24 މުވައްޒަފަކަށް ހަ ލައްކަ ރުފިޔާ ދޭން މެގަ މޯލްޑިވްސް އަށް ހުކުމްކޮށްފި

މެގަ މޯލްޑިވްސްގެ ދަތުރުތައް ހުއްޓާލައި، ކުންފުނި އުވާލަން ނިންމިއިރު އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ 24 މުވައްޒަފަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.


މާލީ ދަތިތަކާ ހުރެ، މިދިޔަ ފެބްރުއަރީ މަހު އުވާލަން ނިންމި މެގަ މޯލްޑިވްސްގެ 24 މުވައްޒަފަކު ސިވިލް ކޯޓުގައި ދައުވާކުރީ އެ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތްކުރި މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ފައިސާ ހޯދުމަށެވެ. ކުންފުނި އުވާލަން ނިންމުމުގެ ކުރިން މިދިޔަ އަހަރު މެއި މަހުން ފެށިގެން މެގަ މޯލްޑިވްސްގެ އޮޕަރޭޝަންސްތައް އޮތީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ވަކިވަކިން ހުށަހެޅި އެ މައްސަލަތައް ނިންމައި، އެ މުވައްޒަފުންނަށް ލިބެންޖެހޭ އިނާޔަތްތަކުގެ ފައިސާ ދޭން ކޯޓުން އަމުރު ކުރިއިރު، އެ ހުރިހާ މުވައްޒަފުންނަށް މެގަ މޯލްޑިވްސްގެ ދައްކަން ޖެހުނު ޖުމްލަ އަދަދު 43،000 ޑޮލަރު (ހަ ލައްކަ ރުފިޔާ) އަށް ވުރެ މައްޗަށް އަރަ އެވެ.

މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާގެ އެއްބަސްވުން އުވާލާފައިވާތީ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ހޯދަން ވެސް މުވައްޒަފުންގެ ފަރާތުން ދައުވާގައި އެދިފައިވެ އެވެ. އެކަމަކު ކޯޓުން ނިންމީ ނޯޓިސްގެ މުއްދަތަށް ވާ ފައިސާ ނަގައި ދެވެން ނެތް ކަމަށެވެ.

ރާއްޖެއިން ބޭޭރުގެ އެކި މަންޒިލްތަކަށް 2010 ވަނަ އަހަރުން ފެށިގެން ދަތުރުކުރި މެގަ މޯލްޑިވްސް އުވާލަން ނިންމުމުގެ ކުރިން އެ ކުންފުނިން މިދިޔަ އަހަރު އޮޕަރޭޝަންސްތައް މެދުކަނޑާލުމަށް ފަހު ފުރަތަމަ އިއުލާންކުރީ ބޮޑެތި ބަދަލުތަކާ އެކު އެ އެއާލައިންގެ އުދުހުންތައް ފަށާނެ ކަމަށެވެ.