މޯލްޑިވިއަން އައިޑަލްގެ ބައިވެރިންގެ ހެދުންތައް ޑިޒައިންކޮށް ފައްސަން ކޮންމެ ފަހަރަކު ވެސް ދެނީ އެކި ޑިޒައިނަރުންނަށެވެ. މިފަހަރުގެ އައިޑަލްގައި ހެދުންތައް ހަދާފައިވަނީ ސަދާ އަލީ (ރިހިވެލި ބައި ސާދާ) އަދި އައިޝަތު ޝިފްޒާ (ޝިފް ކޮޓުއާ) އެވެ. މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއިން ޖާގަ ހޯދައިފައިވާ ފަސް ބައިވެރިން ކަމުގައިވާ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، ނައުޝާދު އަބްދުލް ލަތީފް، މަރިޔަމް މައީޝާ އަދި އައިޝަތު އަޒަލް ހެދުންތަކަށް ބަލައިލަމާ ހިނގާށެވެ.
ލަވަކިޔުންތެރިންގެ ކޮސްޓިއުމްތަކަށް އަބަދުވެސް ބެލުންތެރިން ފާޑުކިޔަ އެވެ. ހަގީގަތުގައި މޯލްޑިވިއަން އައިޑަލް އަކީ ދިވެހި ޑިޒައިނަރުންނަށް އެމީހުންގެ ކުޅަދާނަކަން ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އަދި ކޮންމެ ހަފުތާއަކު މި ހުރިހާ ބައިވެރިންނަށް ހެދުންތައް ފެހުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. އެކަމު ބައެއް ފަހަރު ހެދުން ހުތުރުވެ ނުވަަތަ ލައިގެން ހުންނަ ހެދުން އުނދަގޫ ވުމަކީ ބޮޑު ސްޓޭޖަކަށް އަރާ ޕާފޯމްކޮށްލަން ދާއިރު ކޮންފިޑެންސަށް އަސަރު ކުރާ ކަމެކެވެ.
އައިމިނަތު ސައިނާ މުހައްމަދު ރަޝީދު
އުމުރުން އެންމެ 16 އަހަރެވެ. ސައިނާގެ އަޑަށް 25 އަހަރޭ ވެސް ބައެއް މީހުން ކިއައެވެ. އެކަމަކު މޯލްޑިވިއަން އައިޑަލްގައި ސައިނާ ހެދުން އަޅާ ސްޓައިލް ބައެއް އެޕިސޯޑުތަކުގައި އުމުރާ ނުގުޅޭ ގޮތަށް ހުންނަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކިޔަ އެވެ. އެއީ "ޖާޖަސް ޗޮއިސް" އަދި "ގޯލްޑަން އާޓިސްޓް" މި ދެ ޝޯގައި ސައިނާ ހެދުން އަޅާފައި ހުރި ގޮތުންކަމަށް ވެސް ވެދާނެ އެވެ. ސައިނާޔާ ގުޅޭ ގޮތަށް ލީ އެންމެ ރީތި ހެދުންތަކުގެ ތެރޭގައި 'ފޭންސް ޗޮއިސް" އަދި "ޕިއާނޯ ރައުންޑް 2" ގައި ލީ އައުޓް ފިޓްތައް ވާނެ އެވެ. މި ސީޒަންގައި ސައިނާގެ ހެދުން ޑިޒައިންކޮށް ފެހީ ސާދާ އެވެ.
އައިޝަތު އަޒަލް
މިއުޒިކީ އެކި ހުނަރުތަކާއި އަޒަލްގެ އާދަޔާ ހިލާފު ނެށުމުގެ އިތުރުން، އަޒަލް މި ސީޒަންގައި އަޅާފައިވާ ހެދުންތައް ބެލުންތެރިންނަށް ވަރަށް ކަމުދެ އެވެ. އަދި ބައެއް ފަހަރު އަޒަލްގެ ހެދުން ރީތި ވާހަަކަ ޝޯ ކުރިއަށް ދާއިރު ޖަޖުން ވެސް ފާހަގަކުރެ އެވެ. އަޒަލްގެ އެންމެ ކަމުދިޔަ ހެދުންތަކުގެ ތެރޭގައި 'ފޭންސް ޗޮއިސް" ރައުންޑުގައި "ހުސްފުލޯކު" މި ލަވަ ހުށަހަޅައިދިން އިރު ލީ ހެދުމާއި "ރެގޭ ނައިޓް" ގައި ލައިގެން ހުރި އައުޓްފިޓް ފާހަގަވި އެވެ. އެކަމަކު "އެވާ ގްރީން ހިޓްސް" މި އެޕިސޯޑްގައި އަޒަލް ލައިގެން ހުރި ހަރުވާޅަށް ފާޑުކިއުން އަމާޒުވިއެވެ. އަޒަލްގެ އައުޓްފިޓް ތައްޔާރުކޮށްދީފައި ވަނީ ޝިފް އެވެ.
