މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ފޭވަރިޓް ޖަޖުންގެ ގޮތުގައި އިސްމާއިލް އައްފާނާއި ޒާރާ މުޖުތަބާގެ ނަން ކިޔާ މީހުން ވަރަށް ގިނަ އެވެ. އެއީ އެ މީހުން ޖަޖުކަން ކުރާ ގޮތުން ލިބުނު ލޯތްބެއް ކަމަށް ވިޔަސް މި މީހުންގެ ހެދުން އެޅުމާއި މޭކަޕް ވެސް. މަގުބޫލު ލިސްޓުގެ ތެރެއަށް ވަދެ އެވެ.

އައިޑޮލްގެ ކޮންމެ ޝޯއަކުން ވެސް މި މީހުން ފެންނަނީ ސިމްޕަލްކޮށް، ރީތިކޮށް ލުއި މޭކަޕަކާ އެކުގަ އެވެ. ދެއްކުންތެރިކަމެއް ނެތި ދެ ޖަޖުން އެމީހުންގެ ނަލަކަން ހާމަކޮށްލާ ކަމަށް ދެކޭ މީހުން ގިނަ އެވެ.

އައިޑޮލްގެ ސްޓޭޖުގައި ވެސް އެހާ ސިމްޕަލް ލުކެއްގައި ޒާރާ މި އިންނަނީ އާންމު ދިރިއުޅުމުގައި ވެސް ޒާރާ އަކީ ސިމްޕަލްކޮށް ހެދުން އަޅާ އާޓިސްޓަކަށް ވީމަ އެވެ.

އައިޑޮލްގައި ޖަޖުން ހެދުން އަޅާފައި ހުންނަނީ ޖަޖުން އަމިއްލައަށް ބޭނުންވާ ގޮތަކަށެވެ. އެގޮތުން ޒާރާގެ ހެދުންތައް އެ ހުންނަނީ އާންމުކޮށްވެސް އޭނާ ހުންނަހާ ސިމްޕަލް ކޮށެވެ.

ހެދުމުގެ އިތުރުން ސިމްޕަލް މޭކަޕެއްގައި ޒާރާ ފެނުމުގެ ސިއްރު އެނގޭ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދަން ކުރި މަސައްކަތުން ވަރަށް ގިނަ ކަންކަން އެނގުނެވެ.

އޭނާ އަކީ އާންމުކޮށް އެއްވެސް މޭކަޕެއް ކުރާ މީހެއް ނޫނެވެ. ރިސޯޓްތަކަށް ގިގްތަކަށް ދާއިރު ވެސް އެއްވެސް މޭކަޕެއް އޭނާ ނުކުރާނެ އެވެ. ލިޕްސްޓިކް، މަސްކަރާ، ފައުންޑޭޝަން މި އެއްޗިއްސަކީ ޒާރާއާ މާ ގާތް ގުޅުމެއް ހުންނަ ސާމާނެއް ނޫނެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލް ކަހަލަ ވަރަށް ބޮޑު އިވެންޓެއް ނުވަތަ ވަރަށް ބޮޑު ޝޯއެއްގައި ނަމަ ޒާރާ މޭކަޕްކޮށްގެން ހުއްޓާ ފެނިދާނެ އެވެ.

ލަވަކިޔުންތެރިޔާ ޒާރާ
ލަވަކިޔުންތެރިޔާ ޒާރާ

މޯލްޑިވިއަން އައިޑޮލްގައި ކޮންމެ ޖަޖަކަށް ވެސް ޕީއެސްއެމުން އޮންނަނީ ޖަޖުން އަމިއްލައަށް ބޭނުންވާ ގޮތަށް ހެދުން އެޅުމުގެ އިހްތިޔާރުދީ ވަރަށް ބޮޑަށް ދޫކޮށްލައިފަ އެވެ. ޒާރާ އޭނާގެ ނަލަކަން ދައްކަމުން އަންނަނީ ހެދުން ފެހުމުގެ ބަދަލުގައި ހެދުން ގަނެ އަދި ބައެއް ހެދުންތަކަށް ކުދިކުދި ބަދަލުތައް ގެނެސްގެންނެވެ. ނަމަވެސް ޕީއެސްއެމުން ކަނޑައަޅާފައިވާ ޑިޒަނަރާއެކު ޒާރާގެ އަމިއްލަ ހިޔާލާ އެއް ގޮތަށް ދެތިން ހެދުން ފެއްސި އެވެ.

