ގ. ވޭރު އަބްދުލްމުހީތު (ބޮބީ) މަރާލިކަން ސާބިތުވެ ދަށު ކޯޓުން މަރަން ހުކުމްކޮށްފައިވާ އެއް ކުއްޖަކީ އެ މަރުގެ ޒިންމާ އުފުލަންޖެހޭ ކުއްޖާ ކަމަށާއި އޭނާ އެކަމުގައި ބައިވެރިވިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މުހީތު ހުއްޓައި، ގްރޫޕަކުން އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވި ދެ ކުދިންގެ ތެރެއިން އެ ކުއްޖަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އޭނާ އެކަމުގައި ބައިވެރިވިކަމާ މެދު ޝައްކެއް ނެތް ކަމަށާއި ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެ ކުއްޖާ އެކަމުގައި ބައިވެރިވިކަން ހެކިންގެ ބަހުންނާއި އެނގޭ ކަމަށާއި އެ މާރާމާރީ ހިންގުމަށް ފަހު އެ ކުއްޖާ އެހެން މީހަކާ އެކު ފޯން ކޯލެއްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވެސް އެއީ މާރާމާރީގައި ބައިވެރިވި މީހަކަށް ނޫނީ ނޭނގޭނެ މައުލޫމާތުތަކެއް ކަމަށް ގަބޫލު ކުރެވޭނެ ކަމަށެވެ.

އެ ކުއްޖާގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ހެކިންގެ ބަހަށް ބަލާއިރު އެ ކުއްޖާގެ ދައުރަކީ މުހީތާ މެދު މާރާމާރީ ހިންގުން ކަމަށާއި އެކަމަކު މުހީތު މަރުވެފައިވަނީ އެ މާރާމާރީގައި ބައިވެރިވި އެހެން މީހަކު މުހީތުގެ މެޔަށް ވަޅި ހެރުމުން ކަމަށެވެ. އެހެންވެ މުހީތު މަރުވުމަށް މެދުވެރިވި ސަބަބާއި އެ ކުއްޖާ ކުރި އަމަލުގެ ނަތީޖާ ދިމާނުވާ ކަމަށް ވިދާޅުވެ، ސުއޫދު ވިދާޅުވީ އެ މަރުގެ ޒިންމާ އެ ކުއްޖާ އުފުލަން ނުޖެހޭނެ ކަމަށެވެ.

ސުއޫދުގެ އެ ވާހަކަތަކަށް ދެކޮޅު ހައްދަވައި، ދައުލަތުގެ ވަކީލް ވިދާޅުވީ މުހީތު މަރުވީ ކޮންމެ މީހެއްގެ އަމަލުގެ ނަތީޖާއަކުން ކަމަށްވިޔަސް އެކަމުގައި ބައިވެރިވި އެހެން މީހުން ވެސް އެ މަރުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. އެގޮތަށް ހައި ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ 2003 ގައި މާފުށީ ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމެއް މިސާލެއްގެ ގޮތުން ފާހަގަކޮށްފަ އެވެ.

އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ހެކިބަސް ދިން ބައެއް ހެކިން ހައި ކޯޓަށް ހާޒިރުކޮށްދޭން އެ ކުއްޖާގެ ފަރާތުން އެދިފައިވާތީ އެ ހެކިންނާ ކުރަން ބޭނުންވާ ސުވާލުތައް ހުށަހަޅަން ހައި ކޯޓުން ކުރިން އޮތީ ފުރުސަތު ދީފަ އެވެ. އެކަމަކު އެކަމަށް ދިން މުއްދަތު ހަމަވިއިިރު ވެސް އެ ކުއްޖާގެ ފަރާތުން އެ ސުވާލުތައް ހުށަހަޅާފައިނުވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު ބުންޏެވެ.

މިއަދުގެ އަޑުއެހުމުގެ ވަކި ހިސާބަކުން އެ މައްސަލަ ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެންނެވެ. އަދި މިއަދު ވަނީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ވެސް ނިންމާލައިފަ އެވެ. އެހެންވެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ކުރިން ފަސް ފަނޑިިޔާރުންގެ ބެންޗަކުން ބަލަމުން ގެންދިޔަ އެ މައްސަލަ މިހާރު ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެގޮތަށް ހަމަޖެއްސީ ހައި ކޯޓު މާލޭ ބްރާންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިިން ފަނޑިޔާރު ޝުޖާއު އުސްމާނު އެ ކޯޓުުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ.

މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހަކަށް ވެސް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމްކުރާ ހިސާބުގަ އެވެ.