އަބުރުގެ ބިލް ފާސްކުރަން އުޅެނީ ގާނޫނުއަސާސީ ދަންޖައްސާ މަރާލަން: އިބޫ

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރަން އުޅެނީ ގާނޫނުއަސާސީ ދަންޖައްސާ މަރާލަން ކަމަށާއި އެކަމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބުރުގެ ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ އެއީ ރައްޔިތުންގެ ދުލާއި ގަލަމުގައި ތަޅުއަޅުވަން ފާސް ކުރަން އުޅޭ ބިލެއް ކަމަށެވެ. އެހެންވެ، މި ބިލަށް އެއްގޮތަކަށް ވެސް ތާއީދުނުކުރައްވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މިއީ ސިޔާސީ ބޭފުޅުން ހިތުހުރިހާ ގޮތަކަށް ކަންކަން ކޮށްފައި ނިކަމެތި ރައްޔިތުން ޖޫރިމަނާކޮށް ޖަލަށް ލާން ކުރަން އުޅޭ ކަމަކަށް ވާތީ މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި. އަބުރުގެ ބިލަށް އިދިކޮޅު ހުރިހާ މެމްބަރުން ވެސް ފާޑު ވިދާޅުވި. - ފޮޓޯ: މަޖިލިސް

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތި ޑިމޮކްރަސީ ނޯންނާނެ ކަމަށާއި އަބުރުގެ ބިލް ފާސްވެއްޖެ ނަމަ، ޑިމޮކްރަސީ "ނޭވާ ހޮޅިއަށް" އެޅިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކުރެވޭ ކަމަކީ ގާނޫނުއަސާސީ 28 ވަނަ މާއްދާ ދަން ޖައްސާ މަރާލުން. މިކަމުގައި އަޅުގަނޑަށް ބައިވެރިވެން ނެތް ވާހަކަ ހިތާމައާ އެކު ދަންނަވަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ އަބުރުގެ ނަމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެވޭ ހަމަލާއެކެވެ. ނޫސްވެރިންނާއި މީޑިއާތައް ތިބީ ބިރުވެރިކަމެއްގައި ކަމަށާއި ސޯޝަލް މީޑިއާގައި އެއްޗެއް ލިޔާއިރަށް ޖަލަށް ދާން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ބިލް ފާސްކުރަން އުޅެނީ ސަރުކާރުން ކުރާ ވައްކަމާއި ފަސާދައިގެ ވާހަކަތައް ދައްކާތީ އެކަން ހުއްޓުވަން ކަމަށެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ދައުލަތުގެ ހަތަރު ވަނަ ބާބު ކަމަށްވާ މީޑިއާގެ މިނިވަންކަމުގެ ބާބު ހިފެހެއްޓުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އަބުރުގެ ބިލާ ދެކޮޅަށް އޭނާ ވާހަކަ ދެއްކެވި - ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ބިލެއް ފާސްކުރީމަ، އެ ގާނޫނު ބޭނުންކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ހިޔާލުފާޅުކުރަން ހުރަސް އަޅާ ވަސީލަތެއްގެ ގޮތުގަ އެވެ. އަދި ސަރުކާރުން މިހާރު ކުރަން އުޅެނީ ގާނޫނަކުން ހިޔާލުފާޅުކުރުން ހަނިކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީޑިއާތަކުން ކުރާ މަސައްކަތަށް ހުރަސް އަޅަން އުޅޭ ކަމީ ހިތާމަ ހުރި ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ ރައްޔިތުންގެ ދުލާއި ގަލަމުގައި ބޮޑު ތަޅު އަޅުވާނަމޭ ހިތާ މަޖިލީހުގައި ލަދުވެތި ބަހުސެއް ކުރާ ދުވަހެއް ކަމަށެވެ. މިއީ ވައްކަމާއި ހިޔާނާތާއި ފަސާދަ އާ އުސްމިންތަކަކަށް ގެންދަން މަގުފަހިކުރަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ފަސާދަ އާއި ކޮރަޕްޝަންގެ ވާހަކަ ދައްކަން ފެށީމަ ރައްޔިތުންގެ ދުލުގައި ތަޅު އަޅުވަން އުޅުނަސް، އެކަން ނުކުރެވޭނެ ކަމަށެވެ. ގާނޫނުއަސާސީގެ ހައްގެއްގެ ވާހަކަ ދެއްކީމަ ޖޫރިމަނާކޮށް ޖަލަށް ލުމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު. ސަރުކާރުގެ ފަރާތުން އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރު. - ފޮޓޯ: މަޖިލިސް

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވީ އަބުރުގެ ބިލަކީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ދެވޭ ފުރުސަތެއް ކަމަށާއި ހިޓްލަރާއި ރައީސް އަބްދުﷲ ޔާމީނާ މިއަދު ތަފާތެއް ނެތް ކަމަށެވެ. ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ހުއްޓުވަން ބިލެއް ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މިއީ އަދުލުވެރި ވެރިކަމެއް ނުކުރެވޭތީ އާއި ސަރުކާރުން ހިންގާ ޖަރީމާތައް ފޮރުވަން ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށެވެ. އަދި ސިޔާސީ މައިދާނަށް ނުކުންނަން ޖެހޭނީ ކެރިގެން ކުރިމަތިލާން ކެރޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިވަން މުއައްސަސާތަކުގައި މިނިވަންކަން ނެތް އިރު މީޑިއާގެ މިނިވަންކަން ނައްތާލުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.