ބަންޑާރަ ނައިބުގެ އަމުރުގެ ފަހުން ވެސް ހަމަހަމަ ފުރުސަތެއް ނުލިބޭ: އިދިކޮޅު ކޯލިޝަން

ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވާފައިވީ ނަމަވެސް އެ ކަންތައްތައް މިހާތަނަށް ކޮށްދީފައި ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ދުވަހު ބުނެފި އެވެ.


އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ ކެންޑިޑޭޓުން އަދި އެ ބޭފުޅުންގެ ރަނިންމޭޓުންނަށް ރައްކާތެރިކަމާއި ހިމާޔަތް ފޯރު ކޮށްދިނުމަށާއި ސަރުކާރުގެ ބިންތަކާއި މަގުތައް ހަމަހަމަކޮށް އަދި މީޑީއާ ގައި ވެސް ހަމަހަމަ ފުރުސަތު ދިނުމަށް މިދިޔަ މަހުގެ 11 ގައި ބަންޑާރަ ނައިބު ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް، އިދިކޮޅުު ކޯލިޝަންގެ ފަރާތުން ވާހަކަ ދެއްކެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ދައުލަތުން ފަހިކޮށް ނުދޭ ކަމަށެވެ.

"މިރޭ ވެސް އަޅުގަނޑުމެން އިވެންޓެއް ބާއްވަން ދަރުބާރުގެ ދިނުމަށް ކަމާބެހޭ އިދާރާތަކަށް ރަސްމީކޮށް ވާނީ އެދިފައި. އެކަމަކު އެ ފުރުސަތެއް ވެސް ނުލިބޭ،" ނިޔާޒު ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އަނިލްގެ އަމުރާ އެއްގޮތަށް ދައުލަތުގެ މުއައްސަސާތަކުން އަމަލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާ މައްސަލާގައި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެ އޮފީހުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވާ އޮފިޝަލަށް "މިހާރު" ން ގުޅުމުން ފޯނެއް ނުނަންގަވާތީ އޭޭނާގެ ބަހެއް ނުލިބުނެވެ.

އިދިކޮޅު ކެންޑިޑޭޓް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސެކިއުރިޓީ ނުދޭ ކަމަށް ބުނާއިރު، ފުލުހުން ބުނެފައި ވަނީ ހިމާޔަތާއި ރައްކާތެރިކަން ދޭނީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުން މި މަހުގެ 18 ގައި ކަމަށެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވެސް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާ ދުވަހުން ފެށިގެން އެ މީހުންނަށް ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި 12 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ މީޑިއާ އިން ކެންޑިޑޭޓުންނަށް ހިލޭ އެއާޓައިމް ދޭން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި އެހެން ބުނެފައި އޮތް ނަމަވެސް ބަންޑާރަ ނައިބު އަނިލް ސޮއިކުރައްވައި ހޯމް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ޕީއެސްއެމް އަދި ފުލުހުންނަށް މިދިޔަ މަހު ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ "އިންތިޚާބާ ގުޅޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން ރަސްމީކޮށް އިޢުލާން ކުރެއްވެންދެން ވެސް" ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތު ދިނުމަށެވެ.