ވާރޭ ވެހި އައްޑޫ ފޭދޫގައި ފެންބޮޑުވާތީ އެ މައްސަލަ ހައްލު ކުރަން ސަރުކާރުން ކުރިއަށް ގެންދާ، ފެންހިންދާ ނިޒާމުގެ އަމަލީ މަޝްރޫއު މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އިއްޔެ އައްޑު އަށް ބޯކޮށް ވާރޭ ވެހި ފޭދޫގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ އައިބީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވައުދާ އެއްގޮތަށް އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އޭނާ ވަނީ ފެންބޮޑުވެ، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އައްޑު އަށް 2015 ގައި ކުރި ބޯ ވިއްސާރައިގައި ވެސް ފޭދޫގައި ވަރަށް ބޮޑަށް ފެންބޮޑުވުމުން، ފެން ހިންދާ ނިޒާމު ވަރަށް އަވަހަށް ގާއިމު ކުރާނެ ކަމަށް ބުނެ، އެކަމާ ބެހޭ ދިރާސާތަކެއް ވެސް ފެށި އެވެ. އަދި ފޭދޫގައި އެންމެ ބޮޑަށް ފެންބޮޑުވާ ފޭދޫގެ ބޮޑުމަގާއި އެ މަގާ ގުޅުން ހުރި މަގުތަކުގައި ޖަންކްޝަންތަކެއް ބަހައްޓައި ފެން ބޭރު ކުރެވޭނެ ގޮތެއް ހެދި ނަމަވެސް، ފެންބޮޑުވާ މައްސަލަ އަށް އެކަށީގެންވާ ހައްލެއް މިހާތަނަކަށް ނުލިބެ އެވެ.

އެހެންވެ، ފެންހިންދާ ރަނގަޅު ނިޒާމެއް ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ފޭދޫގައި ސާވޭތަކެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ހެދި އެވެ. އެ މަސައްކަތް ކުރީ ވޯޓާ ސޮލިއުޝަނުންނެވެ.

ފޭދޫގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބީލަމަށް ހުޅުވައިލި އެވެ. އެނގިފައިވާ ގޮތުގައި މަސައްކަތް މިހާރު އޮތީ ކޮންޓްރެކްޓަރަކާ ހަވާލު ކުރުމުގެ މަރުހަލާގަ އެވެ.