އައްޑޫ ހިތަދޫގެ ރުއްޖެހެރަ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުނު މައްސަލާގައި އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
މީގެ ކުރިން ވެސް ބައެއް މަޝްރޫއުތައް ހިންގުމުގައި އަމަލުކުރި ގޮތުން ދައުލަތުގެ އިދާރާތަކާއި ކައުންސިލްތައް ޖޫރިމަނާ ކޮށްފައިވެ އެވެ. އެކަމަކު މިއީ ދައުލަތުގެ އިދާރާއެއް މިހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރުއްޖެހެރަ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމާއި ފެންގަނޑެއް ކޮނުނު ކަމުގެ ޝަކުވާ ލިބިގެން ބެލިއިރު، 17،000 އަކަ މީޓަރުގެ ބިން ސާފުކޮށް، އަދި އެ ސަރަހައްދުން 1،700 ކޮޑިމީޓަރުގެ ވެލި ނަގައިގެން ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާ ކަމަށެވެ.
އެހެންވެ، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ބަދަލު ނެގުމުގެ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް 30.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން އަންގާފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެ އެވެ.
ތިމާވެށްޓަށް ދޭ ގެއްލުންތަކަށް އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ނެގެނީ 100 މިލިއަން ރުފިޔާ އެވެ.