މިހާރުގެ ގާނޫނު އަސާސީ އައުމާ އެކު ދައުލަތުގެ ތިން ބާރު ވަކިކޮށް، އެންމެ ބޮޑު ބާރެއް ދީފައި އޮތީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. ދައުލަތުގެ އަނެއް ދެ ބާރާ ޚިލާފަށް، ރައީސަކީ އެންމެ ގިނަ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ މީހާ ވެސް މެ އެވެ. އެހެންކަމުން ރައީސް ކަމަށް އަންނަ ބޭފުޅަކީ އެ މަގާމުގެ ޒިންމާ އަދާކުރެވޭނެ އަދި މަގާމާ އެކަށީގެންވާ ބޭފުޅެއް ކަން ކަށަވަރު ކުރުމަށްޓަކައި ރައީސްކަމުގެ ޝަރުތުތައް ގާނޫނު އަސާސީގައި ކަނޑައަޅާފައި އެބަ އޮތެވެ.
އެކަމަކު ރިޔާސީ އިންތިޚާބުގެ ގާނޫނަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި އިސްލާހަށް ބޮޑު ފާޑުކިއުމެއް އަމާޒުވީ ގާނޫނުއަސާސީގައި ނެތް ޝަރުތެއް، ރައީސްގެ މަގާމަށް ކުރިމަތިލާ މީހުންނަށް ކަނޑައެޅުމުންނެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް ނިހާން އިސްލާހު ހުށަހެޅުއްވީ އެހެން ގައުމެއްގެ ރައްޔިތު ކަން އޮތް މީހަކު އެ ގައުމެއްގެ ރައްޔިތު ކަން ދޫކޮށްލާތާ 10 އަހަރުވުމުން ނޫނީ ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށެވެ. އަދި ފަހުން ކޮމެޓީގެ މަރުހަލާގައި ބިލަށް ބަދަލު ގެނެސް، ބޭރު ގައުމެއްގެ ހިމާޔަތް ހޯދައިގެން ތިބޭ މީހުން ވެސް އެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ވަންދެން ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ކޮމެޓީން ވަނީ ނިންމައިފަ އެވެ.
އެއް ބައެއްގެ ނަޒަރުގައި އެއީ ސީދާ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި އިސްލާހުތަކެކެވެ. އިދިކޮޅު ބައެއް ލީޑަރުން ބޭރު ގައުމުތަކުގެ ހިމާޔަތުގައި ތިއްބެވުމާއި އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ބޭފުޅަކު އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި އޮތުމުން އެ އިސްލާހުތަކުގެ ބޭނުމަކީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ދޮރު އެ ބޭފުޅުން ބަންދުކުރުމެވެ.
އެކަމަކު އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ބޭރު ގައުމުތަކުގެ ނުފޫޒުން ރާއްޖެ އެއްކިބާ ކުރުމާއި ރައީސް ކަމަށް ހޮވޭ ބޭފުޅަކީ ގައުމަށް އިހްލާސްތެރި ބޭފުޅެއް ކަމަށް ހެދުމެވެ. އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުމަކީ މިހާރު ވެސް ގާނޫނު އަސާސީ އޮތް ގޮތުން ރައީސް ކަމުގެ ޝަރުތެއް ކަން ފާހަގަކޮށް، އެ ބިލުގައި ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ގާނޫނު އަސާސީގައި އެ ބުނާ ޝަރުތު ފުރިހަމަ އަށް ތަންޒީމް ކުރުމެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސް ކަމަށް ކުރިމަތިލާ މީހަކީ ދިވެހި މަންމަ އާއި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކަށް ވުމާއި ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރައީސް ކަމަށް ކުރިމަތިލެވޭނީ ވަކި މުއްދަތެއް ފަހުން ކަމަކަށް ގާނޫނު އަސާސީގައި ބުނެފައެއް ނެތެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ގާނޫނީ ގޮތުން މަޖިލީހަށް އޮތް ބާރެކެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު އިސްލާހު ގެނެވޭ ކަންކަން ފިޔަވައި، ގާނޫނު އަސާސީގެ އެހެން ހުރިހާ ކަންކަން ވެސް އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށެވެ. އެ ފުރުސަތު މަޖިލީހަށް އޮތްއިރު، އެކަން ނުކޮށް، ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެންނަ އިސްލާހަކުން އެ ބަދަލު ގެންނަން އުޅުމަކީ އެ އިސްލާހާ މެދު ގާނޫނީ ބޭފުޅުން ސުވާލު އުފައްދަވާ ސަބަބެކެވެ.
