ސިއްރު ހެކީގެ މިންގަނޑުތަކެއް ސުޕްރީމް ކޯޓުން ކުރިން ކަނޑައެޅި ނަމަ އެކަން އާންމު ކަމަކަށް ނުވީސް: ފާއިޒް

ދައުވާ ސާބިތު ކުރުމުގައި، ސިއްރު ހެއްކާއި ސިއްރު ރިޕޯޓް ބޭނުން ކުރުމުގެ މިންގަނޑުތަކެއް ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަ ސިއްރު ހެކި ބޭނުން ކުރުމަކީ އާންމު އުސޫލަކަށް ވެގެން ނުދިޔައީސް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.


ޖިނާއީ މައްސަލަތައް ސާބިތު ކުރަން ސިއްރު ހެއްކާއި ސިއްރު ރިޕޯޓްތައް ބޭނުން ކުރުމާ ގުޅޭގޮތުން ފާއިޒް އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވާފައި ވަނީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓްތަކަކީ ނުރައްކާތެރި ދެ ވަސީލަތް ކަމަށެވެ. އެކަމަކު، ހިތާމަ އަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ސިއްރު ހެއްކާއި ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ދައުވާތައް ސާބިތު ކުރަމުން ދިއުން ކަމަށް ފާއިޒް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުކަން ހަތަރު އަހަރު ވަންދެން ކުރެއްވި ފާއިޒް ލިޔުއްވާފައިވާ ގޮތުން، އެމަނިކުފާނު އެ މަގާމުގައި ހުންނެވި ދުވަސްވަރު 2013 ގެ ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލްކުރީ ސިއްރު ހެއްކާއި ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ. އޭރު އެ މައްސަލަ ހުށަހެޅި ޖުމްހޫރީ ޕާޓީން ސިއްރު ހެކިތަކެއް ހުށަހެޅިއިރު، ދައުލަތުގެ އެއްޗަކީ ސިއްރު ރިޕޯޓެއް ކަމަށް ފާއިޒް ވިދާޅުވި އެވެ.

އެ މައްސަލާގައި، އިންތިޚާބު ބާތިލްކުރަން ނުޖެހޭ ކަމަށް ރައުޔު ނެރުއްވި ފާއިޒް ލިޔުއްވާފައިވާ ގޮޮތުން، އެގޮތަށް އެމަނިކުފާނު ރައުޔު ނެރުއްވީ ހެކި ސިއްރު ކުރުމާ ގުޅޭގޮތުން އެމަނިކުފާނުގެ ޚިޔާލު ތަފާތުވެވަޑައިގަތުމުންނެވެ. އެ އިންތިޚާބު ބާތިލްކުރީ އޭރު އޮތް ހަތް ފަނޑިޔާރުންގެ ބެންޗުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

"ޕްރައިމަރީ އެވިޑެންސް ސިއްރުކޮށް، ޖަވާބުދާރީވާ ފަރާތް އަނދިރީގައި އޮއްވައި މައްސަލަ ސާބިތު ކުރުމާއި އެފަދަ ހެކި ބަލައިގަތުމާ މެދު ރައުޔު ތަފާތުވުމުން އަޅުގަނޑު ނިންމީ ވަކި ރައުޔެއް ލިޔުމަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށެވެ،" ރައުޔު ނެރުއްވި ސަބަބާ ގުޅޭގޮތުން ފާއިޒް ލިޔުއްވާފައި ވެ އެވެ.

ރިޔާސީ އިންތިޚާބުގެ މައްސަލާގައި ފާއިޒް ނެރުއްވި ރައުޔުގައި ވަނީ އެ މައްސަލާގައި ހެކިބަސް ދިން ގިނަ ސިއްރު ހެކިންގެ ބަހާ ގުޅިގެން އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭގޮތުން ހެކިންނާ ސުވާލުކޮށްފި ނަމަ ހެކިންނަކީ ކޮން ބައެއް ކަން ހާމަވެދާނެތީ، އެކަންކަން އިތުރަށް ސާފުކުރެވެން ނެތުމުން ހެކިންގެ ބަހަށާއި ދައުލަތުން ހުށަހެޅި ސިއްރު ރިޕޯޓަށް އެމަނިކުފާނު ރިއާޔަތް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި ވެ.

ފާއިޒް ލިޔުއްވާފައިވާ ގޮތުން، ސިއްރު ހެއްކާ ގުޅޭ އުސޫލުތަކެއް ސުޕްރީމް ކޯޓުން އޭރު ކަނޑައެޅި ނަމަ ސިއްރު ހެއްކާއި ސިއްރު ރިޕޯޓް ބޭނުން ކުރުން އާންމު ކަމަކަށް ވެގެން ނުދިޔައީހެވެ.

"ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެ ދުވަހު ސިއްރު ހެއްކާއި ރިޕޯޓް ބަލައިނުގަތް ނަމަ ނުވަތަ ލިމިޓެއް ކަނޑައެޅި ނަމަ މިއަދު ޖިނާއީ މައްސަލަ ސާބިތު ކުރުމުގެ އާންމު އުސޫލަކީ ސިއްރު ހެއްކާއި ރިޕޯޓްގެ ގޮތުގައި ވެގެން ނުދިޔައީހެވެ،" ފާއިޒް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރަކަށް ފާއިޒް ހުންނަވަނިކޮށް އެމަނިކުފާނު މަގާމުން ވަކިކުރީ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗުން ކުޑަ ކުރުމުގެ ގޮތުންނެވެ. ގާނޫނީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާ މެދު ފާއިޒް އެމަނިކުފާނު ފޭސްބުކްގައި ފަހަކަށް އައިސް ގެންދަވަނީ ލިޔުއްވަމުންނެވެ.