އިމިގްރޭޝަންގެ ލޭބާ ސެކްޝަނުން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން.--- ފޮޓޯ: ނިޝާން އަލީ/މިހާރު
17 ޖޫން 2018 - 14:27
ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ ކަމަށް ބުނާ މައްސަލަ ރާއްޖޭގެ އިމިގްރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.
އިންޑިއާ އާއި ރާއްޖޭގެ ބައެއް ފަރާތްތަކުން ކުރާ އެ ތުހުމަތު މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު ދޮގުކުރެއްވިއިރު، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލުކޮށް ދިނުމަށް ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވަނީ އިންޑިޔާގެ މައި ސަރުކާރަށް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ ރައްޔިތުންނަށް ހަފުތާއެއްގެ ތެރޭގައި މީގެ ކުރިން ވޯކް ޕާމިޓް ލިބެ އެވެ. އެކަމަކު ވޯކް ޕާމިޓް މިހާރު ނުލިބޭ ކަމަށް ވިޖަޔަން ވިދާޅުވި އެވެ.
ވިޖަޔަންގެ އިތުރުން، ރާއްޖެ އަށް ބިދޭސީން އެތެރެކުރާ ބައެއް އެޖެންސީތަކުން ވެސް ބުނާ ގޮތުން، އިންޑިއާ މީހުންނަށް ރާއްޖެ އިން ފަހަކަށް އައިސް އާންމުކޮށް ވިސާ ނުދެ އެވެ. އަދި ވޯކްޕާމިޓް އާ ވެސް ނުކޮށްދޭ ކަމަށް އެ މީހުން ބުނެ އެވެ. ނަމަވެސް، ޕްރޮފެޝަނަލް ގިންތީގެ ބައެއް ވަޒީފާތަކަށް އިންޑިއާގެ ރައްޔިތުންނަށް ބައެއް ހާލަތްތަކުގައި ވިސާ އަދި ވޯކް ޕާމިޓް ދޫކުރާ ކަމަށް ވެ އެވެ.
އެކަމަކު ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު ވިދާޅުވީ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ވިސާ އަދި ވޯކް ޕާމިޓް ދޫކުރުމުގައި ރާއްޖެ އިން ތަފާތު ކުރަމުން ނުދާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ވެސް ހިމެނޭނެ ކަމަށާއި އެ ގައުމުގެ މީހުންނަށް ރާއްޖޭގެ އިމިގްރޭޝަންގެ އުސޫލުގެ ތެރެއިން ވިސާ އާއި ވޯކް ޕާމިޓް ދޫކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު (ވ).---ފޮޓޯ: މިހާރު
"އިންޑިއާގެ ރައްޔިތުންނަށް ވެސް ބިޒްނަސް ވިސާ އާއި ޑިޕެންޑެންޓް ވިސާ އަދި ވޯކްޕާމިޓް ހައްދައި ދެމުން އަންނަނީ. އަޅުގަނޑުމެންގެ އިމިގްރޭޝަނުން ގެންގުޅޭ އުސޫލުގެ ތެރެއިން އެ ހުއްދަ މިހާތަނަށް ވެސް ވާނީ ދީފައި،" އަންވަރު ވިދާޅުވި އެވެ.
"މި އަހަރުގެ މިވީ ތަނަށް ވެސް އެއްވެސް ރެސްޓްރިކްޝަނެއް ނެތި އެކަން ކޮށްދެމުން މި އަންނަނީ. ވަކި ގައުމަކަށް ވީމާ ވިސާ އާއި ވޯކްޕާމިޓް ރާއްޖެ އިން ރެސްޓްރިކްޓެއް ނުކުރާނެ."
އަލަށް ޕާސްޕޯޓު ހައްދާ ދިވެހިން، އެ މީހުންގެ ކުރީގެ ޕާސްޕޯޓާ ނުލައި އިންޑިއާ އަށް އެތެރެވުން ވަރަށް ކުރިއްސުރެ ވެސް މަނާކޮށްފައިވާއިރު، އަންވަރު ވިދާޅުވީ، ރާއްޖެ އަންނަ އިންޑިއާ މީހުންނަށް އެ އުސޫލު ވެސް ނުހިނގާނެ ކަމަށެވެ.
