ކުރިމަތިލާ ކަމެއް ނާކާމިޔާބުވުމަކީ އެ ހިސާބުން ދެން އެކަމެއް ހުއްޓާލާފައި އެހެން ކަމަކައިގެން އުޅެންޖެހޭ ސަބަބެއް ނޫންކަން، ރޭ މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރި އައިޝަތު އަޒަލް ވަނީ ސާބިތުކޮށްދީފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ކުރީ ސީޒަންތައް ކާމިޔާބުކުރި ބައިވެރިންނާ ޚިލާފަށް އަޒަލް، އައިޑޮލްގެ ކޮންމެ ސީޒަނެއްގައި ވެސް ބައިވެރިވި އެވެ. ކުރީގެ ދެ މުބާރާތުން ވެސް ވަކި ހިސާބަކުން ކަޓައިގެން ދާންޖެހުނީ އެވެ. އެކަމަކު، މާޔޫސް ނުވެ މިފަހަރު ވެސް ވާދަކޮށް މި ވަނީ އެންމެން ސިއްސުވާލައިފަ އެވެ.

ފުރަތަމަ ސީޒަންގައި އޮޑިޝަނާ ހިސާބުން މުބާރާތާއި ވަކިވާން ޖެހުމުން ދެވަނަ ސީޒަނަށް އޭނާ އައީ އެއަށްވުރެ ބޮޑަށް ތައްޔާރުވެގެން އުންމީދާ އެކުގަ އެވެ. ދެން ކެޓީ ތިއޭޓާ ރައުންޑުންނެވެ. އެ ހިސާބުން އަޒަލް ދެން މިކަމާ ނޫޅޭނެ ކަމަށް ބެލެވުނަސް އަލުން އަނެއްކާ ނިކުމެ މިފަހަރު އެ ނިންމާލީ ޓްރޮފީއާ އެކުގަ އެވެ.

އައިޑޮލްގެ ފުރަތަމަ ތަޖުރިބާގެ ފިލާވަޅުން އޭނާ ދެން އައީ އިތުރަށް ދަސްކޮށްގެންނެވެ. ދެ ވަނަ ފަހަރު އޭނާ ކުރީ ފަހަރަށް ވުރެ ކުރިއަށް ޖެހުނެވެ. އެކަމަކު މި ސީޒަނާ އޭނާ ކުރިމަތިލީ ތަފާތުކޮށެވެ. ކުރިން ދެ ފަހަރު ވެސް މާލޭ އޮޑިޝަނުން ނިކުތަސް މިފަހަރު އޭނާ ބައިވެރިވީ އުފަން ރަށް އޮންނަ އައްޑޫ އޮޑިޝަނުންނެވެ. ދަތުރު ފެށީ ގޯލްޑެން ޓިކެޓުންނެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ޓައިޓްލް މިފަހަރު ހައްގުވަނީ އަޒަލް އަށް ކަން އިއުލާނުކުރި ވަގުތު އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަން އާދަޔާ ޚިލާފެވެ.

"މިއީ ހާދަ މަސައްކަތެކޭ" އޭނާ ބުންޏެވެ. އެކުވެރިންނާއި އާއިލާއިން ކޮށްދިން މަސައްކަތް ފާހަގަކޮށް، ފެންކަޅިވެފައި ހުރެ އޭނާ ބުނީ މިވަގު ބޭނުންވަނީ "ކައިރީގައި މަންމަ ހުންނަން" ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ލިބުނު އަޒަލް (ވ-2)
މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ލިބުނު އަޒަލް (ވ-2)

އަޒަލްގެ ކޮންމެ ހުށަހެޅުމަކަށް ފަހު ވެސް ޖަޖުންނާއި އޭނާ އަމިއްލަ އަށް ވެސް، އައިޑޮލްގެ ޓައިޓްލް ހޯދަން ކުރާ ދަތުރުގައި ދިމާވި ކަންކަމުގެ ވާހަކަ ދެއްކި އެވެ. ޖަޖުން ދިޔައީ އަޒަލް އަކީ ނަމޫނާއެއް ކަމަށް ބުނަމުންނެވެ. ހާސިލްކުރަން ބޭނުންވާ ކަމެއްގައި ދެމި ހުރެއްޖެ ނަމަ ނާކާމިޔާބީއަކީ ދަތުރު ނިންމާލަންޖެހޭ ސަބަބެއް ނޫންކަން އަޒަލް ސާބިތުކޮށްދީފި ކަމަށް ޖަޖުން ބުނެފައިވެ އެވެ.

ހަގީގަތުގައި، ޓައިޓްލް ނުލިބުނު ނަމަވެސް އަޒަލް އަށް ގެއްލޭނެ އެއްޗެއް ނެތެވެ. ގަދަ ފަހަކުން ކެޓިޔަސް އަދި ދެ ވަނަ ނުވަތަ ތިން ވަނަ މަގާމުން ފުއްދާލަން ޖެހުނު ނަމަވެސް އަޒަލް ދާނީ ހެވިފަ އެވެ. އެކަމަކު ޓައިޓްލް ކާމިޔާބު ކުރެވުމުން އޭނާއަށް ހުރިހާ އެއްޗެއް ލިބުނީ އެވެ.