އައްޑޫގެ މަޝްހޫރު "ރުއްފަށާ" ކަނޑައި އެ ސަރަހައްދު ހުސްކޮށްލުމުން އެކަމާ ވަރަށް ރުޅިގަދަވެފައި ހުރި މީހަކު ބުނީ "އެ ގެއްލުނީ އައްޑޫގެ މުހިންމު ލޭންޑްމާކެއް" ކަމަށެވެ. އެތަނަކީ ގިނަ ބައެއްގެ އުފާވެރި ހަނދާންތަކަކާ ވެސް ގުޅިފައިވާ އައްޑޫގެ "ނަލަކަން" ދައްކައިދޭ ތަނަކަށް ވާތީ ކައުންސިލްގެ ނިންމުމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑެވެ.
އައްޑޫ ލިންކް ރޯޑުގެ އަރިމަތީގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް ބުނެ، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ މަގުގައި ހުރި 55 ރުއް އިއްޔެ ކަނޑާލައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ރުޅިގަދަވެ، ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ލޭންޑްމާކެއްގެ ގޮތުގައި ދެކޭ "ރުއްފަށާ" ކައިރިން ހުރަސްކުރާ މީހަކު، އެތަނުގެ ފޮޓޯއެއް ނުވަތަ ވީޑިއޯ ނުނަގާ ނުދާނެ ކަމަށާއި އެއީ އައްޑޫ ރައްޔިތުންނަށް ކިހާ މުހިންމު ތަނެއްކަން ކައުންސިލަށް ނުވިސްނުމަކީ ވަރަށް ދެރަ ކަމެއް ކަމަށް މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ. އޭނާ ބުނީ އެ ރުއްތައް ކަނޑާނުލައި ވެސް ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވިދާނެ ގޮތްތައް ހުންނާނެ ކަމަށެވެ.
ބައެއް މީހުން ބުނީ އެ ރުއްތައް ގަވާއިދުން ސާފުކޮށް ބަލަހައްޓާ ނަމަ، ނުރައްކާތެރި ހާދިސާތައް އެ މަގުގައި ނުހިނގާނެ ކަމަށެވެ. ކައުންސިލުން ބޭނުންވީ އެކަން ނުކުރަންވެގެން، އަވަހަށް އެކަމުން ރެކެވޭނެ ގޮތެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.
"ރުއްތައް ސާފުނުކުރެވުމަކީ ރުއްތައް ކަނޑާލަން އުޒުރެއްތޯ؟ ސާފުކޮށް ބެލެހެއްޓޭ ނަމަ ވިއްސާރަވިޔަސް، އެއްޗެހި ނުފައިބާނެ،" އެ ރުއްތައް ކަނޑާލި ޚަބަރު "މިހާރު" ގައި ޖެހުމުން މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
"ލިންކް ރޯޑުގައި މާ ގިނަ އެކްސިޑެންޓުތައް ހިނގާފައިވޭ މަގުގައި ހުންނަ ވަޅުގަނޑުތަކާއި ސްޕީޑް ބާރުކޮށް ދުއްވުމުގެ ސަބަބުން. އައްޑޫގެ ހުރިހާ މަގެއް ވެސް އެކަހަލަ ބައިވަރު މައްސަލަތައް އެބަހުރި. ފުރަތަމަ އެ ކަންކަން ހައްލުކުރިއްޔާ މާ ރަނގަޅުވާނެ،" އެހެން މީހަކު ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނީ 70 ވަރަކަށް އަހަރުވެފައިވާ އެ ރުއްތަކަކީ ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން، ވައިގަދަވެ، ވިއްސާރަވާ ދުވަސްތަކުގައި ރުއްތަކުން އެއްޗެހި ވެއްޓި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެ ރުއްތައް ކަނޑާލަން ނިންމީ ވެސް އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ކައުންސިލަށް ލިބޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުންޏެވެ.
ކައުންސިލުން އެ ރުއްތައް ކަނޑާލީ އީޕީއޭގެ ހުއްދަ ހޯދައިގެން، ކޮންމެ ރުކަކަށް އިތުރު ދެ ރުއް އިންދާ ގޮތަށެވެ. އެ ރުއްތައް ނެގުމަށް ފަހު، އެތަނުގައި އަލުން ގަސް އިންދައި ލައިޓް ހަރުކޮށް، އެ ސަރަހައްދު ބޮޑަށް އަލިކުރަން ވަނީ ޕްލޭން ކޮށްފަ އެވެ.
އާންމުން ރަތަށް އެރުމާ އެކު، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެއީ ރައްޔިތުން ރުޅި އަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެ ރުއްތަކުން އާންމުންނަށް އެއްވެސް ފައިދާއެއް ނުކުރާ އިރު، ހިޔާކަމެއް ވެސް ނުލިބޭ ކަމަށެވެ. ރައްޔިތުންނަށް ފައިދާކުރާނީ އެ ރުއްތައް އެތަނުން ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ގިނަ ބަޔަކު މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ، އެފަދަ ބޮޑު ނިންމުމެން ކައުންސިލުން ނިންމި އިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެއްވެސް ވަރަކަށް ހޯދާފައި ނުވާތީ އެވެ. އަދި އެއްވެސް އިމްޕެކްޓް އެސެސްމެންޓެއް ވެސް ހެދުމެއް ނެތި އެކަން ކޮށްފައި ވާތީ އާންމުން ކަންބޮޑުވުން ފާޅުކުރި އެވެ.
ވަރަށް ގިނަ މީހުން ވަނީ އެ މަގުގައި ރުއްތައް ހުރި އިރު ނަގަފާއިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާ އަށް ޝެއާކޮށް އެ ހަނދާންތައް ވެސް އާކޮށްފަ އެވެ.