އިންޑިއާ މީހުންނަށް ރާއްޖެއިން ވިސާ ނުލިބޭކަމުގެ ޝަކުވާ އިންޑިއާގެ ވެރިން މި ފަހުން ކުރައްވަމުން ގެންދަވާ އިރު އަނެއްކޮޅުން އިންޑިއާ އިން އަންނަނީ ދިވެހިންނާ މެދު ވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންނެވެ. އެގޮތުން ދަރިންނަށް ކިޔަވައިދޭން އިންޑިއާގައި ތިބޭ ދިވެހި ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ދޫނުކުރާތީ، އެތައް ބަޔަކު ވަނީ ރާއްޖެ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާސް
18 June 2018
ޢާދަޔާއި ހިލާފަށް ކުދި ވިޔަފާރިތަކަށް އިންޑިއާ މީހުން ވަނަނަމުންދާކަން ފާހަނގަ ކުރެވެއެވެ. މީ ކިހިނެއް ހުއްދަ ލިބިގެން ކުރާ ކަމެއްކަމެއް ނޭގެއެވެ. ކޮންމެސް ވައްތަރެއްގެ ޕުރޮޑަކްޓެއް ގެނެސްގެން ރިސޯޓް ތަކަށާއި ފިހާރަތަކަށް މާކެޓް ކުރަން އުޅޭކަން ފާހަނގަވެއެވެ.
ތަކުރުފާނު.
18 June 2018
ދިވެހިރާއްޖޭގެ 100 މީހުންވެސް އިންޑިޔާގެ ވަޒީފާތަކުގައި އެގައުމުގަ ނުތިބޭނެ. އެކަމަކު ދިރިއުޅުން ބަދަލުކޮށް އަދި ބޭސްވެރިކަމުގައި އިންޑިޔާގަ ގާއިމުވެ ތިބޭ ދިވެހިން މަދެއްނޫން. ކިޔަވާކުދިންވެސް މަދެއްނޫން. އެއިން ކޮންމެ އާމްދަނީއެއް އިންޑިޔާގެ ސްޓޭޓްތަކުގެ އާމްދަނީ އަދި ގައުމީ އާމްދަނީގެ ޕަސެންޓެއް ހިއްސާކުރާނެ. ދިވެހިރާއްޖޭގެ ވިޔަފާރިތަކުގަ އިންޑިޔާގެ 30000 މީހުން ވަޒީފާ އަދާކުރާނަމަ އެއީ ދިވެހި ސިވިލްސާވިސްގަ ހިމެނޭ މުވައްޒަފުންނަށް ވުރެ ބޮޑު އަދަދެއް. ދިވެހިފަސްގަނޑުގަ ތިބެގެން އެހޯދާ އާމްދަނީ އިންޑިޔާގެ ރައްޔިތުންނަށް ސީދާ ލިބޭއިރު އެއީ އިންޑިޔާ ސަރުކާރަށް ލިބޭ ލުޔެއް. ވީމާ އަޅުވެތިވާންވީ ދިވެހި ސަރުކާރަކުންނޫން. ދޫދޭންވީ އިންޑިޔާ ސަރުކާރުން.
އަމާނުﷲ
18 June 2018
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންގެ ޢަދަދު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމުކަމެއް. މިކަން އަވަސްކޮށް ނުކުރެވިއްޖެ ނަމަ ޤައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ފުރުޞަޠު އޮތްކަމެއް، މިހެންމިދެންނެވީ އަވަށްޓެރި ބައެއް ޤައުމު ތަކުން ދިވެހިރާއްޖޭގެ މަށްޗަށް އަތް ގަދަ ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުން ނުދާތީވެ، މަސައްކަތު މީހުންގެ ގޮތުގައި އެ ޤައުމު ތަކުގެ ސިފައިން ފޮނުވައިގެން ކަންތައް ގަނޑެއް ރާއްޖޭގައި ހިންގުމުގެ ފުރުޞަތު ފަހިކޮށްފާނެ، އެހެން ކަމުން، ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތަކުގެ ދަފްތަރުގައި ތިބި ބިދޭސީންގެ ޞައްޙަ ޢަދަދު ސާފުކޮށް، ޤަވާޢިދާއި ޚިލާފަށް އުޅެ ބިދޭސީން ރާއްޖެ ދޫކޮށް ދިއުމަށް 3 މަސްދުވަހުގެ ފުރުޞަތެއް ދިނުމަށް ފަހު، ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ވަޤުތުން ރާއްޖެއިން ފޮނުވާލުން، ބިދޭސީއަކަށް ރާއްޖޭގައި 2 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމުގެ ފުރު ޞަތު ނުދިނުން.
