އައްޑޫގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަނީ

އައްޑޫ މަރަދު އާއި ފޭދު އަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެ ގެއްލުން ވަމުންދާތީ އެމްއެންޑީއެފުން މިއަދު ފެން ހިއްކަން ފަށައިފި އެވެ.


އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، އިބްރާހިމް އާޒިމް ވިދާޅުވީ ރެއިން ފެށިގެން ކުރަމުންދާ ވިއްސާރާގައި އައްޑޫގެ ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. އެހެންވެ، ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ގެތަކަށް ފެން ވަނުމުގެ ސަބަބުން ފަރުނީޗަރު ފަދަ ތަކެއްޗަށް ވަނީ ގެއްލުން ވެފަ އެވެ. ނަމަވެސް ގެއްލުން ލިބުނު ގެތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އައްޑޫގެ ރަށެއްގެ މަގުމަތީގައި ފެން ބޮޑުވެފައިވާއިރު، ސިފައިން އެ މަގުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

މިދިޔަ މަހު ފަހު ކޮޅުން ފެށިގެން ރާއްޖޭގެ ދެކުނަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާއިރު އަންނަ އާދިއްތަ ދުވަހާ ހަމައަށް އެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.

މެޓް އޮފީހުން ބުނިގޮތުގައި މުޅި ރާއްޖެއަށް ބަލާއިރު މޫސުން އެންމެ ގޯހީ އެންމެ ދެކުނަށެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައިގަދަ ވާނެ ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.