މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ޓޫރިޒަމަށް ދޫކުރަނީ

މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ޓޫރިޒަމަށް ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ކ. މާފުށީގައި މިއަދު ވިދާޅުވެއްޖެ އެވެ.


މާލެ އަތޮޅުގެ ތިން ރަށަށް މިއަދު ކުރައްވާ ދަތުރުފުޅުގައި މާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެ ވަނަ ދައުރެއް އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، މާލެ އަތޮޅުން ފަސް ފަޅެއް ދޫކުރާނެ ކަމަށެވެ. ޓޫރިޒަމްގެ ގޮތުގައި، މި އަހަރުގެ ފަހުކޮޅު އެ ފަޅުތައް ދޫކުރުމާއެކު އަނެއްކާ ވެސް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އެ ސަރަހައްދަށް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެ އަތޮޅުން އިތުރު ފަޅެއް ދޫކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކ. އެނބޫދޫ ފިނޮޅު 50 އަހަރަށް ކުއްޔަށް ދީގެން، ނުވަ ރިސޯޓު ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ބޯދާ ގޮތަކަށް ބަޔަކު ގަބޫލުކޮށްގެން ތިއްބަސް، ރާއްޖޭގައި ބިމުގެ މުއްސަނދިކަން ހޯދޭނެ އެވެ.

މާފުށީގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، އެ ރަށަށް ގިނަ ކަންކަން ކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންނެވި.

"ކުރިއަށް ދާން އަޒުމާއި ރޫހާ އެކު މަސައްކަތް ކުރަންޏާ ހަމަ ގަބޫލުކުރަން ޖެހޭ ކަމަކީ، މި ރައީސް ގަބޫލުކުރަނީ ނުވާނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑާ އެކު މަސައްކަތް ކުރަން ތިބި ފަޅުވެރިން ވެސް ވިސްނަން ޖެހޭނީ، ކައްޕި އެގޮތަށް ވިސްނާ ކަމަށް ވަންޏާ، ތިމަންނަމެންނަށް ގިރާނުކުރެވޭނެ ވަރުގަދަ ކަނޑުއޮޅިއެއް ނޯންނާނެ ކަން."

މާފުށީ ރައްޔިތުންގެ ވިސްނުން ގެންގުޅެން ޖެހެނީ އެ ގޮތަށް ކަމަށާއި ކުރިއެރުމާއި ތަރައްގީ އޮތީ އެ ވިސްނުމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

މާފުށީގައި ކުޑަކުދިންގެ އިސްލާހިއްޔާ ހިންގަމުން އައީ ބޮޑު ބިމެއްގައި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބިމުން ވެސް ރައްޔިތުންނަށް ފައިދާވާން ޖެހޭ ކަމަށެވެ. އެހެންވެ ރައްޔިތުންނަށް އެ ބިން ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެފަދަ ކަންކަމުން، މާފުއްޓަށް އިތުރު ތަރައްގީ ގެންނަން ސަރުކާރުން ބޭނުންވާ ކަމަށާއި އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މާފުށީގެ ބިން ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ. މިކަންކަމާ މެދު ވިސްނައި ރިޔާސީ އިންތިހާބުގައި ތަރައްގީ ހޯދައިދެވޭނެ ވެރިއަކަށް ވޯޓު ދެއްވަން ރައީސް އެދިވަޑައިގަތެވެ.