ގޭ ބުޑަށް ރާޅު! މޫލެކެޑެއަށް ހައްލެއް ނެތީތަ؟

ބައެއް ފަހަރަށް ގޭ ބުޑަށް ޖަހާލައި ރާޅާ އެކު ހަސަން އަބްދުﷲގެ ނިދި ހަރާބުވެ އެވެ. އޭނާ ބުނާ ގޮތުގައި، ގެ ވެއްޓިދާނެކަމުގެ ބިރު އޮތުމުން، ހަމަ ނިދި ނުލިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ.


އައްޑޫ ހިތަދޫގެ މޫލެކެޑެ ސަރަހައްދު ގިރަމުން ދާލެއް ބޮޑުކަން އެންމެ ބޮޑަށް އެނގޭ އެކަކީ ހަސަން އެވެ. އޭނާގެ ގޯތި ތެރޭގައި ހުރި އެތައް ރުކެއް ވެއްޓުނީ، ގިރުމުގެ ތެރޭގަ އެވެ. އެ ގެއާ ދިމާލުގައި ޖަމްބޯ ބޭގްތައް ޖަހާފައި ހުއްޓަސް، އެއީ ދާއިމީ ހައްލެއް ނޫނެވެ. އެހެންކަމުން އަދިވެސް އޭނާ އަށް އޮތީ ބިރެވެ.

މޫލެކެޑެ ސަރަހައްދުގެ 27 ގެއެއްގައި އުޅޭ މީހުންނަށް ރަށް ގިރުމުގެ ބިރު ކުރިމަތިވިިތާ މިހާރު އެތަައް އަހަރެއް ވެއްޖެ އެވެ. ގިނަ ގެތައް ހުރީ ނުރައްކަލުގެ ތެރޭގަ އެވެ. އެމީހުންގެ ޝަކުވާތައް އަޑު އަހާނެ އަދި މައްސަލަ ހައްލުކޮށް ދޭނެ ބަޔަކު ނެތެވެ. އައްޑޫ ސިޓީ ކައުންސިލަށް ޝަކުވާތައް ހިފައިގެން ގިނަ އާއިލާތަކަށް ދެވުނު އަދަދެއް ނޭނގެ އެވެ.

ގިރާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން ރައްޔިތުން އެދެމުން އަންނަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެންނެވެ. އެކަމަކު އަދިވެސް އޮތީ ހަމަ އެ ޝަކުވާތަކެވެ.

މޫލެކެޑެ ސަރަހައްދު ގިރާތީ ބައެއް ހިސާބުތަކުގައި ޖަމްބޯ ބޭގް ޖަހާފައި

ކުރިން މޫދު އޮތީ ބައެއް ގޭގެއާ ތިރީހަކަށް ފޫޓު ދުރުގަ އެވެ. ރުއްތައް ވެސް ހުއްޓެވެ. މިހާރު އެ ހިސާބު ގިރާލައި، އެތަކެއް ރުއްގަހެއް ނެތިގެން ހިނގައްޖެ އެވެ. އެހެންވެ ގިނަ ފަހަރަށް ބޮޑު ދިޔައިގައި މިހާރު ރާޅުތައް ބީއްސާލަނީ ގޭގޭގެ އިންފާރަށެވެ. އޭގެ ވަގުތީ ހައްލަކަށް އެއް ގެއަކުން ފާރު ބުޑުގައި ވެލި ބަސްތާ ޖަހާފައި ހުއްޓެވެ.

އެކަމަކު ސުވާލަކީ މި ހާލަތުގައި ހުރި ގެއެއްގައި ދިރިއުޅެން ރައްކާތެރި ހެއްޔެވެ؟

"ނޫން. އެކަމަކު މި ނޫން ގޮތެއް ނެތް. ގިރާ މައްސަލަ ހައްލުކޮށް ދޭން ކައުންސިލަށް ދުވުނު އަދަދެއް، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ދެންނެވުނު އަދަދެއް އަޅުގަނޑުމެން ތަމްސީލުކުރާ މެމްބަރު [އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް) ގެ ސަމާލުކަމަށް މި ގެނެވުނު އަދަދެއް ބުނާކަށް ވެސް ނޭނގޭ،" އެ ގެއިން ވާހަކަ ދެއްކި އަންހެނަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"މިހެން އުޅެއުޅެ މިކަމަށް އަހަރެމެން މިތިބީ ހޭނިފައި. އެކަމަކު ދަރިންގެ މުސްތަގުބަލަކަށްޓަކައި ވެސް އެބަ ޖެހޭ ރައްކާތެރި ގޮތެއް ހޯދައި ދޭން."