މިހާރުގެ އިސްލާހު ފާސްވެއްޖެ ނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ ރައީސް ކަމަށް ކުރިމަތިލުމުގައި ފުރިހަމަވާން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނެތް ކަމެއް ގާނޫނަކުން ކަނޑައެޅުން ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކެއް ގާނޫނު އަސާސީގައި ކަނޑައަޅާފައި ވަނިކޮށް ގާނޫނަކުން އިތުރު ކަންތައްތަކެއް ނުހިމެނޭނެ އެވެ. އެހެން ގައުމެއްގެ ރައްޔިތުކަން އޮންނަ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ގޮތަށް ގާނޫނު އަސާސީގައި މިހާރު އޮތަސް، ރައްޔިތު ކަން ދޫކޮށްލުމަށް ފަހު ވަކި މުއްދަތެއް ވަންދެން ކުރިމަތި ނުލެވޭ ގޮތަކަށް ގާނޫނު އަސާސީގައި ނޯންނަ ކަން އޭނާ ފާހަގަކުރައްވަ އެވެ.
"ގާނޫނު އަސާސީގައި ބުނެފައިވާ ކަމެއް އިންތިޒާމް ކުރެވިދާނެ. އެކަމަކު އިންތިޒާމް ކުރުމުގެ ގޮތުން ކަމަށް ބުނެ ގާނޫނު އަސާސީގައި ބުނެފައިވާ މިންވަރަށް ވުރެ ނުވަތަ ހަންޏެއް ނުކުރެވޭނެ. މިހާރު ހައްގެއް ހަނި އެ ކުރަނީ" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް އަމާޒުކޮށްގެން ގާނޫނު ހެދުމަކީ ގާނޫނު އަސާސީގެ އެއް އަސާސާ ޚިލާފް ކަމެކެވެ. ވަކި މީހަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށްގެން ގާނޫނެއް ހަދައިފި ނަމަ އެއީ ސައްހަ ގާނޫނަކަށް ނުބެލެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ގާނޫނު އަސާސީ ބިނާކޮށްފައިވާ މައިގަނޑު އެއް އަސާސަކީ ރޫލް އޮފް ލޯ ނުވަތަ ގާނޫނުގެ ވެރިކަން. އެއީ ހުރިހާ ފަރާތްތަކުން އެއާ އެއްގޮތަށް އަމަލުކުރަން ޖެހޭ އަސާސެއް،" ސުއޫދު ވިދާޅުވި އެވެ.
"ގާނޫނުގެ ވެރިކަމުގެ މައިގަނޑު އެއް އުންސުރަކީ ސެލެކްޓިވް އެޕްލިކޭޝަން އޮފް ލޯ ނުވަތަ ވަކި މީހަކަށް އަމާޒުކޮށްގެން ގާނޫނު ނުހެދުން. އެހެންވީމަ އެފަދަ ގޮތަކަށް ވަކި މީހަކަށް އަމާޒު ކޮށްގެން ގާނޫނެއް ހަދައިފި ނަމަ އެއީ ސައްހަ ގާނޫނެއް ކަމަކަށް ނުބެލެވޭނެ."
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލުމަށް ފަހު، ރައީސް ކަމަށް ކުރިމަތިލުމުގެ ކުރިން ވަކި މުއްދަތެއް ހޭދަކުރަން ޖެހޭ ނަމަ ގާނޫނު އަސާސީގައި އެގޮތަށް ސާފުކޮށް ލިޔެފައި އޮންނާނެ އެވެ. އޭގެ މިސާލެއް ގޮތުން އޭނާ ފާހަގަކުރެއްވީ ކުށެއް ސާބިތުވެފައިވާ މީހަކު ރައީސް ކަމަށް ކުރިމަތިލާ ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފާއިތު ވެފައި ވާން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ އޮތުމެވެ. އެގޮތަށް އޮތުމުން، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތު ކަން ދޫކޮށްލުމަށް ފަހު ވަކި މުއްދަތެއް ފާއިތުވާން ޖެހޭ ނަމަ އެކަން ވެސް ގާނޫނު އަސާސީގައި އޮންނާނެ އެވެ.
