އައްޑޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ގުދަނެއް ހަދަން ނިންމައި، އެކަމުގެ ސާވޭ އަށް ތައްޔާރުވެއްޖެ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ "އެލިމިނޭޝަން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ހަދާ މަރުކަޒުގެ ސާވޭ އަންނަ ޖުލައި މަހުގެ ތެރޭގައި ހަދާނެ ކަމަށެވެ.

އެ ތަން ހަދަން ނިންމާފައިވަނީ ހިތަދޫގެ އާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގަ އެވެ.

މަޝްރޫއުގެ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) މަރުހަލާގެ ދަށުން މިނިސްޓްރީން މިހާރު ވަނީ އައްޑޫގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ. އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހިޔާލު ހުށަހެޅޭނެ އެވެ.

މިނިސްޓްރީން ބުނީ 1979 ގެ ކުރިން އުފައްދައި އައްޑޫ އަދި ފުވައްމުލަކަށް އެތެރެކޮށްފައި ހުރި ޕީސީބީ ހިމެނޭ 16 އާލާތެއް ތިމާވެއްޓާ ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރު ފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން އަލަށް ހަދާ މަރުކަޒުގައި ރައްކާކުރެވޭނެ ކަމަށެވެ. އެ މަސައްކަތް ނިމުން އެ ތަން ވާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށެވެ.

އެ މަޝްރޫއަކީ ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ލަނޑުތަނޑިތައް ހާސިލްކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.