މިއީ، ކޯޓުގެ ހުކުމަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ: ރައީސް

މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ، ކޯޓެއްގެ ހުކުމަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ކ. މާފުށީގައި ވިދާޅުވެއްޖެ އެވެ.


އެ މަނިކުފާނުގެ ޕާޓީ، ޕީޕީއެމުން ރިޔާސީ އިންތިހާބަށް ކެމްޕޭން ފަށާފައި ވަނިކޮށް، މާލެ އަތޮޅުގެ ތިން ރަށަކަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާފުއްޓަށް ވަޑައިގެން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ގާތްގަނޑަކަށް ފުރިހަމަވެ، މިހާރު މި އޮތީ "ދެ މޫސުން ބެދޭ ހިސާބަށް" އައިސްފައި ކަމަށެވެ. އެއީ، އެ މަނިކުފާނުގެ ރިޔާސީ ދައުރު ނިމި، އަނެއް ޒައާމަތު ފެށޭ މޫސުން ކަމަށާއި މި ވޯޓަކީ ކޯޓުގެ ހުކުމަކުން ނިންމާނެ ވޯޓަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މިގޮތަށް ވިދާޅުވިއިރު، 2013ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެއީ، އިންތިހާބުގެ ވޯޓު ލިސްޓާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވާދަކުރެއްވި އެ އިންތިޚާބު ފަހުން ބާއްވަން ޖެހުނީ، ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނާ އެއްގޮތަށެވެ.

"މި ވޯޓަކީ، ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން ފާހަގަ ލައިގެން ހޮވާ މީހަކު ދައްކާ ވޯޓަކަށް ވާންވާނެ. މި ވޯޓު ނަގަން ޖެހޭ ޖެހުމުގެ ސަބަބުން، ވޯޓު ނޫން ގޮތަކަށް އެ ކަން އެހެން ކޮށްގެން، މާފުއްޓަކީ މި ދެންނެވި ކަހަލަ ކުށްވެރިން ހިމާޔަތްކުރަން އޮންނަ ރަށަކަށް ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މާފުށީ ރައްޔިތުންނާ ރައީސް ޔާމީން ސަލާމް ކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަން ފާހަގަކުރައްވައި ވިދާޅުވީ، ތަރައްގީ އަކީ ކަރުދާހުގައި ލިއެފައި އޮންނަ ވާހަކަތަކެއް ނޫން ކަމަށެވެ. އެއީ، ގައުމުގެ ވެރިއަކަށް ހުންނަ މީހަކު ސިކުނޑި ބޭނުން ކޮށްގެން ކުރާ މަސައްކަތުން ހޯދޭ އެއްޗެއް ކަަމަށް ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތަކަކީ ކުރިއަށް ގެންދެވޭނެ ކަންތައްތަކެއް ކަން، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު ހުޅުވައި ދަތުރު ކުރަން ފެށުމުން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ކަންކަން ކޮށްދެވޭނީ ކޮން ވެރިއަކަށް ކަން ނިންމުމުގެ ފުރުސަތު މިއޮތީ އަނެއްކާ ވެސް ލިބިފަ އެވެ. އެއީ ރިޔާސީ އިންތިޚާބު ކަން ފާހަގަކުރައްވައި ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާ އިރު، ތަރައްގީއާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

މާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ: މާފުށީގެ ރައްޔިތުން އެދޭ ކަންކަން މި ސަރުކާރުން ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް

"މި ވޯޓަކީ ރައްޔިތުން ހިތުން ރުހުމުން، ރައްޔިތުންގެ ތަރައްގީ އާއި އިންތިޒާރުތަކާއި އުއްމީދުތަކަށް ނިމުމެއް ގެނެސްދޭ، އެ ވަރުގެ ގާބިލިއްޔަތާއި އެ ވަރުގެ ހަކަތަ އާއި އެވަރުގެ ކެރުންތެރިކަމެއް މާޒީގައި ދައްކާފައި ހުރި މީހަކަށް، ތިމަންނަމެން އާއެނކޭ ބުނުމަކަށް ދޭ ވޯޓަކަށް ވާން ވާނެ،" ރައީސް ވިދާޅުވި އެވެ.

މާފުށީ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް މި ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަމާ އެކު، އެ ރަށުގައި ކުޑަކުދިންގެ އިސްލާހިއްޔާ އޮތް ބިން ވެސް ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.