ގާނޫނީ ވަކީލުކަމުގެ ހުއްދަ 181 މީހަކަށް މިރޭ ދީ، ވަކީލު ކަމުގެ ހުވާކޮށްފި އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މީހުންނަށް ވަކީލުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ވަކީލު ކަމުގެ ހުއްދައިގެ ލިޔުން ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.
މިރޭ ހުވާކުރި 181 ވަކީލުންނަކީ މި އަހަރު ވަކީލުކަމުގެ ހުވާކޮށް، ހުއްދަ ލިބުނު ދެވަނަ ބެޗެވެ. އެންމެ ފަހުން ހުވާކުރި ބުރުގައި 170 އަށް ވުރެ ގިނަ މީހުންނަށް ވަކީލުކަމުގެ ހުއްދަ ދީފައި ވެ އެވެ. ރާއްޖޭގެ ވަކީލުންގެ ދަފްތަރުގައި މިހާރު 1،500 އަށް ވުރެ ގިނަ ވަކީލުން އެބަ ތިއްބެވެ.
ސުޕްރީމް ކޯޓުން 2015 ގައި ނެރުނު ގަރާރެއްގެ ދަށުން، ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރަނީ އެކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުގައި އޮންނަ ޚާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ އެ ކޮމެޓީގައި އެޓާނީ ޖެނެރަލާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބަވަ އެވެ.