އުމަރު ނަސީރު: އޭނާގެ ވެރިކަމެއްގެ ސިޔާސަތުތައް މިހާރު ގެންދަވަނީ ހާމަކުރައްވަމުން.---ފައިލް ފޮޓޯ: މިހާރު
27 މެއި 2018 - 19:05
އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރުގެ ވެރިކަމެއްގައި މަތީ ތައުލީމުގެ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވީ، ޝަރުތު ހަމަވާ އެއްވެސް ކުއްޖަކު، ފައިސާގެ ތަނަވަސްކަން ނެތިގެން މަތީ ތައުލީމުން މަހްރޫވިޔަ ނުދެއްވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ، މަތީ ތައުލީމު ނިންމާ ކޮންމެ ދަރިވަރަކު ރާއްޖޭގައި ޚިދުމަތް ކުރުމަށް ޝަރުތުކޮށް، އޭނާގެ ވެރިކަމެއްގައި ސަރުކާރުން އެ ދަރިވަރަކު ސްޕޮންސާ ކުރާނެ ކަމަށެވެ.
"އަދި ލޯނު ނަގައިގެން، މިހާރު މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންގެ ލޯނުތައް ވެސް މާފުކޮށްދީ، އެ ދަރިވަރުން ވެސް އެ ސްކީމްގައި ބައިވެރި ކުރެވޭނެ،" އުމަރުގެ ވެރިކަމުގައި ގެންގުޅޭނެ މަތީ ތައުލީމުގެ ސިޔާސަތު ވީޑިއޯގެ ޒަރީއާ އިން ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގަިއ ރާއްޖޭގައި ދީނީ އިލްމުވެރިން އިތުރު ކުރުމަށްޓަކައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދޭނެ އެވެ.
އުމަރު ވިދާޅުވީ، އޭނާގެ ސަރުކާރެއްގެ އަމާޒަކީ ސާނަވީ އާއި މަތީ ސާނަވީ ނިންމާ ކޮންމެ ދަރިވަރަކީ މަތީ ތައުލީމް ހާސިލް ކުރާނެ ދަރިވަރަކަށް ހެދުން ކަމަށެވެ.
"މެދުފަންތީގެ އާއިލާތަކާއި ފުދުންތެރި ނޫން އާއިލާތައް، އެ މީހުންގެ ނިކަމެތިކަމުން ނެރެވޭނީ އެ މީހުންގެ އާއިލާތަކަށް މަތީ ތައުލީމުގެ ފުރުސަތު ހިލޭ ފޯރުކޮށްދީގެން، އެހެން ނޫނީ އާއިލާގެ ނިކަމެތިކަން އެ މީހުންގެ ދަރިންނަށް ވާރުތަ ކުރާނެކަން ކަށަވަރު،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އުމަރު ދެއްކެވީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ އެވެ.
އެ ނަތީޖާ އަށް ބަލާއިރު، 2014 ވަނަ އަހަރު ފަސްޓް ޑިގްރީ އަށް ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކަށް ނިސްބަތް ވަނީ އެންމެ 12 ޕަސެންޓު ދަރިވަރުންނެވެ. އެ އަހަރު މާސްޓާސް އަށް ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން އަތޮޅުތަކަށް ނިސްބަތް ވަނީ އެންމެ 16 ޕަސެންޓެވެ.
"މާލެ އާއި އަތޮޅުތަކުގައި މަތީ ތައުލީމުގައި މި އޮތް ފަރަގު އިރާދަކުރެއްވިއްޔާ އަޅުގަނޑު ނައްތާލައި، މަތީ ތައުލީމު މުޅި ރާއްޖެ އަށް ފަތުރާލާނަން. މަތީ ތައުލީމް ދިނުމުގެ ގާބިލްކަން ހުރި އަމިއްލަ ފަރާތްތަކަށް ބިން ހިލޭ ދޫކުރުމާއި އިމާރާތް ކުރުމަށާއި ވަސީލަތް ހޯދުމަށް ހިލޭ އެހީ ދިނުމާއި އިމާރާތް ކުރުމަށާއި ތަކެތި ހޯދުމަށް ލުއި ލޯނު ހޯދައި ދިނުމުގައި ސަރުކާރުން އެހީތެރިވާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ނިންމާފައި ވަނީ އޭނާގެ ވެރިކަމެއްގައި، މަތީ ތައުލީމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަކީ ގާނޫނަކުން ކަނޑައަޅާފައިވާ ވަކި މުއައްސަސާ އަކަށް ހެދުމަށެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިިގަނޑު ހިމާޔަތް ކުރުމެވެ.
