ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހަސީނަށް ދީފި

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފި އެވެ.


އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފައިވާ ކަމަށެވެ.

ހަސީންގެ ޕާޓީއަށް އެންމެ ފުރަތަމަ ކިޔަން އުޅުނީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ (ލޭބާ ޕާޓީ)" އެވެ. މި ނަމުގައި ޕާޓީ ހަދަން ހުށަހެޅުމުން އެ ނަމުގައި ޕާޓީ ހަދަން ހުއްދަ ދެވެން ނެތް ކަމަށް އެންގުމުން ނަން ބަދަލުކޮށް އަލުން ހުށަހެޅީ އެވެ.

ޕާޓީ އުފައްދަން ހުއްދަ ދިނުމާއެކު، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން 3،000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީކުރާނެ ކަމަށް ހަސީން ކުރިން ވިދާޅުވެފައިވެ އެވެ.

އީސީގެ ޓްވީޓް

ހަސީން ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެއިން ހުމާމްގެ ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ އެކި ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވި އެވެ. އޭނާ އެމްޑީޕީން ވަކިވީ އެ ޕާޓީއާ މައްސަލަ ޖެހިގެން ނޫން ކަމަށް ހަސީން ވިދާޅުވެ އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ދިނުމުން، ޕާޓީ ރަޖިސްޓްރީކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީ އެކެވެ. އެއީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.