ނައިބު ރައީސް ދިރިއުޅުއްވަން ރެހެންދި ދެ ފްލެޓު ހަމަޖައްސައިފި

ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ރެހެންދި އިމާރާތުން ދެ ފްލެޓު ހަމަޖައްސައިފި އެވެ.


އަމިއްލަ ފަރާތަކުން ހެދި ރެހެންދި ދެ އިމާރާތުން ސަރުކާރަށް 10 ފްލެޓު ލިބުނެވެ. އެ ތަނުން އަށް ތަނެއް މިނިވަން މުއައްސަސާތަކުގެ އިސް ބައެއް ވެރިންނަށް ވަނީ ދީފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބާކީ ދެ ފްލެޓު ވަނީ ނައިބު ރައީސްގެ ރަސްމީ ގެކޮޅަށް ހަޖަައްސައިފަ އެވެ. އެކަން ކޮށްފައި ވަަނީ، އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގަ އެވެ. އެކަމަކު، އެ ތަނަށް ނައިބު ރައީސް ޖިހާދު ބަދަލުވެވަޑައިގެންނެވި ކަމެއް އަދި ނޭނގެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.

ނައިބު ރައީސް ދިރިއުޅުއްވާނެ ސަރުކާރުގެ ތަނެއް މިހާރަކު ނެތެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ނައިބު ރައީސަކަށް ހުންނެވިއިރާއި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް އުޅުއްވީ ހިލާލީގޭގަ އެވެ. އޭގެ ފަހުން، މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް އުޅުއްވީ އެ ގޭގަ އެވެ. އެކަމަކު، ޖަމީލަށް ފަހު ނައިބު ރައީސަކަށް ވެވަޑައިގެންނެވި އަހުމަދު އަދީބު ހިޔާރު ކުރެއްވީ އެ މަނިކުފާނުގެ އަމިއްލަފުޅު އެޕާޓްމަންޓެއްގައި އުޅުއްވުމަށެވެ.

ހިލާލީގޭގައި މިހާރު އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީނެވެ. މީގެ އިތުރުން، ރިޔާސަތުގައި ތިއްބަވާ ބޭފުޅުންނަށް ހާއްސަ ތަންތަނުގެ ތެރެއިން މުލިއާގެ ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބެލިއަސް، އެ ތަން އާއްމުކޮށް ބޭނުން ކުރައްވަނީ ފަސްޓު ލޭޑީ ފާތުމަތު އިބްރާހިމް އެވެ. ތީމުގެ ވަނީ ސުޕްރީމް ކޯޓަށް ދީފަ އެވެ.

ނައިބު ރައީސަށް ރެހެންދި ފްލެޓު ހަމަޖެއްސި އިރު، ނައިބު ރައީސްގެ ސެކްރެޓޭރިއޭޓް ރައީސް އޮފީހުން ވަކިކޮށް، އެހެން ތަނަކަށް ބަދަލު ކުރަން މިދިޔަ އަހަރު ފަހުކޮޅު އުޅުނެވެ. އެ ގޮތުން، ކުރީގެ ނައިބު ރައީސް އަދީބު ހައްޔަރު ކުރުމަށް ފަހު ހުރަވީ ބިލްޑިންގައި ނައިބު ރައީސަށް ހާއްސަ އޮފީހެއް ވެސް ހެދި އެވެ. އެކަމަކު، މި އޮފީސް އަދި ބޭނުމެއް ނުކުރެ އެވެ. ނައިބު ރައީސް ޖިހާދު މަސައްކަތްޕުޅު ކުރައްވަނީ ރައީސް އޮފީހުގަ އެވެ.

ފިނޭންސް މިނިސްޓަރަކަށް އޭރު ހުންނެވި ޖިހާދު ނައިބު ރައީސަކަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ތިން ވަނަ ނައިބު ރައީސަކަަށް ވެވަޑައިގެންފައިވާ ޖިހާދަށް މަޖިލީހުން ވަނީ އިއްޔެ ރުހުން ދީފަ އެވެ.