ޖޭޕީގެ ރައީސަކަށް އަލީ ވަހީދު އިންތިޚާބުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސަކަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ފަތިހު އިންތިޚާބުކޮށްފި އެވެ.


ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށް ގެންދާ ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި، މިދިޔަ މޭ މަހުގެ 26 ގައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސަކަށް ހޮވުނީ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އެ މަގާމަށް ވާދަކުރެއްވީ އޭނާ އެކަންޏެވެ.

ޖުމްހޫރީ ޕާޓީ އަށް އަލަށް އިތުރުކޮށް، އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށް ކަނޑައާފައިވާ ރައީސްގެ މަގާމަށް އަލީ ވަހީދު ކުރިމަތި ލެއްވިއިރު އޭނާ އެ މަގާމު ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 154 މީހެކެވެ. ނުފެންނަ ކަމަށް 102 މީހަކު ވޯޓު ދިނެވެ.

އަލީ ވަހީދު ޖޭޕީގެ ރައީސަކަށް އިންތިޚާބު ކުރިއިރު، އޭނާއާ ދެކޮޅު ކެމްޕެއިންތައް ފޯރިއާ އެކު ވަނީ ކޮށްފަ އެވެ. ނަމަވެސް ޖޭޕީ އުފެއްދި ގާސިމް އިބްރާހިމް ތާއީދު ކުރެއްވީ އަލީ ވަހީދަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދި ޑީއާރުޕީން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އަލީ ވަހީދު އެ ޕާޓީގެ ފުރަތަމަ ޑެޕިއުޓީ ލީޑަރުކަން ކުރެއްވިއިރު، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕއާ ފަހުން ގުޅިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އެވެ. އަދި ރޭގެ ނަތީޖާއާ އެކު، އޭނާ ގުޅިވަޑައިގެންނެވި ތިން ޕާޓީގެ ވެސް އިސް މަގާމެއް މިވަނީ ލިބިވަޑައިގެންފަ އެވެ.

ޖޭޕީގެ އިންތިޚާބުތަކުގެ ފައިނަލް ނަތީޖަ ކަނޑައެޅުމުގެ ކަންކަން މިއަދު ފަތިހު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ނެތުމުން ދެން ޕާޓީގެ އެންމެ އިސް ބޭފުޅަކީ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކައުންސިލުން ނިންމާ ބޭފުޅެއް ކަމަށް އެ ޕާޓީގެ ކޮންގްރެސްގައި އިއްޔެ ނިންމާފައިވާއިރު ޑެޕިއުޓީ ލީޑަރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ޑެޕިއުޓީ ލީޑަރުންނަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންތިޚާބުން ނާކާމިޔާބުވީ، މިހާތަނަށް އެ މަގާމުގައި ހުންނެވި، ކުރީގެ މިިނިސްޓަރު އަބްދުﷲ ކަމާލުއްދީނަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 160 ވޯޓެެވެ.

ޑެޕިއުޓީ ލީޑަރުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ. އެއީ 237 ވޯޓެވެ. މިހާރު ވެސް އެމަގާމުގައި ހުންނެވި އަމީން އިބްރާހިމް އިންތިޚާބުވީ 227 ވޯޓާ އެކު. އަދި މިހާރު ވެސް ޑެޕިއުޓީ ލީޑަރަކަށް ހުންނެވި ޑރ. ހުސެއިން ރަޝީދު އަލުން އިންތިޚާބުވީ 224 ވޯޓާ އެކު. ޑެޕިއުޓީ ލީޑަރަކަށް އަލަށް ކުރިމަތިލެއްވި މުހައްމަދު ފަޔާޒް(އެފްއޭ) އެ މަގާމު ކާމިޔާބު ކުރެއްވީ އަބްދުﷲ ކަމާލުއްދީނަށް ވުރެ ހަތް ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ. އެއީ 167 ވޯޓެވެ.

ޖޭޕީގެ ތިން ވަނަ ކޮންގްރެސްގައި މަގާމުތަކަށް މީހުން އިންތިހާބުކުރަން ވޯޓް ލަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީ އަށް އަލަށް އުފެއްދި ނައިބު ރައީސްގެ މަގާމު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު، ޑރ. އަބްދުﷲ މައުސޫމް ކާމިޔާބު ކުރެއްވީ 240 ވޯޓުންނެވެ.

ޖޭޕީގެ ކައުންސިލަށް އިންތިހާބު ކުރި 15 މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ (އާއިޝާ) ވަނީ 227 ވޯޓުން ކާމިޔާބު ކުރައްވައިފަ އެވެ. އަދި ދާދި ފަހުން، ޖޭޕީއާ ގުޅިވަޑައިގެންނެވި، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު އައްސަދު (އަޑުބަރޭ) ވެސް ވަނީ 180 ވޯޓާ އެކު ކައުންސިލްގެ މެމްބަރުކަން ހޯދާފަ އެވެ.

ރޭ 9:00 ގައި ވޯޓްލާން ފެށި ޖޭޕީގެ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން ފަށާފައި ވަނީ މިއަދު ފަތިހު 4:40 ގަ އެވެ.