ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޖަޕާނު ސަރުކާރުން 2.7 މިލިއަން ޑޮލަރުގެ (41 މިލިއަން ރުފިޔާ) އެހީއެއް ދީފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުން ދިން އެހީއަކީ ޖަޕަނީޒް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ޖަޕާނުން ދިން އެހީއެއް ކަމަށެވެ.

މި އެހީ ދިނުމުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރެއްވީ މިވަގުތު ޖަޕާނުގައި ހުންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

ޖަޕާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ އެވެ.

ޖަޕާންގެ ފޮރިން މިނިސްްރީގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އާސިމް ވަނީ ޖަޕާނުން ރާއްޖެ އަށް ދެމުން އަންނަ އެހީ އާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ރާއްޖެ އާއި ޖަޕާނަކީ އަބަދުވެސް ގާތް ގައުމެއްކަން މިނިސްޓަރުން ފާހަގަ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު އާސިމް، ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރާއްޖެ-ޖަޕާންގެ ޑައިލޮގުގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ބޭއްވި އިރު، ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީން، ޓްރެވަލް ޓްރޭޑް މަންދޫބުންނަށް އަމާޒުކޮށް ބޭއްވި ސެމިނާއެއްގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖަޕާނުގެ ބައެއް ވަޒީރުންނާ ބައްދަލު ކުރައްވައި، ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރެއްވި އެވެ.

ޖަޕާނަކީ ރާއްޖެ އަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އެ ގައުމުން މިހާތަނަށް އެންމެ ގިނަ އެހީއެއް ދިނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށެވެ.