ވަކި ބައެއްގެ ނާޖާއިޒު ބޭނުންތައް ފުއްދައިދިނުމަށް ރައްޔިތުން އިޖާބަދީގެން ނުވާނެ: އަޒްލީން

ވަކި ބައެއްގެ ނާޖާއިޒު ބޭނުންތައް ފުއްދައިދިނުމަށްޓަކައި، ރައްޔިތުން އިޖާބަދީގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިރޭ ވިދާޅުވެއްޖެ އެވެ.


ޝަހީދުންގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ވިސްނަން ޖެހޭނީ ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަަސްލަހަތަށް ކަމަށެވެ.

"ތިމާގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޖާނާއި މާލާއި ހިލްމު ބޭނުންކޮށްގެން ގައުމަށް ފައިދާވާ ކޮންމެ ކަމެއް ކޮށްދިނުމަކީ ކުރަން ޖެހޭނެ ކަމެއްކަން އަޅުގަނޑުމެންނަށް މި ދެންނެވި ހާދިސާއިން ދަސްވެގެންދޭ. މިގޮތުން ގައިގަ ވަރުހުރި ޒުވާން ނޫކަށި ފުރައިގެ ޒުވާނުން މިއަދު ވެސް ގައުމުގެ ހައްގުގައި ގައުމުގެ ނަން ރޯޝަންކުރަން ކުޅިވަރުގެ ރޮނގުންނާއި ތައުލީމީ ރޮނގުންނާއި އަދި އެނޫން އެހެން ރޮނގަކުން ވިޔަސް އިލްމާއި ހުނަރު ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތަކުގައި ޝާމިލްވުމަކީ ކުރަން ޖެހޭނެ ކަމެއް،" އަލި ރަސްގެފާނު ކުރެއްވި ހަނގުރާމަ އަށް އިޝާރާތްކުރައްވައި އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލީ ގޮތުން ތަނަވަސް މީހުން ގައުމަށް ފައިދާހުރި ކަންކަމަށް ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި އިލްމީ ގާބިލްކަންހުރި މީހުން ގައުމު ކުރިއަރުވައި ތަމައްދުން ތަހުޒީބުކުރުމަށްޓަކައި ސިކުނޑިތަކުގެ ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ގައުމުތަކަށް ތަރައްގީ އާއި ތަމައްދުން އަންނަނީ ގައުމުތަކުގައި އޮންނަ އަމާންކަމާއި އޮމާންކަމުގެ ތެރެއިންކަން ދަންނަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީދުންގެ ދުވަހާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ އަލިރަސްގެފާނު ކުރެއްވި ހަނގުރާމައިން ދަސްވި ދެވަނަ ފިލާވަޅަކީ އަދުއްވުންގެ ހަމަލާތަކުން ދިފާއުކުރުމަށްޓަކައި ޖެހިލުންކުޑަވާން ޖެހޭނެކަން ކަމަށެވެ. އަދި ތިމާ ފިޔަވައި އިތުރު މީހަކު ނެތް ނަމަވެސް، ފިލަން ނުދުވެ ސާބިތުކަމާއެކު ގައުމު ދިފާއުކުރުމަށްޓަކައި ހުންނަން ޖެހޭނެކަން ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.