އުމަރު ވިދާޅުވީ، މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ އިންޑަސްޓްރީ އަކަށް ސަރުކާރުން މަގުފަހިކޮށްދީ، "ރިސާޗް އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ފަންޑް" އެއް ގާއިމް ކޮށްދޭނެ ކަމަށެވެ.
މަތީ ތައުލީމް ދިނުމުގެ ގާބިލްކަން ހުރި އަމިއްލަ ފަރާތްތަކަށް ބިން ހިލޭ ދޫކުރުމާއި އިމާރާތް ކުރުމަށާއި ވަސީލަތް ހޯދުމަށް ހިލޭ އެހީ ދިނުމާއި އިމާރާތް ކުރުމަށާއި ތަކެތި ހޯދުމަށް ލުއި ލޯނު ހޯދައި ދިނުމުގައި ސަރުކާރުން އެހީތެރިވާނެ: އުމަރު
އުމަރު ހާމަކުރެއްވި، މަތީ ތައުލީމުގެ ސިޔާސަތުގައި ވާ ގޮތުން، މަތީ ތައުލީމަށް ދަރިވަރުން ކިޔަވަމުން ދާއިރު، ވަޒީފާ ހޯދުމަށް މަގުފަހި ކުރުމަށްޓަކައި ޚާއްސަ ގާނޫނެއް އެކުލަވައިލާނެ އެވެ.
"ކޮންމެ އަހަރަކު އޯ ލެވެލް އިން ހޮވާލެވޭ ދެ ޖިންސުގެ 100 ކުދިން ރާއްޖެ އިން ބޭރަށް ފޮނުވުމާއި ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން ދުނިޔޭގެ އެންމެ މަތީ ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދެވޭނެ. މަތީ ތައުލީމު ހިލޭ ފޯރުކޮށްދީގެން، ޒުވާން އާ ޖީލެއްގެ ގޮތުގައި ރާއްޖެ އާ މިސްރާބަކަށް ގެންދިއުމަށް އަޅުގަނޑާ އެކު ހިންގަވާ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ސާނަވީ ތައުލީމު ނިންމައި، މަތީ ތައުލީމަށް ކިޔަވާ ކުދިންގެ ނިސްބަތަކީ 6.6 ޕަސެންޓް ކަމަށް ވާއިރު، އެއީ މި ސަރަހައްދަށް ބަލާއިރު ވެސް ވަރަށް ދަށް އަދަދެއް ކަމަށެވެ. އުމަރު ވިދާޅުވި ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެ އިން މަތީ ތައުލީމަށް ހޭދަކުރާ ނިސްބަތަކީ 6.3 ޕަސެންޓެވެ.
"މުޅި ރާއްޖޭގައި، މަތީ ތައުލީމު ހާސިލް ކޮށްގެން ތިބި މީހުންގެ ނިސްބަތަކީ އާބާދީގެ 0.2 ޕަސެންޓް. މިއީ ކިޔަވާ ކުދިންގެ މައިންބަފައިން ވަރަށް ކަންބޮޑުވާނެ ކަމެއް. އަދި މިނިވަން ވިޔަފާރިއެއް ގާއިމް ކުރަމުންދާ، ތަރައްގީ ވެފައިވާ ގައުމުތަކުގެ ކުރިމަތީގައި ލަދުގަންނަން ޖެހޭ ވަރުގެ ދަށް އަދަދެއް،" އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރު
28 May 2018
އުމަރު އުޅެނީމޮޔަވެގެން ބަޔަކު ނުއުޅޭ ވެރިކަންދޭކަށެއް ވަރައް ސަލާމް..
މުނާ
28 May 2018
އުމަރަށް ގަދަ އަޑުން ނޫނެކޭ. ބުނާބަހުގެ އިތުބާރެއް ނެތް. އުމަރުގެ ވެރިކަމެއްގައި ޢަދުލް އިންސާފެއް ނޯންނާނެ. ރައްޔިތުން ހައްލަން ނޫޅޭ.
