ސީރިއާގައި ހަނގުރާމަ ކުރުމަށް ގޮސް އުޅުނު ދިވެއްސަކު އިއްޔެ ހަނގުރާމައިގެ ތެރޭގައި މަރުވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު އިއްޔެ މެންދުރު ފަހު ބަދަލު ކުރި ހަމަލާތަކެއްގައި މަރުވީ، މާލެ އަށް ނިސްބަތްވާ މީހެކެވެ. އުމުރުން ފަންސަވީހަކަށް އަހަރުގެ އެ ފިރިހެން މީހާ ސީރިއާ އަށް ދިޔައީ މިދިޔަ އަހަރުގެ މެދު ތެރޭގައި ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަކީ ކުޑަހެންވޭރު ގޭންގަށް ނިސްބަތްވާ މީހެކެވެ.
ސީރިއާގައި ކުރަމުން ދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ބައެއް ދިވެހިން ވަނީ އެ ގައުމަށް ގޮސްފަ އެވެ. މި ފަހުން ދިޔަ ގިނަ މީހުން ގޮސްފައި ވަނީ އާއިލާ ވެސް ގޮވައިގެންނެވެ. އޭގެ ތެރޭގައި އަނބިންނާއި ވަރަށް ތުއްތު ކުދިން ވެސް ހިމެނެ އެވެ.
ސީރިއާ އަށް ދާ ގިނަ ދިވެހިން ގުޅެނީ އަލްގައިދާއާ ކުރިން ގުޅުން އޮތް ޖަބްހަތުއް ނުސްރާ ޖަމާއަތާ އެވެ. އެ މީހުންނާ ގުޅިގެން ހަނގުރާމަ ކުރަނިކޮށް އެތައް ދިވެހިންނެއް މަރު ވެސް ވެފައިވެ އެވެ.
ޓެރަރިޒަމް ގާނޫނު ބުނާ ގޮތުން ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ އަދި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ވެސް ޓެރަރިޒަމްގެ ކުށެކެވެ.
ބޭރު ގައުމުތަކުގައި ހަނގުރާމަ ކުރަން ގޮސް އުޅޭ ދިވެހިންގެ އަދަދު، ފުލުހުންގެ ރަސްމީ ހިސާބުތަކުން 180 އަށް އަރާކަން ވަނީ ހާމަވެފަ އެވެ. އެކަމަކު، ސަރުކާރުން ބުނެފައި ވަނީ އެ އަދަދު އުޅެނީ 49 ގައި ކަމަށެވެ.
ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ މި ފަހުން ދީފަ އެވެ. ޓެރަރިޒަމާ ގުޅޭ ސިޔާސަތެއް އެކުލަވާލާފައި ވާ އިރު، ހައްދުފަހަނައެޅުމާ ގުޅިފައިވާ ސަބަބުތައް ދެނެގަތުމަށް ސާވޭއެއް ކުރަން ވެސް ވަނީ ނިންމާފަ އެވެ. އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާ އެޖެންޓުން ހޯދިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.