މޫލެކެޑެ ގިރާ ސަރަހައްދު: ހައްލެއް ނުލިބި އެތައް އަހަރެއް

އޭނާ ބުނި ގޮތުގައި މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި އެ ގެއަށް ވަޑައިގެން ޖޯލީގައި އޮންނަވައި، އަސްލަމް ދެއްކެވި ވާހަކަތަކުގެ ތެރޭގައި ގިރުމުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އޭގެ ފަހުން ވެސް މިހާރު އެތައް މަހެއް ވެއްޖެ. ކައުންސިލަކަށް ކޮށްދެވުނު ކަމެއް ނެތް. ސަރުކާރުން އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަކަށް އަޅައެއް ނުލާ،" އޭނާ ބުންޏެވެ.

"އެކަމަކު ރައްޔިތުން މިފަދަ ނިކަމެތި އަދި ބިރުވެރި ހާލަތެއްގެ ތެރޭގައި އުޅޭ އިރު ކައުންސިލުން އެ އުޅެނީ ބޮޑު ހަރަދުކޮށްފައި ސިޓީ ސްކެއާއެއް ނެހެދިގެން."

ބައެއް އާއިލާތަކުން ބުނީ ދިޔަވަރު ބޮޑުވާ ބައެއް ދުވަސްވަރު ގިރުމުގެ މައްސަލަ ވަކިން ބޮޑެވެ. އެހެންވެ ކައުންސިލުން ދޭތެރެ ދޭތެރެއިން އެ ހިސާބަށް ފަސްކޮޅެއް އަޅާލައި، ބައެއް ދިމާތަކުގައި ޖަމްބޯ ބޭގްސް ވެސް ޖަހަ އެވެ. އެކަމަކު އެކަން ވެސް ކުރަނީ ހުރިހާ ގެއަކަށް ރައްކާތެރިކަން ލިބޭނެ ގޮތަށް އަދި ހަމަހަމަކޮށް ނޫން ކަމަށް، އެކަކު ބުންޏެވެ.

މޫލެކެޑެ ސަރަހައްދުން ގިރާފައިވާ ދިމާލެއް.

ގިރުގެ މައްސަލައާ އެކު މޫލެކެޑެ ބައެއް ގެތަކުގެ ފެން ވެސް ވަނީ އެއްކޮށް ލޮނުވެފަ އެވެ. އެކަމަކު ބައެއް ގޭގޭގެ ފެން ރަނގަޅެވެ.

ހަތް ދަރިންނާއި މާމަ ދަރިންނާ އެކު އުޅޭ އަންހެނަކު ބުނީ އޭނާގެ ގެ މޫދަށް ހިނގައިދާނެކަމުގެ ބިރާ އެކު، މާލީ ގޮތުން ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެއް މައްސަލައަކީ ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު، އަވަސް އަވަހަށް ހަލާކުވުމެވެ.

"ފެން މޯޓަރު ލުމުގެ ވެސް ހައްދެއް ނޯވޭ. ލޮނުގެ އަސަރުކޮށްގެން މޯޓަރު ދަބަރަށްވެ ވަރަށް އަވަހަކަށް ހަލާކުވޭ. ވަރަށް ފަހުން ލި އޭސީގެ އައުޓްޑޯ ޔުނިޓް ވެސް ދަނބަރަށް ވެގެން އޭސީ ވެސް ޖެހުނީ ނަގަން،" އޭނާ ބުންޏެވެ.

"އަހަރެމެން ހަމަ ހަގީގަތުގައި ވެސް ވަރަށް ހާލުގައި މި އުޅެނީ."

ހަސަން އަބްދުﷲ: އޭނާގެ ގެ ހުރި ސަރަހައްދު ގިރައިގެން ދިޔައީ ބަލަބަލާ ހުއްޓާ

އޭނާ ކިޔައިދިން ގޮތުގައި ކައުންސިލަށް ވެލި ބަސްތާ ޖެހޭނެ ގޮތް ނުވުމުން، ކައުންސިލުން ބަސްތާތަކެއް ހޯދައިގެން އާއިލާ އިން އެންމެ ފަހުން އެކަން ކުރީ ބަޔަކަށް ލާރި ދީގެންނެވެ.

"އަހަރެމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިކަމާ އުޅެދޭނެ ބަޔަކު ނެތީމަ. ތަންތަނުގެ ވެރިންނަށް ތިބެނީ ހަމަ ނަމެއްގައި ތިބޭ މީހުން."

އަވަސް ހައްލެއް ބޭނުން

ގިނަ އާއިލާތަކުން ބުނި ގޮތުގައި ގިރުމުގެ މައްސަލަ އިންތިހާ އަށް ގޯސްވީ ހައްލެއް ހޯދަން ކުރިއާލައި ނޫޅެވިގެންނެވެ. އެހެންވެ މިހާރު އޮތީ ވީހާވެސް އަވަސް ހައްލެއް ހޯދުން ކަމަށް އެ މީހުން ބުނެ އެވެ.

އެމީހުން ގަބޫލުކުރަނީ ހަމައެކަނި ވެލި ބަސްތާ އާއި ޖަމްބޯ ބޭގް ޖަހައިގެން ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. އެއާ ހިލާފަށް ރަނގަޅަށް ޕްލޭންކޮށްގެން، ރޭވިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމީހުން ދެކެ އެވެ.

