ޖޭޕީގެ ލީޑަރު ކަނޑައެޅުން ފަސްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން އެ ޕާޓީގެ ކައުންސިލަށް ލިބިދޭ ބާރު އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހަކުން ހިފަހައްޓައި، އެ މަގާމަށް ބޭފުޅަކު ކަނޑައެޅުން ފަސްކޮށްފި އެވެ.


ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި އެ ޕާޓީގެ ކޮންގްރެސްއަށް އާއްމު މެމްބަރަކު ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމަށް އިއްވާފައިވާ ތިން އަހަރުގެ ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުންނެވެ. ނުވަތަ މަގާމާ މެދު ގާސިމް ވަކި ގޮތެއް ނިންމަވައި އެ ޕާޓީ އަށް އެންގެވުމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ހުޅުވާލުމުން، އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ގާސިމަށް ކުރިމަތި ނުލެއްވުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް އުފުލި ދައުވާގައި އިއްވި ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާ އަށް ޖަރުމަނަށް ފޮނުވުމުން އެނބުރި ރާއްޖެ ވަޑައިނުގަނެ، ސިޔާސީ ހަރަކާތްތައް ހިންގަވަނީ އެ ގައުމުގަ އެވެ.

ހުކުމް ތަންފީޒުކުރާ އެއްވެސް މީހަކު ބައިވެރިކޮށްގެން ބާއްވާ ކޮންގްރެސް ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސުން ޖޭޕީ އަށް އޮތީ އަންގައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ހުރުން ފިޔަވައި، އެހެން ކަމެއްގައި ބައިވެރިވުން ކުށްވެރިންނަށް މަނާ ކަމަށެވެ.

މިއަދު ފެށި ކޮންގްރެސްގައި ޖޭޕީގެ އަސާސީ ގަވާއިދަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، އެ ކޮންގްރެސްގައި ގާތްގަނޑަކަށް 400 މީހުން ބައިވެރިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވަނީ، އެ ޕާޓީގެ ލީޑަރު ނެތް ހާލަތެއްގައި ޕާޓީގެ އެންމެ އިސް ބޭފުޅަކީ ޕާޓީ ނައިބު ލީޑަރުންގެ ތެރެއިން ކައުންސިލުން އިންތިހާބުކުރާ ބޭފުޅެއް ކަމަށް ހަމަޖައްސައިފަ އެވެ.