ދައްކާނެ ވާހަކައެއް ނެތް، ގާޒީ ބޭނުންވާ ހުކުމް ކުރޭ: މަހްލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން އުފުލާފައިވާ ދައުވާގައި ދައްކާނެ ވާހަކައެއް ނެތް ކަމަށް ވިދާޅުވެ، ގާޒީ ބޭނުންވާ ގޮތަކަށް އިއްވުމަށް މަހްލޫފް ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.


މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަހްލޫފް ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ކުރެއްވި ޓުވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ކޮށްފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ އެވެ. އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާއެއް ނުދީ މަރަނީ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި މަހްލޫފާ ދެކޮޅަށް ދައުލަތުން ވަނީ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން އެ ޓްވީޓްކުރި އެކައުންޓަކީ މަހްލޫފްގެ އަމިއްލަ އެކައުންޓެއް ކަން އެނގޭ ލިޔުމަކާއި މަހްލޫފް ތަހުގީގަށް ދިން ބަޔާނުގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ ދެ ލިޔުމެއް ވެސް ހުށަހެޅި އެވެ.

ހެކި ހުށަހެޅުމަށާއި އިތުރު ކަމެއް ފާހަގަ ކުރަން އޮތް ނަމަ ފާހަގަ ކުރަން މަހްލޫފަށް ދެއްވި ފުރުސަތުގައި އޭނާ އެއްވެސް ދިފާއީ ހެއްކެއް ހުށަނާޅަ އެވެ. އަދި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި ގާޒީ ބޭނުންވާ ގޮތަކަށް ހުކުމް އިއްވަން އެދޭ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލަ ނިންމާނީ ހެއްކާއި ގަރީނާ އަށް ބިނާކޮށްގެން ކަމަށާއި ގާޒީ ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ.

ވަކީލަކާ ނުލައި، ކޯޓުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވަނީ އޭނާގެ ވަކީލް އަހުމަދު ނާޒިމް އެ މައްސަލާގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ވަކީލް ނާޒިމް އެ މައްސަލައިން ސަސްޕެންޑް ކޮށްފައި ހުރީ ކުރި ޓްވީޓަކާ ގުޅިގެން ކަމަށް ވާއިރު އެ ޓްވިޓާ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއް ކަން ކަށަވަރު ކުރުމެއް ނެތި، ސަސްޕެންޑް ކުރި ކުރުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ނާޒިމްގެ ސަސްޕެންޝަން އުވާ ނުލާ ނަމަ ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒީ އާދަމް ވިދާޅުވީ ސަސްޕެންޑް ކުރުމާ ގުޅިގެން ނާޒިމްގެ ފަރާތުން އެއްވެސް ޝަކުވާއެއް އައިސްފައި ނެތް ކަމަށާއި އެހެންވެ އެ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭއްވި އަޑުއެހުމެއް ކަމަށްވިޔަސް، ދެ ފަރާތުން ވެސް އެއްވެސް ހުށަހެޅުމެއް ހުށަނާޅަ އެވެ.

ގާޒީ އާދަމް ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން މިމަހުގެ ތިން ވަނަ ދުވަހާ ހަމައަށް މަހްލޫފަށް ފުރުސަތު ދީފައި އޮތަސް، އެ ހުށަހެޅުންތައް ހުށަހަޅަން މަހްލޫފްގެ ފަރާތުން ކޯޓަށް އައީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށްވާތީ އެކަމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ މަހްލޫފްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

އެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް މަހްލޫފްގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. ވަކިން ކުރިއަށް ގެންދާ އެ މައްސަލާގެ އަޑުއެހުމެއް ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލައިގައި މަހްލޫފްގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި 10 ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އަދި ދައުލަތުން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.