހޮނިހިރު ދުވަހު ކެމިކަލް ހަމަލާއެއް ދިނީ ކޮން ބައެއްކަން އެމެރިކާ އަށް މިހާރު ސާފުވަމުން އަންނަ ކަމަށެވެ. ކެމިކަލް ހަމަލާގައި ވަނީ ވަރަށް ގިނަ މީހުން މަރުވެފަ އެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކެވިއިރު ހުޅަނގުގެ ލީޑަރުން ވެސް ދަނީ ސީރިއާ އަށް އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާ ކުރަމުންނެވެ. އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ މީހުން ޒިންމާ ކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކެމިކަލް ހަމަލާ ދިން މައްސަލައާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެމެރިކާ އާއި ރަޝިޔާ އިން ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. ރަޝިޔާގެ މަންދޫބު ވަސިލީ ނެބެންޒިއާ ވިދާޅުވީ ކެމިކަލް ހަމަލާ އަކީ ރޭވުމެއް ކަމަށާއި އެކަމާ ގުޅިގެން އެމެރިކާ އިން އަޅާ އަސްކަރީ ފިޔަވަޅެއްގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. އެމެރިކާގެ ސަފީރު ނިއްކީ ހޭލީ ވަނީ ރަޝިޔާގެ އަތުގައި ސީރިއާގެ ކުޑަ ކުދިންގެ ލޭ ވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސީރިއާގެ ރައީސް އަސަދަކީ "ފުރޭތައެއް"ގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. ހޭލީ ވަނީ ކެމިކަލް ހަމަލާ ތަހްގީގު ކުރުމަށް ސަލާމަތީ މަޖިލީހުގައި ވޯޓެއް ނެގުމަށް ވެސް ގޮވާލައްވައިފަ އެވެ. އެކަމަކު ރަޝިޔާ އިން ވަނީ އެފަދަ ވޯޓަކަށް ތާއީދު ނުކުރާނެ ކަމަށް ބުނެފަ އެވެ.
ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަމުން ފްރާންސްގެ ސަފީރު ވިދާޅުވީ ވިހަ ގޭހުގެ ހަމަލާއެއް ދިނީ ބިންގަރާހުގައި އުޅޭ މީހުންނަށް ވެސް ނުރައްކާ ކުރަން، ގަސްދުގައި ކަމަށެވެ.