މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ކާމިޔާބުކުރާނީ އައިމިނަތު ސައިނާ ނުވަތަ މަރިޔަމް މައީޝާ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ އައިޝަތު އަޒަލް ޒާހިރު އެ ޝަރަފު ހޯދައި އެންމެން ހައިރާންކޮށްލައިފި އެވެ.
ފަސް ފައިނަލިސްޓުންގެ ތެރެއިން މިރޭ އެންމެ ފުރަތަމަ ހޮވީ ގަދަ ތިން ބައިވެރިންނެވެ. އެ ބައިވެރިންނަކީ އަޒަލްގެ އިތުރުން ސައިނާ އާއި މައީޝާ އެވެ.
މޯލްޑިވިއަން އައިޑޮލްގެ މީގެ ކުރީގެ ދެ ސީޒަންގައި ވެސް ވާދަކޮށް ކަޓައިގެން ދިޔަ އަޒަލް އަށް މޯލްޑިވިއަން އައިޑަލް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުށަހަޅައިދިން ދެ ލަވައަށް ޖަޖުންގެ ފަރާތުން ލިބުނު މާކުހާއި ސަޕޯޓަރުން ދިން ވޯޓު އެއްކޮށްލުމުން އެންމެ މަތީ މާކްސް ލިބިގެންނެވެ. އަދި ގަދަ ތިނެއް ހޮވަން ބޭއްވި ރައުުންޑުގައި ޖަޖުންގެ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސް ބޭނުންކޮށްފައިވެ އެވެ.
މި ސީޒަންގެ ޓައިޓަލް އަޒަލް ގެންދިޔައިރު ފުރަތަމަ ރަނަރަޕަކަށް ހޮވިިފައިވަނީ ސައިނާ އެވެ. އަދި ދެވަނަ ރަނަރަޕަކަށް ހޮވުނީ މައީޝާ އެވެ.
އެއްވަނައަށް ހޮވުނު އަޒަލް އަށް ވަނީ 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަޒަލް އަށް އެ އިނާމް ހަވާލުކުރީ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމެވެ. މީގެ އިތުރުން ލިމްކޮކްވިންގް ޔުނިވާސިޓީގެ ކަލްޗަރަލް ފެސްޓިވަލްގައި ޕާފޯމްކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
އަދި މީގެ އިތުރުން އައިޑޮލްގެ ސްޕޮންސަރުންގެ ފަރާތުން ވެސް ބޮޑެތި ގިނަ އިނާމްތަކެއް ގަދަ ތިން ބައިވެރިންނަށް ދީފައިވެ އެވެ.