ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލައެއް ދޭން އުޅުނީ ކޮން ތަނަކު ކަމެއް ދައުލަތަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެއެއް ނުދެވުނެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޖާނުން ފިދާވެގެން ހަމަލައެއް ދީފާނެ ކަމުގެ ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައްޔަރުކޮށް، ދައުލަތުން ދައުވާ އުފުލާފައި ވަނީ ފުވައްމުލަކު އަލުވިމާގޭ ހުސެއިން އަފީފުގެ މައްޗަށާއި ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގު އަލީގެ މައްޗަށެވެ. ދައުލަތުން ބުނާ ގޮތުން ދެ މީހުންގެ ތެރެއިން އިސްހާގަކީ މިކަން ރޭވި މީހާ އެވެ. އަފީފަކީ ޖާނުން ފިދާވެގެން ހަމަލަ ދޭން އުޅުނު މީހާ އެވެ. އެކަމަކު މިއަދާއި މިރޭ ކުރިއަށް ދިޔައީ އިސްހާގުގެ މައްޗަށް ކުރާ ޝަރީއަތުގެ ބައެވެ. އަފީފްގެ ބައި، ވަކީލު ހާޒިރުނުވެގެން ކޯޓުގައި ކުރިއަކަށް ނުދެ އެވެ.

އިސްހާގާއި އަފީފްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ޓަކައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށައަޅައިފަ އެވެ. އޭގެތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި މޮބައިލް ފޮރެންސިކް ރިޕޯޓާއި ކޮމްޕިއުޓާ ރިޕޯޓާއި ފައިނޭންޝިއަލް ޓްރާންސެކްޝަންތަކާއި އޯޑިއޯ ރިކޯޑިންއެއް ހިމެނެ އެވެ.

ދައުވާއާ ގުޅިގެން އިސްހާގުގެ ވަކީލް މުހައްމަދު މިސްބާހް ވިދާޅުވީ އިސްހާގު ޖާނުން ފިދާވުމުގެ ހަމަލަ ދޭން އުޅުނީ ކޮން ކަމަކާ ގުޅިގެންކަން ތަފްސީލްކޮށް ކިޔައިދެވިފަައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެ ހަމަލަ ދޭން ރޭވީ ބަޔަކަށް ބިރު ދައްކައި ގެއްލުމެއް ދީ ދައުލަތަށް ނުފޫޒެއް ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.

ދައުލަތަށް ލިބުނު ހެކިތަކާއި ގަރީނާތަކުން ޖާނުން ފިދާވުމުގެ ހަމަލައެއް ދޭން އުޅޭކަން ޔަގީން ކުރެވޭ ކަމަށާއި މިއީ ސަރުކާރަށް ނޭދެވޭ އަސަރު ކުރާނެ، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދިވެއްސަކު ހަމަލަ ދިން ނަމަ، ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެގެން ދާނެ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މައްސަލަ ބައްލަވަމުން އަންނަ ގާޒީ އާދަމް އާރިފް ވަނީ ދިވެހިންނަށް ފިދާއީ ހަމަލާ ދިނުމުގެ ފުރުސަތު އޮތްތޯ ދައުލަތުގެ ވަކީލާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ވަކީލް ވިދާޅުވީ އެފަދަ އަމަލެއް ކުރުން ރާއްޖޭގެ ގާނޫނުތަކުގައި ހުއްދަ ނުކުރާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އިސްހާގު ފޮނުވި މެސެޖެއްގައި "ފިދާއީ ހަމަލާ އަށް ތައްޔާރުވުމަށް"، "މިޝަނަށް ތައްޔާރުވުމަށް" މިގޮތަށް ފޮނުވާފައިވާ މެސެޖްގެ ކޮންޓެންޓް ލިބިފައިވާ ކަމަށެވެ.

މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ނުދީ މަރުވާން އުޅެފާނެ ނޫންތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކު މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ޖާނުން ފިދާވުމުގެ ހަމަލައެއް ދީފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އެކަމަކު އެ ހަމަލަ ދޭން އުޅުނީ ކޮން ތަނަކު ކަން ފުލުހުންގެ ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރަން ރޭވި ކަން އޯޑިއޯ ރިޕޯޓުން ޔަގީން ކުރެވޭ ކަމަަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އިސްހާގު ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު 14 ގަ އެވެ. އޭގެ ފަހުން ހަމަ އެ މައްސަލައިގައި އަފީފް ހައްޔަރު ކުރި އެވެ. ވަކީލް ވަނީ ޖާނުން ފިދާވުމުގެ ހަމަލަ ދޭން އުޅުނު ތަން ނޭނގޭތީ ހައްޔަރުނުކޮށް ތިބެންވީތޯ ސުވާލު އުފައްދަވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްހާގުގެ ލެޕްޓޮޕް ބަލައި ފާސްކުރި އިރު ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސްގެ ވިސްނުމާއި ފިކުރު ދައްކައިދޭ ވީޑިއޯ، އޯޑިއޯ އަދި ލިޔުންތައް ވަނީ ފެނިފަ އެވެ.

"(އައިއެސް) މީހުން ދެމުން އަންނަ ލާއިންސާނީ އަމަލުތަކާއި މީހުންގެ ކަރު ބުރި ކުރާ ފަދަ ވީޑިއޯތައް [އޭގެ ތެރޭގައި] ހިމެނޭ،" ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ފައިސާގެ ޓްރާންސެކްޝަންތައް ހިންގާފައި ވަނީ މި ހަމަލަ ދިނުމަށް ކަމަށެވެ. އަދި އިސްހާގު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މައްސަލައާ ގުޅޭ ހެކި ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިސްބާހް ވިދާޅުވީ އެކަން ކުރަން ބޭނުންވާ ސާމާނު ގެންދިޔަކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ކޯލް ރިކޯޑިން ސިއްރުކޮށް ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް އެދިވަޑައިގެންފަ އެވެ. ސަބަބަކީ އެހެން މީހެއްގެ މައުލޫމާތު ހުރުމާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމެއް ކަމަށް ބެލެވޭތީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ އަށެއްގައި އޮންނާނެ ކަމަށެވެ.

އަޑުއެހުމުގައި އިސްހާގު އިނީ ކުރިމައްޗަށް ބިޑި އަޅުވައި ޖަލު ހެދުމުގަ އެވެ. އޭނާާގެ މޫނުމަތިން އެއްވެސް ހާސް ކަމެއް ނުފެނެ އެވެ. އަދި ދޭތެރެ ދޭތެރެއިން ވަކީލް މިސްބާހުއާ ވާހަކަ ދައްކާތަން ފެނުނެވެ.