އިކޯ ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫގައި ތަރައްގީކޮށްފައިވާ ނޭޗާ ޕާކްގައި ރެސްޓޯރަންޓެއް ހިންގާނެ ބަޔަކު ހޯދަން އެންވަޔަރްމަންޓް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ރެސްޓޯރަންޓް ހިންގަން ޝައުގުވެރިވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފައިވާ ކަމަށެވެ. އައްޑޫ ނޭޗާ ޕާކް ތަރައްގީ ކޮށްފައި ވަނީ ހިތަދޫގެ ހިމާޔަތް ކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށެވެ.
ރެސްޓޯރަންޓެއް ހިންގަން ހަމަޖެހިފައި ވަނީ މިތަންތަނަށް ޒިޔާރަތް ކުރާ މީހުންނަށް ހިދުމަތް ދޭން ހަދާފައިވާ ވިޒިޓާސް ސެންޓަރުގަ އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ އެ ތަނުގައި ރެސްޓޯރަންޓެއް ހިންގަން ޝައުގުވެރިވާ މީހުން ބީލަމުގައި ބައިވެރިވާން މިނިސްޓްރީ އަށް ގުޅައިގެން ނަން ނޯޓް ކުރަން ޖެހޭނެ ކަމަށެވެ.
މި މަޝްރޫއުގެ ޕްރީ ބިޑް އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ. އަދި ބީލަން ހުޅުވަން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހު އެވެ.
އައްޑޫ ނޭޗާ ޕާކަކީ އެންވަޔަރްމެންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ނޭޗާ ޕާކް އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، މި ތަނުގައި މަސައްކަތް ކުރާނެ ޓުއާ ގައިޑުން ވެސް ދާދި ފަހުން ތަމްރީނުކޮށްފައިވެ އެވެ.
އައްޑޫގެ އިތުރުން ފުވައްމުލަކުގައި ވެސް ނޭޗާ ޕާކެއް ތަރައްގީކޮށްފައިވާ އިރު އެތަން ވެސް އަންނަ މަހު ހުޅުވަން ވަނީ ނިންމައިފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ނޭޗާ ޕާކްތަކުގެ ސަބަބުން އައްޑު އާއި ފުވައްމުލަކަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވެ، އިގްތިސާދީ ގޮތުން ވެސް ކުރިއެރުންތަކެއް އެ ދެ ސިޓީ އަށް ލިބޭނެ އެވެ.