"ގާނޫނު އަސާސީގައި ބުނަނީ ރައީސް ކަމަށް ކުރިމަތިލާ މީހަކީ އެހެން ގައުމެއްގެ ރައްޔިތަކަށް ވެގެން ނުވާނެއޭ. ރައްޔިތު ކަން ދޫކޮށްލުމަށް ފަހު ކުރިމަތިލެވޭނީ ވަކި މުއްދަތެއް ފަހުން ކަމަށް ވާ ނަމަ، ކުށްވެރިން ކުރިމަތިލުމާ ގުޅޭ ގޮތުން ގާނޫނު އަސާސީގައި މިހާރު ވެސް އޮންނަ ގޮތަށް ލިޔެފައި އޮންނާނެ ފަސް އަހަރު ނުވަތަ 15 އަހަރު ފަހުންނޭ ކުރިމަތި ލެވޭނީ. އެކަމަކު އެގޮތަށް ނެތް ރައްޔިތު ކަން ދޫކޮށްލުމާ ގުޅޭ ގޮތަކުން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީގައި ވަކި ޝަރުތުތަކެއް ކަނޑައަޅާފައި ވަނިކޮށް، އެކަން ތަންޒީމް ކުރުމަށްޓަކައި އިތުރު ކަންތައްތަކެއް ގާނޫނަކުން ނުހިމެނޭނެ އެވެ.
"ގާނޫނު އަސާސީގައި ބުނެފައިވާ ކަމެއް ތަންފީޒް ކުރުމުގެ ގޮތުން ކުރެވޭނީ އިދާރީ ކަންކަން. މިސާލަކަށް ފޯމް ހުށަހެޅުމާއި މިފަދަ ކަންކަން ގާނޫނަކުން ކަނޑައެޅިދާނެ. އެކަމަކު ދީފައި އޮތް ފުރުސަތެއް ހަންޏެއް ނުކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.
ރާއްޖެއެކޭ އެއްފަދައިން، އެހެން ބައެއް ގައުމުތަކުގައި ވެސް އެހެން ގައުމެއްގެ ރައްޔިތު ކަން އޮންނަ މީހުން ރައީސް ކަމަށް ކުރިމަތިލުން މަނާކުރެ އެވެ. އަދި ވަކި މުއްދަތެއް ވަންދެން މެދުކެނޑުމެއް ނެތި އެ ގައުމެއްގައި އުޅެފައިވާ މީހަކަށް ވުމަކީ ވެސް ބައެއް ގައުމުތަކުގައި ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތެކެވެ. އޭގެ އެއް މިސާލަކީ އެމެރިކާ އެވެ. އެކަމަކު އެފަދަ ގައުމުތަކުގައި ވެސް ރައީސް ކަމުގެ ޝަރުތުތައް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގަ އެވެ.
އެ ގައުމުތަކުގައި ވެސް އެކަން އެގޮތަށް އޮންނަނީ މުހިންމު މަގްސަދެއްގަ އެވެ. ސަބަބަކީ ދައުލަތުގެ ބާރުތައް ބެހިގެންވާ ގޮތާއި އެ ބާރުތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުން ފަދަ ކަންކަމަކީ ގާނޫނުތަކުގައި ލިޔާ ވަރަށް ވުރެ ބޮޑެތި އަދި މުހިންމު ކަންތަކަކަށް ވާތީ އެވެ. ދައުލަތުގެ ތިން ބާރުގެ ހިމެނޭ މީހުންގެ ޝަރުތުތައް އެހެން ގައުމުތަކުގައި ވެސް އެ ގައުމުތަކުގެ ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައި އޮންނަ ބޭނުމަކީ ވެސް އެއީ އެވެ.
ދައުލަތުގެ އެންމެ މަތީ މަގާމު ކަމަށްވާ ރައީސް ކަމަށް ކުރިމަތިލުމާ ގުޅޭ މިފަދަ ބޮޑު ނިންމުމެއް ނިންމުމަކީ ކުޑަ ކަމެއް ނޫނެވެ. ގާނޫނީ ބޭފުޅުން ނަޒަރުގައި އެއީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން މެނުވީ ނުކުރެވޭނެ ކަމަކެވެ. އެކަމަކު ރާއްޖޭގައި މި ފެންނަނީ ގާނޫނުތަކުން، ގާނޫނުއަސާސީގެ ބާރު ކަނޑުވާލާ ތަނެވެ.