"މި ހިސާބަށް މިކަން ދިޔައީ ވެސް ޕްލޭނެއް ނެތީމަ. އިހުލާސްތެރި މަސައްކަތެއް ކުރާނެ ބަޔަކު ނެތީމަ. ޒިންމާ ނަގާނެ ބަޔަކު ނެތީމަ،" ކުރިން ވާހަކަ ދެއްކި އަންހެން މީހާ ބުންޏެވެ.

"މިއީ ހަމަ ރަނގަޅަށް ވެސް ރައްޔިތުންތަކަކާ ދޭތެރޭގައި އޮތް އިހުމާލެއް."

ހަސަން ބުނީ ގިރުމުގެ މައްސަލަ އަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެ ސަރަހައްދު ހިއްކައި ރިވެޓްމަންޓް ޖެހުން ކަމަށެވެ.

"އެ ނޫން ގޮތަކަށް އަހަރެމެންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ،" އޭނާ ބުންޏެވެ.

އެހެން އާއިލާއެއްގެ މީހަކު ބުނީ މިކަމަށް ދެން އޮތް އަނެއް ހައްލަކީ ނުރައްކަލުގެ ތެރޭގައި ތިބި އާއިލާތަކަށް ރައްކާތެރި ހިސާބަކުން ބޯހިވަހިކަން ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށެވެ.

"މި ގެތައް ދޫކޮށްފައި ގޮސް އަހަރެމެން ދިރިއުޅޭނެ ތަނެއް ހޯދައިދެވޭނެ ގޮތެއް އޮތް ނަމަ އެ ވެސް ހަމަ ހައްލަކަށް ވެދާނެ ކަންނޭނގޭ،" އަންހެނަކު ބުންޏެވެ.

"އެކަމަކު މި ރަށުން ދޫކުރަން ނިންމި ފްލެޓްތަކަށް ވެސް ކުރިތިލީމަ ކުޑަމިނުން ޝަރުތެއް ވެސް ހަމަވާ ކަމަކަށް ނުވި."

މޫލެކެޑެ ސަރަހައްދު ގިރައި ހުސްވާ އިރު، އާއިލާތަކުން ކަންބޮޑުވާ އަނެއް މައްސަލައަކީ ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލި ނަގާ މީހުންނަށް މިހާރު އޮތް ފަސޭހަތަކެވެ. އެ ސަރަހައްދުގެ އަތިރި އަށް ފައިބަން ކައުންސިލުން ވަނީ ސިޑިތަކެއް ހަދައިފަ އެވެ. އެއީ އުމުރުން ދުވަސް ވީ މީހުންނަށް ފަސޭހައަކަށް ކަމަށް، ކައުންސިލުން ބުނެފައިވެ އެވެ.

މޫލެކެޑެ ސަރަހައްދުގެ އަތިރި އަށް ފައިބަން ހަދާފައި ހުރި ސިޑިއެއް: ގަވާއިދާ ހިލާފަށް ވެލި ނަގާ މީހުންނަށް މިއީ ފަސޭހައެއް

އެކަމަކު އެ ސިޑިތައް ބޮޑަށް ބޭނުންކުރަނީ ގަވާއިދާ ހިލާފަށް ވެލި ނަގާ މީހުންނެވެ. ގޮނޑުދޮށުން ވެލި ނަގަން އެއީ އެ މީހުންނަށް އޮތް ވަރަށް ބޮޑު ފަސޭހައެކެވެ.

"މިހާރު އެ ސިޑިތައް ހުރީމަ ވެލި ނަގާ މީހުންނަށް އެކަން ކުރަން މާ ފަސޭހަ. މި ހިސާބަށް ޕިކަޕް ކައިރިކޮށްލާފައި ޕިކަޕަށް ވެލި ލޯޑްކުރަން ކޮށައިދިން ފަހި ފުރުސަތެއްގެ ގޮތުގައި އަހަރެމެން ދެކެނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

ކައުންސިލުން ބުނީ މޫލެކެޑެ ސަރަހައްދު ގިރާ މައްސަލަ ހައްލުކުރަން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން އެކަމަށް 3 މިލިއަން ރުފިޔާގެ ބަޖެޓެއް އެބަ އޮތް ކަމަށް ވެސް ބުންޏެވެ. ކައުންސިލުން ބޭނުންވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން އެކަން ކުރިއަށް ގެންދާށެވެ.

ކަންބޮޑުވުމުގައި އެތައް އަހަރެއް ހޭދަކުރި އާއިލާތަކުން ތިބީ ދާއިމީ އަވަސް ހައްލެއްގެ އިންތިޒާރުގަ އެވެ. އެކަމަކު އަދިވެސް ފެންނަން ނެތީ އެކަން ވާ މަންޒަރެވެ.