މަރިޔަމް މައީޝާ
މިފަހަކަށް އައިސް މައީޝާގެ އައުޓްފިޓްތައް ޗާލެވެ. "އެކައުސްޓިކް ނައިޓް" ގައި ލީ ހެދުން މައިޝާ ވަނީ ރީތި ކެޓްވޯކަކާ އެކީ ދައްކާލައިފަ އެވެ. މީގެ އިތުރުން އޭނަ ލީ ހެދުންތަކުގެ ތެރެއިން އެންމެ ރީތި ކަމަށް ފާހަގަވެފައިވަނީ "ފޭންސް ޗޮއިސް"، "މޫވީ ނައިޓް" އަދި "އީ ޑީ އެމް ނައިޓް" ގައި ލީ ފްލޯރަލް ޕެޓާންގެ ހެދުން ހިމެނެ އެވެ. ބެލުންތެރިންނަށް އެންމެ ކަމު ނުދިޔަ އެއް ހެދުމަކީ "ގޯލްޑަން އާޓިސްޓް" ނައިޓްގައި މައި ލައިގެން ހުރި ގޮޅިޖެހި މަހުމާ ފޮތީގެ ޖަމްޕްސޫޓެވެ. މައީޝާގެ ހެދުން ތައްޔާރުކޮށްދިނީ ޝިފް އެވެ.
ތަސްލީމް އަބްދުލް ކަރީމް
މަޑުމައިތިރި ރީތި އަޑެއްގެ ވެރިއެކެވެ. ބްލޭޒާ އަދި ސޫޓުތަކާ އެކު ސިމްޕަލް ސްޓައިލަކަށް ތަސް ހެދުން އަޅާ އިރު މާ ރީތި ކަމަށް ބެލުންތެެރިން ފާހަގަކުރިއެވެ. އޭގެ ތެރޭގައި "ގޯލްޑަން އާޓިސްޓް ނައިޓް" އަދި "ޖަޖަސް ޗޮއިސް" ގައި ލައިގެން ހުރި މިލިޓަރީ ސްޓައިލްގެ މަޑު ނޫ ކުލައިގެ އައުޓްފިޓް ވަރަށް ވެސް ޗާލެވެ. ތަސްއާ އެންމެ ނުގުޅޭގޮތަކަށް އަޅައިގެން ހުރި އައުޓްފިޓްގެ ތެރޭގައި "ރެގޭ ނައިޓް" ގެ ހެދުން ހިމެނެއެވެ. އައިޑަލްގައި ތަސްގެ ޑިޒައިނަރަކީ ސާދާ އެވެ.
ނައުޝާދު އަބްދުލް ލަތީފް
ނައުޝާދު އަހަރުމެންނަށް ފެންނަނީ ސަކަ މިޒާޖެއްގައި ސްޓޭޖް މަތީ ނަށާލާފައި އުޅޭތަނެވެ. ނައުޝާދުގެ އައުޓްފިޓްތަކުން ވެސް އޭނަގެ މި ހިތްގައިމު ސިފަތައް ސިފަވާނެ ނަމައޭ ހިތަށް އަރަ އެވެ. މި ބައިވެރިޔާ އަހަރުމެންނަށް ފެނިފައި ވަނީ ޕާކިސްތާން ސްޓައިލްތަކުގެ ގަމީހާއި ބްލޭޒާ ޖެކެޓްތައް ލައިގެން ހުންނަތަނެވެ. ނައުޝާދުގެ ވެސް އެންމެ ކަމުދިޔައީ "ގޯލްޑަން އާޓިސްޓް" ނައިޓުގައި ލީ ހެދުމެވެ. ހަމައެކަނި މައްސަލަޔަކީ ބައެއް ހެދުންތައް އޭނަގެ ގަޔަށް ތަންކޮޅެއް ބާރުކަމަށް ފާހަަގަކުރެވުމެވެ. ނައުޝާދުގެ ވެސް ހެދުމަކީ ސާދާގެ ޑިޒައިނެކެވެ.
މިހާތަނަށް ފެނުނު 14 ތީމްގެ ހެދުންތަކަށް ބަލާއިރު އެންމެ ކަމުދަނީ ކޮންބައިވެރިއެއްގެ ހެދުމެެއް ހެއްޔެވެ؟