ޖޭޕީގެ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުންތައް ފަށައިފި

ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުންތައް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ރޭ ފަށައިފި އެވެ.


ހަތަރު އަހަރު ފަހުން ބާއްވާ ކޮންގްރެސްގެ ރަސްމީ ބައްދަލުވުންތައް މިއަދު ހަވީރު 4:00 ގައި ފަށާއިރު، ގާތްގަނޑަކަށް 400 މީހުން ބައިވެރިވެ އެވެ. ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ކުރިމަގަށް މުހިއްމު ނިންމުންތަކެއް ނިންމާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕެރެޑައިސް އައިލެންޑް ރިސޯޓު ވަނީ، މި ކޮންގްރެސް އަށް ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ. ޓޫރިސްޓުންގެ ބަދަލުގައި، ރިސޯޓުގައި މިހާރު ގިނައީ ކޮންގްރެސްއަށް އައިސްތިބި މީހުންނެވެ.

ތިން އަހަރުގެ ޖަލު ހުކުމާ ހެދި، ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯދަވައިގެން އުޅުއްވާ ގާސިމް ރޭ ވަނީ ވީޑިއޯ މެދުވެރިކޮށް ކޮންގްރެސްގެ ބައިވެރިންނާ ވާހަކަ ދައްކަވައިފަ އެވެ. މީޑީއާ އަށް ދައުވަތު ނުދީ ބޭއްވި އެ ސެޝަންގައި ގާސިމް ވަނީ އެ ޕާޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ.

ޖޭޕީ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުން: މި ކޮންގްރެސްގައި އެ ޕާޓީގެ 400 މީހުން ބައިވެރިވޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖޭޕީގެ އެންމެ އިސް ބޭފުޅަކީ ޕާޓީގެ ލީޑަރު ކަމަށްވާއިރު އެ މަގާމަށް އެއްވެސް މީހަކު ކުރިމައްޗެއް ނުލަ އެވެ. އެ މަގާމުގައި މިހާރު ވެސް ހުންނެވި ގާސިމް ކުރިމަތި ނުލެއްވީ، ޖަލު ހުކުމެއް އިއްވާފައިވާ އެއްވެސް މީހަކު ބައިވެރިކޮށްގެން ކޮންގްރެސް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާތީ އެވެ.

ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް ކުރި ދައުވާގަ އެވެ. އެ ހުކުމުގައި ހުންނެވުމަށް ފަހު ބޭސްފަރުވާ އަށް ޖަރުމަނަށް ފޮނުވުމުން، ގާސިމް އެނބުރި ރާއްޖެ ވަޑައެއް ނުގަތެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ހުރުން ފިޔަވައި، އެހެން ކަމެއްގައި ބައިވެރިވުން ކުށްވެރިންނަށް މަނާ ކަމަށެވެ.

އެހެންވެ، ޕާޓީގެ އެއްވެސް ރަސްމީ މަގާމަކަށް ގާސިމް ހަމަޖެއްސެން ނެތް ނަމަވެސް އޭނާ އަކީ އަދިވެސް ޕާޓީގެ އެންމެ އިސް ބޭފުޅާގެ ގޮތުގައި ބަލައިގެން ޕާޓީ ކުރިއަށް ގެންދާ ގޮތަށް ނުރަސްމީ ބައްދަލުވުމުގައި ރޭ މަޝްވަރާކޮށްފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށް އޮންނަ އޮތުމުގެ ބަދަލުގައި ޕްރައިމަރީއަކުން ކެނޑިޑޭޓް ކަނޑައަޅަން ފާސް ކުރަން ވަނީ ނިންމާފަ އެވެ. އަދި އެ ޕާޓީގެ އާ ލޯގޯ އާއި ދިދަ ފާސްކުރަން ވަނީ ނިންމައިފަ އެވެ. އެ ޕާޓީގެ އޮނިގަނޑަށް އާ މަގާމުތަކެއް އިތުރު ކުރެ އެވެ. އޭގެ ތެރޭގައި ރައީސް އާއި ނައިބް ރައީސްގެ މަގާމު ވެސް ހިމެނެ އެވެ.

ޖޭޕީ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އެކަނި ކުރިމަތިލައްވާފައިވާއިރު ނައިބް ރައީސް ކަމަށް ކުރިމަތިލެއްވީ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި އިންތިޚާބުކުރާ ހަތަރު ނައިބު ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތި ލެއްވި އެވެ. އެ މަގާމަށް ކުރިމަތި ލެއްވީ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.

އެ އިންތިހާބުގެ އިތުރުން ކުރިއަށް ގެންދާ ސެޝަންތަކުގައި އެ ޕާޓީ ޕްރޮމޯޓް ކުރުމާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ހާއްސަ ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.