މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކުރައްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމަށް ބަޖެޓުން އަހަރަކު ތިން ބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި އުމަރު ވަނީ އިދިކޮޅު ކޯލިޝަނުން ކެނޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އުމަރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުރަތަމަ އިއުލާންކުރި "ހެޔޮ ހިޔާ" ވައުދު ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރައްވަމުން އުމަރު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކުރި އިރު މުޅިންހެން ގެންގުޅުނީ ވިޔަފާރި އުސޫލެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ކުރާނީ ބަޖެޓުން ދޭ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް މަދުކޮށް ސީދާ ބަޖެޓުން އަހަރަކު ތިން ބިލިއަން ރުފިޔާ އިޖުތިމާއީ ބޯހިޔާވަހިކަމަށް ހަރަދު ކުރާނަން." އުމަރު ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު ތިން ބިލިއަން ރުފިޔާ ފްލެޓް އެޅުމަށާއި މާލެ އާއި އަތޮޅު ތެރޭގައި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު އެޅުމަށް ދޭ ހިލޭ އެހީ އާއި ސަބްސިޑީގެ ގޮތުގައި ހޭދަ ކުރާނަން،"
އަލަށް އަޅާނެ ފްލެޓްތަކާއި މިހާރު ދޫކޮށްފައިވާ ފްލެޓްތަކަށް ވެސް ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ އެ މީހަކަށް ލިބޭ އާމްދަނީގެ 25 ޕަސެންޓް ކަމުގައި ހަމަޖައްސާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއްގައި ސަރުކާރުން ދޫކުރާ އެއްވެސް ފްލެޓަކަށް އެޑްވާންސް ފައިސާ ނުނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އުސޫލަށް އަމަލު ކުރަން ފެށުމުން ގިނަ އާއިލާތަކުން ދައްކަން ޖެހޭނީ 2،000ރ. އާއި 3،000ރ. އާ ދޭތެރޭ އަދަދެއް،" އުމަރު ވިދާޅުވި އެވެ.
މިހާރުގެ ހާލަތާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މާލޭގައި ދިރިއުޅޭ އާއިލާތައް ފިތި ބާރުވެފައިވާ އިރު އަތޮޅުތެރޭގެ ރައްޔިތުން ވަނީ ގެދޮރު އިމާރާތް ކުރުމުގެ ތަނަވަސްކަމުން މަހުރޫމްވެފައި ކަމަށެވެ. އަތޮޅު ތެރެ އިން މާލެ އަށް އަންނަ މީހުންގެ އާމްދަނީ އަށް ވުރެ 200 ޕަސެންޓް އިތުރަށް ކުއްޔަށް ހޭދަ ކުރަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ކަންކަމުގައި އަމުރު ނުކުރެވޭ ބަޔަކަށް ހަދައި އެ އަވަށުގައި ދިރިއުޅޭ މީހުންގެ ކަންކަން ބަލަހައްޓާނީ ސަރުކާރުގެ ވުޒާރާއަކުން ކަމުގައި ހަމަޖައްސާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ރައީސް ޔާމީނާ ވާދަ ކުރެއްވުމަށް އެއް ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ވަގުތު ޖެހުމުން އެ ކެނޑިޑޭޓް ދައްކާނެ ކަމަށެވެ.