އައްޑޫ ހިތަދޫގެ މޫދަށް ވެއްޓުނު އެކްސްކަވޭޓަރެއް ނުނަގައި ގިނަ ދުވަސް ވުމުގެ ސަބަބުން އެ ސަރަހައްދުގެ މޫދުގެ ދިރުންތަކަށް ގެއްލުންވި މައްސަލަ ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
މޫދަށް ވެއްޓުނީ ވެލިނެގުމުގެ މަސައްކަތް ކުރުމުންދިޔަ އިންޑިއާ ކުންފުންޏެއްގެ އެކްސްކަވޭޓަރެކެވެ. އެ ވެއްޓުނުތާ ދެ ހަފްތާ ފަހުން މިހާރު އެ ނަގާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
އެކްސްކަވޭޓަރު އެތަނުން ނެގީ އެ ވެއްޓި މޫދަށް އެޅުނު ތެލުން މަސްތައް މަރުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ފާޑުކިޔުން އަމާޒުވުމުންނެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ އެ މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އެކަން އީޕީއޭގެ ސަމާލުކަމަށް އައުމުން ބަލަން ފަށާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ ސަރަހައްދަށް ލީކުވީ ތެލުގެ ސަބަބުން މަސްތައް މަރުވެ ގޮނޑުދޮށަށް ލައްގާފައިވެ އެވެ.