ޒާރާ އަާއި އައްފާން. --
ޒާރާ އަާއި އައްފާން. --

އެންމެ ގިނަ ޕޮޒިޓިވް ކޮމެންޓު ލިބޭ ޖަޖަކަށް ޒާރާ ވާއިރު ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ ގިނަ ޝޯތަކުގައި އާންމުކޮށް އެއް ހެއާ ސްޓައިލެއްގައި ފެނުމެވެ. އެ ބުޅި އިިސްތަށިގަނޑަށް ތަފާތު ގޮތްގޮތް ނުހަދާތީ އެ ވާހަކަ އެވެ. އައިޑޮލްގެ ދަތުރުގެ މިހާ ހިސާބަށް، އިސްތަށިގަނޑާއި މޭކަޕް ހަދައިދިނީ ނަސޫ އެވެ. ކުރިއަށް އޮތް ތަނުގައި މޭކަޕާ ހަވާލުވާނީ ނަސޫ އެވެ. އިސްތަށިގަނޑު މައިކް އަށެވެ. މި ހިސާބުން ޒާރާގެ ބުޅި އިސްތަށިގަނޑު ފަންކޮށްލައި މުޅިން ތަފާތު ސްޓައިލެއް ފެނިދާނެ ހެއްޔޭ ހިތަށް އަރާފާނެ އެވެ. ނަމަވެސް އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ލަފާކުރެވެ އެވެ. އެއީ ފަން އިސްތަށިގަނޑެއް ނުގުޅޭ ކަމަށް ޒާރާ ވެސް ގަބޫލު ކުރާތީ އެވެ.

ކިތަންމެ ސިމްޕަލްކޮށް ހެދުން އަޅާ ލުއި މޭކަޕެއް ކޮށްލައިގެން ހުއްޓަސް ގަހަނާ އެޅުމަކީ ޒާރާއަށް މަޖުބޫރު ކަމެކެވެ. ހުރިހާ ވެސް އެއްޗަކީ ގަހަނާ އެވެ. އާންމުކޮށް ބޭރަށްދާއިރު ވެސް އެހާ ގިނަ ގަހަނާ އަޅަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުގައި މިދިޔަ އަހަރު އައްފާން (މ) ޕާފޯމްކުރަނީ. --ފޮޓޯ: ޕީއެސްއެމް
މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުގައި މިދިޔަ އަހަރު އައްފާން (މ) ޕާފޯމްކުރަނީ. --ފޮޓޯ: ޕީއެސްއެމް

ޒާރާ އެކޭ އެއްގޮތަށް ޖަޖު އައްފާން ވެސް ފެންނަނީ ސިމްޕަލްކޮށް، އެކަމަކު ހިތް ދަމައިގަންނަ ގޮތަކަށް ހެދުން އަޅައިގެން ހުންނަ ތަނެވެ. އޭނާގެ ވެސް ބުޅި އިސްތަށިގަނޑަށް އެއްވެސް ބަދަލެއް ނުގެނެސް އޮންނަ އޮތުން ވެސް ގިނަ މީހުން ފާހަގަކުރެ އެވެ. އައްފާން 2016 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އާޓިސްޓުންނަކީ އެހެން މީހުން ފޮލޯކުރާނެ މީހުންނަށް ވާތީ ހެދުން އެޅުމުގައި ވެސް ބަލަން ޖެހޭނެ ކަމަށެވެ.

"އާޓިސްޓެއްވެއްޖެއްޔާމު، އެމީހަކު ލާ އެއްޗިއްސާއި އުޅޭ ގޮތަކަށް ވަރަށް ގިނަ މީހުން ބަލާނެ، އެ ސޮސައިޓީއެއްގައި. އާޓިސްޓުން، ދޭ ކޭން ޕްލޭ ވިތު ފެޝަން. އެ މީހަކު ބޮލަށް ހަދާ ގޮތެއް ނުވަތަ ހެދުން އަޅާ ގޮތަކަށް ވެސް ވަރަށް ގިނަ މީހުން ބަލާނެ. އެހެންވީމަ (އާޓިސްޓުން) ޖެހޭނެ ވަރަށް ބޮޑަށް ވިސްނަން އެމީހުން ހުންނަ ގޮތަށާއި ތިބޭ ގޮތަށް، އުޅޭ ގޮތަށް. ހުރިހާ ކަމެއްގައި ވެސް ވަރަށް ރެސްޕެކްޓްފުލްގޮތަކަށް އުޅެވޭތޯ ބަލަން ޖެހޭނީ. އެންމެ ކުޑަކުއްޖާ އަށް އެންމެ މުސްކުޅި މީހާ އަށް ފެންނާނެ (އެ އާޓިސްޓަކު) މަގުމަތީގައި އުޅޭގޮތް" އައްފާން އޭރު ބުނެފައިވެ އެވެ.