ކަކުނިބޯ
28 May 2018
މީނަ އުޅޭގޮތުން ހީވަނީ ޔާމިނުގެ އެޖެންޓެއް އުޅޭހެން އަދި މީނަ ދިޔަފަހުން އިދިކޮޅު ކޯލިޝަންގައި މައްސަލަވެސް ދިމާވާންފެށީ މީނަދިޔަފަހުން އަދި މީނަޔަކީ ދައްކާވާހަކައެއްގޮތަކަސްވެސް ދިމާވާމީހެއްނޫންކަން އިގޭ މީގެކުރިން މީނަދެއްކިވާހަކަތަކުން
އަހުމަދުބެ
28 May 2018
ބޭނުމީ އާވެރިއެކެވެ. އެމުަރަކީ ވެރިކަމަށް އާ މީހެކެވެ. މިހާރު ހުރި މީހުން ވަނީ ފެއިލްވެފައެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ.
މާހިރު
28 May 2018
ޢުމަރު ކިތައްމެ ރަނގަޅު ވާހަކައެއް ދެއްކިޔަސް، ޢުމަރަކީ ބޮޑު ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ނުވާތީ މީހުން ބަލައިގަންނާކަށް ބޭނުމެއް ނުވާނެއެވެ. އެކަމަކު ބަލަންވީ މީހާއަކީ ކޮން ޕާޓީއެއްގެ ކާކުތޯއެއް ނޫނެވެ. މީހާގެ ބަހާއި ޢަމަލަށެވެ. ބޮޑެތި ޕާޓީތަކުން ނުކުމެ ރައީސްކަމަށް ހޮވުނު ފަރާތްތަކުން ވެރިކަން ކުރިގޮތް ދިވެހިންނަށްވަނީ ފެނިފައެވެ. އޭގެ ތެރޭގައި ދެވަނަފަހަރަށް އެފުރުޞަތު ދޭނެކަހަލަގޮތަކަށް ވެރިކަންކުރި ބޭފުޅަކުނެތެވެ. ބޮޑެތި ޕާޓީތަކުން އައި ރައީސުން، ރައްޔިތުންނަށްވުރެ ބޮޑަށް ވިސްނާފައިވަނީ ޕާޓީގެ މަސްލަހަތު އިސްކުރަންކަމަށްވެސް ދެންނެވުމުގެ ފުރުޞަތު އެބައޮތެވެ. ދެން ރައީސްކަމަށް ގެންނަންވީ ދެންވެސް ރަނގަޅުވެދާނެހެން ހީވާ އެހެން ބޭފުޅެކެވެ.
އާދަމް098
28 May 2018
ލޯނު ދައްކަންޖެހޭ މީހެއް ވީމާ ސްޓޫޑަންޓް ލޯނު މާފުކޮށްދޭން ވިސްނާކަން ސަޅި
ސަބްރާ
28 May 2018
ވެރިކަމަށް ނާދެވުނީމަ ކޮށްދޭނެ ކަމެއް ޢުމަރު ބުނެލައިފިއްޔާމު ރައްޔިތުން ނަށް އެވާނެ މާއުފާވެރި ޚަބަރަކަށް. ސަބަބަކީ ވެރިކަމަށް ކުރީފަހަރުވެސް ޢުމަރަކަށް ނާދެވުނު! އަދި މިފަހަރުވެސް ނާދެވޭނެ. އަދި ދުވަހަކުވެސް ނާދެވޭނެ! އެހެންވީމަ އަވަހަށް ވެރިކަމަށް ނާދެވުނީމަ ކޮށްދޭނެ ކަމެއްގެ ވާހަކަ ބުނޭ! އޭރުން ރައްޔިތުން ވަރަށް އުފާވާނެ! ???
އަބްދުﷲ ޖަލީލު
28 May 2018
އުމަރާ ހުވަފެން ބަލަނީ ދޯ.
ކައްޓަފުޅި
28 May 2018
2014 ވަނަ އަހަރުގެ ހިސާބުތައް ބޭނުން ކޮށްފައި އެވަނީ އޮޅުވާލުމަށް. ކޮބާ 2017 ވަނަ އަހަރުގެ ހިސާބުތައް. އަދި 2018 ވަނަ އަހަރުގެ ފުރަތަމަ ސިމެސްޓަރގެ ހިސާބުތައް
ފައިކޭޓަށްމިނިވަން50ލީ
28 May 2018
ހެހެ ހިޔަންޏަށް މުޑި ނަގަނީ