އުއްތަމަ ފަނޑިޔާރު ބަންދު ކުރަން ކުރި އަމުރު އެ މަނިކުފާނު އިސްތިއުނާފެއް ނުކުރެއްވި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ނިމެންދެން އެ މަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ނުކުރަައްވަން އުއްތަމަ ފަނޑިޔާރު ނިންމަވައިފި އެވެ.


މިިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ އަމުރުކޮށްފަ އެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ލިބޭ 10 ދުވަސް ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

އުއްތަމަ ފަނޑިޔާރު ބަންދުގައި ބަހައްޓަން ކުރި އަމުރު އިސްތިއުނާފް ނުކުރައްވަން އެ މަނިކުފާނު ނިންމެވި ކަން އެ މަނިކުފާނުގެ ވަކީލް ހިސާން ހުސައިން ކަށަވަރުކޮށް ދެއްވި އެވެ. އެކަމަކު އެގޮތަށް ނިންމެވި ސަބަބު ހާމަ ކުރެއްވޭނީ އުއްތަމަ ފަނޑިޔާރާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ހިސާން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. ފަނޑިޔާރު އަލީ ހަމީދުގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވި ގޮތުގައި އަލީ ހަމީދު ބަންދުގައި ބަހައްޓަން ނިިންމި ނިންމުން އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަަށް ވެސް އެ މައްސަލާގައި ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެ ބޭފުޅުން ބަންދު ކުރަން ނިންމި ނިިންމުން ވަނީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.