އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މުވައްޒަފުން ހޯދަނީ

މިފްކޯ އިން އައްޑޫގައި ހަދާފައިވާ ފިޝަރީޒް ކޮމްޕްލެކްސް އަށް ބޭނުންވާ މުވައްޒަފުން ހޯދަން ބާއްވާ އޯޕަން ޑޭ މިއަދު އައްޑޫގައި ފަށާ ގޮތަށް ނިންމައިފި އެވެ.


ތިން ދުވަހަށް ކުރިއަށް ގެންދާ އޯޕަން ޑޭގެ ފުރަތަމަ ބުރު މިއަދު ބާއްވާނީ ފިޝަރީޒް ކޮމްޕްލެސް ގާއިމުކޮށްފައިވާ ހުޅުމީދޫގަ އެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން ފެށިގެން އޯޕަން ޑޭ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރިއަށް ދާނެ އެވެ.

މިފްކޯ އިން ބުނި ގޮތުގައި ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-11:00: އަށް އޯޕަން ޑޭ ކުރިއަށް ދާނެ އެވެ. އެތަނަށް ޒިޔާރަތް ކުރާ އިރު، ވަޒީފާ ބޭނުންވާ މީހުން ސީވީތައް ގެންދަން މިފްކޯ އިން އެދެ އެވެ.

އޯޕަންޑޭ މާދަމާ ހިތަދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ފުވައްމުލަކުގައި ހުކުރު ދުވަހު ކުރިއަށް ގެންދާނެ އެވެ.

ފިޝަރީޒް ކޮމްޕްލެކްސް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެތަނުން 80 އެއްހާ ވަޒީފާގެ ފުރުސަތު އެބަ އޮތް ކަމަށް މިފްކޯ އިން ބުންޏެވެ. އޭގެ ތެރޭގައި އެކައުންޓްސް، އެޑްމިނިސްޓްރޭޓިވް، ކޮލިޓީ ކޮންޓްރޯލް އަދި ޓެކްނިކަލް ގިނަ ދާއިރާތައް ހިމެނެ އެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ސަރުކާރުން 2014 ގައި އިފުތިތާހު ކުރި މަޝްރޫއެކެވެ. އެކަމަކު އެތަނުގެ އަމަލީ މަސައްކަތް ފެށުނީ 2016 ގަ އެވެ.

މިފްކޯ އިން ބުނީ ހަތް މިލިއަން ޑޮލަރު ހަރަދު ކޮށްގެން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެ ތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.