ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އައިސީޔޫގައި

ހދ. ކުޅުދުއްފުށީގައި ދެ ސައިކަލެއް ޖެހިގެން މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.


އެނގިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިން އުމުރުން 50 އަހަރުގެ އެ ފިރިހެން މީހާގެ ބޮލަށާއި ބުރަކައްޓަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަ އެ މީހާ އަށް، އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ބޭބެގެ ހާލު ވަރަށް ސީރިއަސް. އެކަމަކު ބޮލަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެބަ އިތުރު ސްކޭންތަކެއް ހަދަން ޖެހޭ. އެހެންވެ، މި މަސައްކަތް ކުރަނީ މާލެ ފޮނުވާލަން،" އަނިޔާވި މީހާގެ އާއިލާގެ މީހަކު ބުންޏެވެ.

ކުޅުދުއްފުށީ އަމީނީ މަގުގައި ހިނގި މި އެކްސިޑެންޓްގައި، އަނެއް ސައިކަލު ދުއްވަން އިން އަންހެން މީހާ އަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އެކަމަކު އޭނާގެ ހާލު މިހާރު ހަމަޔަކަށް އެޅިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އިއްޔެ ހަވީީރު ސ. ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާން އަންހެނަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.

ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ ސައިކަލުގައި އިން އަންހެން މީހާއަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެ ގެނެސްފަ އެވެ. އެކަމަކު އެނގިފައިވާ ގޮތުން، އަދިވެސް އޭނާގެ ހެޔެއް ނާރަ އެވެ.