ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރަން ހުއްދަދިން ގޮތް ތަހުގީގުކުރަން ޕީއެސްއެމުން ގޮވާލައިފި

މި އަހަރު އޮންނަ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ގަތުމުގެ ހުއްދަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް އެތަނުގެ ގަވަނިން ބޯޑުން ދީފައިވާއިރު އެ މުބާރާތް ދެއްކުމުގެ ހުއްދަ ރީބްރޯޑްކާސްޓަރުންނަށް ދީފައިވާތީ އެކަން ތަހުގީގު ކުރުމަށް ޕީއެސްއެމުން ގޮވާލައިފި އެވެ.


ޕީއެސްއެމްގެ ގަވަނިން ބޯޑުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރަޝިޔާގައި އޮންނަ އެ މުބާރާތް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް، މިހާތަނަށް ރާއްޖެއަށް ރައިޓްސް ނުގަންނަ ވަރުގެ ބޮޑު އަގެއްގައި، 9.25 މިލިޔަން ރުފިޔާއަށް ގަތުމުގެ ހުއްދަ އެ ބޯޑުން ޕީއެސްއެމްގެ މެނޭޖްމެންޓަށް ދީފައިވާ ކަމަށެވެ. އެއީ ވޯލްޑްކަޕް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް (ހުރިހާ ވަސީލަތްތަކެއް ހިމެނޭގޮތަށް) ހަމައެކަނި ޕީއެސްއެމަށް ލިބޭގޮތަށް ކަމަށް ނޫސް ބަޔާނުގައި ބުންޏެވެ.

އެކަމަކު އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންްސް ލިބިފައިވާ ފަރާތްތަކަށް އެ މުބާރާތް ދެއްކޭނެ ކަމަށް ބުނެފަ އެވެ.

އެކަމާ ހިތާމަފާޅުކޮށް، ޕީއެސްއެމުން ވަނީ މި ފަދަ ނިންމުމެއް ނިންމީ ކޮން އަސާސެއްގެ މައްޗަށްތޯ ސުވާލު އުފައްދާފަ އެވެ.

ގަވަނިން ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ސޮއިކުރައްވައި ނެރުއްވި އެ ބަޔާނުގައި ބުނިގޮތުގައި އެ ބޯޑުން ހުއްދަ ދިން ގޮތަށް، ޕީއެސްއެމާއި މި ސަރަހައްދުގެ ވޯލްޑްކަޕް ބްރޯޑްކާސްޓް ރައިޓްސް އޮތް ކުންފުންޏާ ދެމެދު އެގްރީމެންޓް ކޮށްފައިވާނަމަ، އެއީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބަލައި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. އަދި ގަވަނިން ބޯޑުން ހުއްދަ ދީފައިވާ ގޮތަށް، އެއްބަސްވުން ހަދާފައިވާނަމަ އެ އެއްބަސްވުުމާ ހިލާފަށް، ރާއްޖޭގެ ސަރަހައްދުގައި ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދިނުމަކީ ވެސް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމުގައި ބަޔާނުގައި ބުނެފައި ވެ އެވެ.

ޕީއެސްއެމުން ކުރިން ބުނެފައި ވަނީ "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ"ގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެއީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށެވެ. އަދި އެ ފަދަ ކަމެއް ކުރާ ފަރާތްތަކާ މެދު މެދު ގާނޫނީ އަޅާނެ ކަމަށް އިންޒާރު ދިނެވެ.

އެކަމަކު ބްރޯޑްކާސްޓިން ކޮމިޝަނުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ، ރީބްރޯޑްކާސްޓަރުން ދައްކާ ޗެނަލްތަކަކީ އެ ފަރާތްތަކުގެ މެދުގައި ނޮން އެކްސްކުލޫސިވް އެގްރީމެންޓެއްގައި ސޮއިކުރެވިގެން ދައްކާ ޗެނަލްތަކެއް ކަމަށެވެ. އެގޮތުން ރީބްރޯޑްކާސްޓަރުން ދައްކާ ޗެނަލަކުން ވޯލްޑް ކަޕް ދައްކާ ނަމަ، ރާއްޖޭގައި ވެސް އެ ދެއްކުމުގެ ހުއްދަ އޮންނާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.