އައްޑޫ ސިޓީ ސްކެއާ އިން ނެގި ރުއްތަކުގެ ބަދަލުގައި ރުއްތައް އިންދައިފި

އައްޑޫ ހިތަދޫގައި އަލުން ތަރައްގީ ކުރަމުން އަންނަ ސިޓީ ސްކެއާ އިން ނެގި ރުއްތަކުގެ ބަދަލުގައި އާ ރުއްތަކެއް އިންދައިފި އެވެ.


އައްޑޫ ސިޓީ ކައުންސިލުން ބުނީ ސިޓީ ސްކެއާ އިން ނެގި 26 ރުކުގެ ބަދަލުގައި ހިތަދޫ މާކިޅީ ޕާކް ސަރަހައްދުގައި 52 ރުއް އިއްޔެ އިންދާފައިވާ ކަމަށެވެ. ސިޓީ ސްކެއާގައި ހުރި ރުއްތައް ނެގުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

ނަމަވެސް ކައުންސިލުން ބުނީ، ރުއްތައް ނެގީ ސިޓީ ސްކެއާ ތަރައްގީ ކުރަން ނިންމާފައިވާ ކޮންސެޕްޓަށް ފެއްތުމަށްޓަކައި ކޮންމެހެން އެކަން ކުރަންޖެހޭތީ ކަމަށެވެ. އަދި އެކަން ކުރީ އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދައާ އެކު ކަމަށް ވެސް ބުންޏެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަންގެ އަރިމަތިން އޮންނަ ހުސް ސަރަހައްދުގައި ސިޓީ ސްކެއާގެ ނަމުގައި ތަނެއް ހަދައި އެތަނުގައި ބޮޑު ދިދައެއް ނެގީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ގަ އެވެ. ނަމަވެސް ދިދަ ދަނޑި ނުބެލެހެއްޓި އޭގައި ދިދަ ވެސް ނުނަގާތާ އެތައް ދުވަހެއްވެ، ދަނޑީގައި ދަބަރު ޖަހައި ގެއްލުންތަކެއްވުމުން އެ ވަނީ މިދިޔަ އަހަރު ނަގައިފަ އެވެ.

އެކަމަކު، ކައުންސިލުން އަލުން ސިޓީ ސްކެއާ ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ފަށައި، އެތަނުގައި އަލުން ވަނީ ދިދަ ދަނޑިއެއް ވެސް ބަހައްޓައިފަ އެވެ. ނަމަވެސް އަދި ދިދަ ނަގާކަށް ނުފަށަ އެވެ.

ކައުންސިލުން ބުނި ގޮތުގައި، ދިދަ ނަގާނީ ސިޓީ ސްކެއާގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ. އެކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ސިޓީ ސްކެއާ އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިތްފަސޭހަކޮށްލެވޭ ގޮތަށް ހިތަދޫގައި ހަދާފައިވާ ތަނެކެވެ.