ގެމަނަފުށީގެ މަސްވެރިންނަށް "ރޯދަމަހާއި ރޯއްޖާ"!

ގެމަނަފުށީ މަސްވެރިންނަކީ އަބަދު ވެސް ތަފާތު ކަންކަން ކުރާ ބައެކެވެ. ދޯނިމަތީގައި ފުޓުބޯޅަ ކުޅުމާއި ދުވަސްވީ މީހުން ގޮވައިގެން ޒުވާނުން މަހަށް ދިޔުމާއި އެ ރަށުގެ ތަފާތު ޒުވާން މަސްވެރިންގެ ވާހަކަ އެކި ފަހަރު ނޫސްތަކަށް އަރާފައި ވެ އެވެ.


މި ފަހަރު ވެސް ގެމަނަފުށީ މަސްވެރިންގެ ވާހަކަ އެކެވެ. އެ ރަށުގެ ގިނަ މަސްވެރިން ބުނާ ގޮތުގައި ކުރިއަށް އޮތީ "ރޯދަ މަހާއި ރޯއްޖާ" އެވެ. ރަށުގައި މަހަށް ފުރާ ކޮންމެ ދޯންޏަކުން ވެސް ފަޅުވެރިންނަށް ތަފާތު ހަދިޔާތައް ދިނުމަށް ވަނީ ނިންމާފަ އެވެ. ރޯދަ މަހަށް ބޭނުންވާ ހުރިހާ ކާބޯތަކެއްޗެއްހެން މަސްވެރިންނަށް އެ މީހުންގެ އޮޑިވެރިން އަންނަނީ ދެމުންނެވެ.

ގެމަނަފުށީގެ މަސް ދޯންޏަކުން މަސް ބާނަނީ-- ފޮޓޯ: ފޭސްބުކް

މީގެ އިތުރުން އެ ރަށު ގެލެރީ ވިޝަން ދޯނިން ހަތަރު ފަޅުވެރިންނަށް އުމުރާ ދަތުރެއް ވެސް ވަނީ ދީފަ އެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވި ގޮތުގައި ޕެކޭޖެއްގެ ގޮތުގައި އެ ރަށުގެ ހުރިހާ މަސްވެރިންނަށްހެން، އެ ދޯންޏެއް ވެރިން އަންނަނީ ހަދިޔާތައް ދެމުންނެވެ. ގެމަނަފުށީގައި 10 ދޯނި އޮންނައިރު ކޮންމެ ދޯންޏަކުން ވެސް 27-37 މީހުން މަހަށް ދާ ކަމަށް ވިދާޅުވި އެވެ.

"އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ރޯދަ އެލަވަންސް ލިބޭނެކަން އެނގޭނެހެން މި ރަށު މަސްވެރިންނަށް އިނގޭނެ ރޯދައާ ގުޅިގެން އެ މީހުންނަށް ވެސް ދޯނިން ހަދިޔާ ދޭނެކަން. މިއީ މި ރަށުގައި އާއްމުކަމެއް،" ޝިޔާން ވިދާޅުވި އެވެ.

ގެމަނަފުުށީގެ މަސްވެރިންނަށް މި ރޯދަމަހު ބެހުމަށް ބަހައްޓާފައިވާ ބައެއް ކާބޯތަކެތި -- ފޮޓޯ: ފޭސްބުކް

ގެމަނަފުށީގެ ގެލެރީ ވިޝަން ދޯނިން މަހަށް ދާ ކޮންމެ ފަޅުވެރިއަކަށް ހަކުރާއި ހަނޑުލާއި ފުށް ބަސްތާއެއް، އެ ދޯނީގެ ވެރިފަރާތުން ދެ އެވެ. އޭގެ އިތުރުން ކޮންމެ މީހަކަށް ވެސް ބިސް ކޭހަކާއި އަލުވި ބަސްތާ އަކާއި ފިޔާ ބަސްތާ އަކާއި މަސް ދަޅާއި ގެރިކިރު ދަޅު ދެ އެވެ. އޭގެ އިތުރުން ފުރުޓު ދަޅާއި ފަސް ކިލޯ ކަދުރު ވެސް ކޮންމެ މީހަކަށް ދޭ ކަމަށް އެ މީހުން ބުންޏެވެ.

ގެލެރީ ވިޝަން ދޯނިން މިހާރު އަންނަނީ ފަޅުވެރިންގެ ގެތަކަށް މިތަކެތި ބަހަމުންނެވެ.

އެ ދޯނީގެ ވެރިފަރާތުން ފަޅުވެރިންނަށް އުމުރާ ދަތުރު ދީފައިވަނީ ދީނީ ކަންކަމަށް އެންމެ އިސްކަން ދޭ މީހުންނަށް ބަލައިގެންނެވެ.

ގެލެރީ ވިޝަން ދޯނީގެ ވެރިޔާ ހުސެން ހަމްދާން ބުނީ ފަޅުވެރިންނަށް އުމުރާ ދަތުރު ދެނީ މި އަހަރު އަލަށް ކަމަށާއި އެކަމަކު ދެން ކޮންމެ އަހަރަކު ވެސް އެ ފަދަ ހަދިޔާއެއް މަސްވެރިންނަށް ދޭނެ ކަމަށެވެ.

"މިއީ މި ފަހަރު އަޅުގަނޑުމެން އަލަށް ފެށި ކަމެއް ވީމައި ބެލީ، ފަޅުވެރިންގެ ތެރެއިން ވަގުތުން ވަގުތަށް ނަމާދަށް އަރައި، ދީނީ ކަންކަމަށް އިސްކަން ދޭ މީހުންނަށް. އެކަމަކު ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ގުރުއަތުލައިގެން މިކަން ކުރާނީ،" ހަމްދާން ބުންޏެވެ.

ގެމަނަފުށީގެ މަސްވެރިންނަށް ރޯދަ މަހު ބެހުމަށް ނިންމާފައިވާ ބައެއް ކާބޯތަކެތި-- ފޮޓޯ: ފޭސްބުކް

އޭނާ ބުނީ ރޯދަ މަހާ ގުޅުވައިގެން ދޯނިން ދިން މި އެހީތެރިކަމާމެދު ފަޅުވެރިން ތިބީ ވަރަށް އުފާވެފައި ކަމަށެވެ.

"ކުރީގެ މަސްވެރިން ވެސް ބުނޭ މިއީ މަސްވެރިކަމަށް އައި ވަރަށް ބޮޑު ބަދަލެއް ކަމަށް. އަޅުގަނޑުމެން އަބަދު ވެސް ބޭނުންވަނީ މި ފަދަ ރަނގަޅު ބަދަލުތައް ގެންނަން،" ހަމްދާން ބުންޏެވެ.

ގެމަނަފުށީ މަސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ކައުންސިލްތަކުން އަންނަނީ، ރޯދަމަހާ ގުޅުވައިގެން ރަށުގެ ރައްޔިތުންނަށް އެކި ކަހަލަ ހަދިޔާތައް ދެމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ކޮންމެ ގެއަކަށް މަސް ދަޅުކޭހެއް ދޭއިރު ބައެއް ރަށްރަށުގައި ރޯދަ މަހުގެ ކަރަންޓު ބިލު ކައުންސިލުން ދައްކައިދެ އެވެ. އަދި ގިނަ މުއައްސަސާތަކުން ވެސް މުވައްޒަފުންނަށް އެކި ކަހަލަ ހަދިޔާތައް ދެ އެވެ.