އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މުވައްޒަފުން ހޯދަނީ

އައްޑޫގައި ހަދާފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި، އެތަން ހުޅުވަން ތައްޔާރުވަމުން އަންނާތީ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިފްކޯ އިން ފަށައިފި އެވެ.


މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހުޅުމީދޫގައި ގާއިމުކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން އައްޑު އާއި ފުވައްމުލަކުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް މި މަހުގެ ތެރޭގައި އޯޕަން ޑޭތަކެއް ބާއްވަން މިހާރު ނިންމައިފަ އެވެ.

އައްޑޫގައި އޯޕަންޑޭ ދެ ދުވަހަށް ކުރިއަށް ގެންދާ އިރު ހުޅުމީދޫގައި މި މަހުގެ 20 އަދި ހިތަދޫގައި 21 ވަނަ ދުވަހު އޯޕަން ޑޭ ބާއްވާނެ އެވެ. ފުވައްމުލަކުގައި އޯޕަން ޑޭ ކުރިއަށް ދާނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އިދާރީ މަގާމުތަކާއި ޓެކްނިކަލް ދާއިރާގެ ފުރުސތުތައް ގިނަ އަދަދަކަށް އެބަ ހުއްޓެވެ. އެހެންވެ އެ ފުރުސަތުތައް އައްޑު އާއި ފުވައްމުލަކުގެ ޒުވާނުންނަށް ދޭން ބޭނުންވެ އެވެ.

ހުޅުމީދޫގައި ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް: މިތަން ހުޅުވަން މިހާރު އަންނަނީ ތައްޔާރުވަމުން. ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ފިޝަރީޒް ކޮންޕްލެކްސް މަޝްރޫއު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިފުތިތާހު ކުރީ ޑިސެމްބަރު 28، 2014 ގަ އެވެ. އެކަމަކު އެތަނުގެ ބިންގާ އަޅައި މަސައްކަތް ފެށުނީ ޖެނުއަރީ 9، 2016 ގަ އެވެ. މިފްކޯ އިން ބުނީ ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

ހުޅުމީދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ހަދާފައިވާ އިރު، މިފްކޯގެ އައިސް ޕްލާންޓެއް ހިތަދޫގައި ހިންގަ އެވެ.