ހުޔާ
18 June 2018
އިންޑިއާ މީހުންނަށް ވިސާދޭނެ ކަމެއްނެތް
ބާރީ
18 June 2018
ސަރުކާރު ބަރާބަރު އިންޑިޔާ މީހުންތައް ބޭރުއަރުވާލަންވީ
ހޮޓްކިންގ
18 June 2018
ވިޒާގެ ކަންކަމުގައި އިންޑިއާއިން ވާހަކަ ދައްކަން ލަދުނުގަންނާތީ އަޖައިބުވަނީ. ދިވެހިންނަށް އިންޑިއާއިން ކުރާ ޖެއްސުން ކޮބާ؟ ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޮވޭ 90 ދުވަހުގެ އޮންއެރައިވަލް ވިޒާއެއް ކޮންމެ ގައުމެއްގެ ރައްޔިތަކަށްވެސް ދޭން. އިންޑިއާ މީހަކު މިގޮސްފައި މި އަޔަސް ރާއްޖޭ ދޭނެ 90 ދުވަހުގެ ވިޒާ. އެކަމަކު އިންޑިއާ އަށް ދިވެއްސަކު ގޮސްފިނަމަ އިނގިލި ބިންދައިގެން ގުނަން ތިބޭނެ 90 ހަމަވެއްޖެތޯ ބަލަން. ނުވިތާކަށް ކެންސަލްވި ޕާސްޕޯރޓް ނުގެންދެވުނަސް ދެން އެ ޖެހުނީ ކަންތަކާ. އިންޑިއާއިން ރުޅިއަންނަ ކޮންމެ ފަހަރަކު ދިވެހިންނަށް ވިޒާގެ ކަންތަކުގައި އެންމެ ގޯނާ ކުރަނީ. އެހެންވީމާ ރާއްޖެއިން ކޮންމެ ހެން ނުޖެހޭ އިންޑިއާމީހުން ވިޒާގެ ނާޖާއިޒް ފައިދާ ނަގައިގެން ވިޔަފާރި ކުރަން ތިބެން ވިޒާ ދޭކަށް.
ޑީޑީއަލީ
18 June 2018
ކަނޑައެޅިގެން ދޮގެއް..މިހާރުވެސް ތިޔަބުނާ އިމ ގްރޭޝަން ސިސްޓަމުގައި އަޅުގަނޑުމެންގެ ކުންފުނީގެ 200 އެއްހާ މީހުން ފެބްރުއަރީ މަހުން ފެށިގެން ހިފެހެއްޓިފައި..
ނަސީމް
18 June 2018
މިހާރުން އަޅެ ރަށްރަށުގެ ކުންފުނިތަކާ ބައްދަލުކޮށް މައުލޫމާތު ހޯދާލަބަލަ. ކޫޅުދުއްފުށި ގިނަ ތަންތަން މިހާރު ބަންދުކުރާ ހަމައިގަ. ބަންގާޅިން މީހުން ނުގެނެވޭ އިންޑިޔާ އަކުން ނުގެނެވޭ. ފެބްރުއަރީ 1 ގެ ފަހުން އިންޑިޔާ މީހުން ނުގެނެވޭ ވިސާ ދޫނުކުރާތީ. އެދުވަސްކޮޅު އިމިގްރޭޝަން އިން ބުނަނީ އިންޓާނަލް އޮޑިޓް އެއް ކުރާތީ މަޑުޖައްސާލާފައޭ. މިހާރުވެސް ޑޮކްޓަރުން ކަހަލަ ސްކިލްޑް މީހުންނަށް ލިބޭނެހެން ހީވަނީ. ވިޔަފާރިތަށް އިނދަ ޖެހެނީ. ރަށްރަށުގަ ނުލިބޭ މަގުމަތިންވެސް ބޮންދުންނެއް ޒުވާނުން ދަނީ ރިސޯރޓް ތަކަށް.
މޯލްޑިވިއަންއެއް
18 June 2018
އިންޑިއާ މީހުން އުޅެނީ ސްކިލްޑް އަދި ސެމީ ސްކިލްޑް ޖޮބްތަކުގަ. އެއީ ދިވެހިންވެސް އަދާކުރާ ވަޒީފާތައް. ބަންގްލަދޭޝްމީހުން އެކަނި ލޭބަރަރ އިންގޮތުގަ އަގުހެޔޮކޮށް މަސައްކަތް ކޮށްދެނީ. އިންޑިއާ އިން ގެންނަ މީހުންގެ މުސާރަވެސް ވަކި ދިވެހިންނަކަށްވުރެ ކުޑައެއްނުވާނެ.
އުސޫލު
18 June 2018
"އިންޑިއާގެ ރައްޔިތުންނަށް ވެސް ބިޒްނަސް ވިސާ އާއި ޑިޕެންޑެންޓް ވިސާ އަދި ވޯކްޕާމިޓް ހައްދައި ދެމުން އަންނަނީ. އަޅުގަނޑުމެންގެ އިމިގްރޭޝަނުން ގެންގުޅޭ އުސޫލުގެ ތެރެއިން އެ ހުއްދަ މިހާތަނަށް ވެސް ވާނީ ދީފައި،" އަންވަރު ވިދާޅުވި އެވެ. މި އުސޫލު އޮންނަނީ ވަކި ބަޔަކު ބޭނުން ވީމަ.
ވާވާ
18 June 2018
އިމިގްރޭޝަނުގެ އުސޫލާ އެއްގޮތަށް ވިސާ ދޫކުރާ ވާހަކަ ކޮންޓްރޯލަރ އެ ވިދާޅުވީނު. އެ އުސޫލަކީ އިންޑިޔާ ރައްޔިތެއް ވިއްޔާ ވަރަށް ދުއްޕާން ކޮށްފާ ދޫކުރުން.